ޒަކާތު ފަންޑުން މަތީ ތަޢުލީމަށް ދޭ ސްކޮލަރޝިޕަށް ފޯމު ހުށަހަޅާއިރު، މޯލްޑިވްސް ކޮމިފިކޭޝަން އޮތޯރިޓީ، އެމްކިއުއޭގެ ތައްގަނޑު ޖަހަން ހިމަނާފައިވާ ބައިގައި އެއޮތޯރިޓީގެ ތައްގަނޑު ޖަހަން ނުޖެހޭ ގޮތަށް ޒަކާތު ހައުސްއިން ހަމަޖައްސައިފިއެވެ.
ދިވެހިރާއްޖޭގެ ޒަކާތު ފަންޑު މެދުވެރިކޮށް ރާއްޖެއާ ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލްކުރުމަށްދޭ ސްކޮލަރޝިޕަށް ހުށަހެޅުމުގެ މުއްދަތު މިމަހުގެ 29ވަނަ ދުވަހުގެ ނިއަލަށް ވަނީ އިތުރުކޮށްފައެވެ.
ޒަކާތު ހައުސްއިން ވިދާޅުވީ، "މަތީ ތަޢުލީމު ހާސިލްކުރުމަށް ދޭ ސްކޮލަރޝިޕްގެ އެޕްލިކޭޝަން ފޯމު"ގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ، އެމްކިޔުއޭގެ ތައްގަނޑު މިހާރު ޖަހަން ނުޖެހޭނެކަމަށެވެ. އޭގެ ބަދަލުގައި، އެ އޮތޯރިޓީގެ "އެޕްލިކޭޝަން ފޯމް ފޯރ ރިކޮގްނިޝަން އޮފް ދަ އިންޓެންޑެޓް ޕްރޮގްރާމް" މި ފޯމް ފުރިހަމަ ކުރުމަށްފަހު، އެ އޮތޯރިޓީއަށް ހުށަހެޅުމުން ލިބޭ ޖަވާބާއިއެކު، މަތީ ތަޢުލީމު ހާސިލްކުރުމަށް ދޭ ސްކޮލަރޝިޕްގެ އެޕްލިކޭޝަން ފޯމު އަދި މަތީ ތަޢުލީމު ހާސިލްކުރުމަށްދޭ ޚާއްސަ ސްކޮލަރޝިޕްގެ ފޯމް ހުށަހެޅޭނެކަމަށް ޒަކާތު ހައުސްއިން ވިދާޅުވިއެވެ.
ރާއްޖެއާ ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލްކުރުމަށް ޒަކާތު ފަންޑުން ހުޅުވާލާފައިވަނީ 50 ސްކޮލަރޝިޕް ފުރުޞަތެވެ. މީގެ ތެރެއިން 20 ފުރުޞަތު ރާއްޖޭގައި ކިޔެވުމަށް ހުޅުވާލާފައިވާއިރު، އަނެއް 30 ފުރުޞަތު ހުޅުވާލާފައިވަނީ ރާއްޖެއިން ބޭރުގައި ކިޔެވުމަށެވެ. އެއީ މެލޭޝިއާ، ބުރުނާއީ ސައުދީ އަރަބިއްޔާ، މިސްރުގެ އިތުރުން ސާކް ޤައުމުތަކުގައި ކިޔެވުމަށެވެ. އެގޮތުން މެލޭޝިޔާ އާއި ބުރުނާއީގައި ކިޔެވުމަށް 17 ފުރުޞަތު ވަނީ ހުޅުވާލާފައެވެ.
އެ ވުޒާރާއިން ވިދާޅުވީ، ރާއްޖެއިން ބޭރުގައި ކިޔެވުމަށް ހުޅުވާލާފައިވާ 30 ފުރުޞަތުގެ ތެރެއިން 13 ފުރުޞަތަކީ މަތީ ތަޢުލީމު ހާސިލްކުރުމަށްދޭ ޚާއްސަ ސްކޮލަރޝިޕްގެ ފުރުޞަތުތަކެއްކަމަށެވެ. މި 13 ފުރުޞަތު ހުޅުވާލާފައިވަނީ ސާކްގެ ޤައުމުތަކުގެ އިތުރުން މިޞްރުގެ އަލް-އަޒްހަރު ޔުނިވަރސިޓީ އާއި ސަޢުދީ ޢަރަބިއްޔާގެ މަދީނާ ޔުނިވަރސިޓީއާއި، ޤަސީމް ޔުނިވަރސިޓީ، އުއްމުލްޤުރާ ޔުނިވަރސިޓީ، އަބްހާ ޔުނިވަރސިޓީގެ އިތުރުން ކިންގް އަބްދުލްޢަޒީޒް ޔުނިވަރސިޓީން ތަޢުލީމު ހާސިލްކުރުމަށެވެ.
މީގެއިތުރުން ޔޫރޮލޮޖީ، ޔޫރޮލޮޖިކަލް ސާރޖަރީ، ޕީޑިއެޓްރިކް ނިއުރޮލޮޖީ އަދި ނިއުރޮލޮޖީ މިއިން ކޮންމެ ދާއިރާއަކުން ސުޕަރ ސްޕެޝަލިސްޓަކަށްވުމަށް އެއް ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.
އަދި ޝަރީއާ، އަލްޤަޟާ، ތަފްސީރު، ހަދީޘް، އުލޫމުލް ޤުރުއާން، ޢަރަބި، އުސޫލުއްދީން، އިސްލާމީ މާއްދާތައް ހިމެނޭހެން ކިޔަވާ އެހެނިހެން ދާއިރާތަކުން ތަޢުލީމު ޙާޞިލްކުރާ ދަރިވަރުންނަށް، އެ ދަރިވަރަކު ތަޢުލީމު ޙާޞިލްކުރަމުންދާ މަރުކަޒުންދޭ ޚަރަދުތައް ފިޔަވައި އެހެނިހެން ޚަރަދުތައް ހަމަޖެއްސުމަށް (ސްޓައިޕަންޑް) 10 ފުރުސަތު ދޭ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.