ޚަބަރު

މިފަހަރުގެ ބޮޑުބެރު ޗެލެންޖުގެ ޗެންޕިއަންކަން "ބޮޑުބެރު ގުރޫޕު 1438"އަށް


  • 2 ވަނަ ލިބުނީ ހޭވައްލާއަށް، 3 ވަނަ ރިދަމްއަށް

  • އެންމެ މޮޅު ނަގާކިޔުންތެރިއަކީ ހޭވައްލާގެހުސެއިން ސަމްހާން

މިހާރު ކުރިއަށްދާ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ތެރެއިން ބޭއްވި ބޮޑުބެރު ޗެލެންޖުގެ ޗެންޕިއަންކަން "ބޮޑުބެރު ގުރޫޕު 1438"އިން ހޯދައިފިއެވެ. 1438އިން ޗެންޕިއަންކަން ހޯދީ މި ފަހަރުގެ މުބާރާތުގައި ވާދަކުރި 6 ޓީމަކާ ވާދަކޮށެވެ.

ގިނަ އަހަރުތަކަކަށްފަހު އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން އިސްނަގައިގެން ދައުލަތުގެ މީޑިއާ ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމާ ބީސީސީ ގުޅިގެން ބޭއްވި ބޮޑުބެރު މުބާރާތް ކުރިއަށްދިޔައީ މިމަހުގެ 24 ވަނަ ދުވަހުން 28 ވަނަ ދުވަހާ ހަމައަށެވެ. އުފެއްދުންތެރިކަމުގެ މަޢުރަޒުގެ ތެރެއިން ކުރިއަށް ގެންދިޔަ މި މުބާރާތުގައި ވާދަކުރި ޓީމުތަކުން ވަނީ ފައިނަލާ ހަމައަށް ޖުމްލަ 3 ހުށައަޅާފައެވެ. މި މުބާރާތުގައި ޓީމުތަކުން ވަނީ ކާސިމަޖާއާއި ބަބުރާއި ޒަމާނީ ލަވަތަކާއި ތިންބެރުގެ ލަވަތައްފަދަ ދިވެހި ސަގާފީ ބޮޑުބެރުގެ މުހިންމު ބާވަތްތަކެއް ހުށައަޅައިދީފައެވެ.

އިއްޔެ ބޭއްވި ފައިނަލުގައި ވާދަކުރި ޓީމުތަކުން، ކޮންމެ ޓީމަކުން 3 ލަވަ ހުށައެޅިއެވެ. އެ ލަވަތަކަށް މާކްސް ދިނުމަށްފަހު މުޅި މުބާރާތުގެ ޗެންޕިއަކަން ހޯދީ ބޮޑުބެރު ގުރޫޕު 1438އެވެ. އަދި މުބާރާތުގެ 2 ވަނަ ހޭވައްލާ ގުރޫޕަށް ލިބުނުއިރު، 3 ވަނަ ލިބުނީ ރިދަމް ބޮޑުބެރު ގުރޫޕަށެވެ.

މުބާރާތުގެ 1 ވަނަ ޓީމަށް 75،000 ރުފިޔާގެ ފައިސާގެ އިނާމު ދީފައިވެއެވެ. އަދި 2 ވަނަ ޓީމަށް 50،000 ރުފިޔާގެ ފައިސާގެ އިނާމު ދީފައިވާއިރު، 3 ވަނަ ޓީމަށް 25،000 ރުފިޔާގެ ފައިސާ އިނާމު ވަނީ ދީފައެވެ. އަދި ބެލުންތެރި ހޮވި އެންމެ މަޤުބޫލު ބޮޑުބެރު ޓީމަށް 25،000 ރުފިޔާ ދީފައިވެއެވެ. މީގެ އިތުރުން އިނާމުތައް ޙާސިލުކުރި ކޮންމެ ޓީމަކަށްވެސް ޓްރޮފީ ހަވާލުކޮށްފައިވެއެވެ.

މުބާރާތުގެ އެންމެ މޮޅު ނަގާކިޔުންތެރިއަކަށް ހޮވުނީ ހޭވައްލާ ބޮޑުބެރު ގުރޫޕުގެ ހުސެއިން ސަމްހާނެވެ. އެންމެ މޮޅު ބެރުވެރިޔާއަކަށް 1438ގެ ޢަލީ އާޒިމް ހޮވުނުއިރު، އެންމެ މޮޅު ނެށުންތެރިޔާއަށް ހޮވުނީ ހަމަ އެ ގުރޫޕުގެ މުޙައްމަދު މާއިނެވެ. އަދި އެންމެ މޮޅަށް ޒުވާބު ކީ ގުރޫޕަކަށް ހޮވުނީ ރިދަމް ބޮޑުބެރު ގްރޫޕެވެ.

މީގެ އިތުރުން އެންމެ ގިނަ ހުނަރު އެންމެ މޮޅަށް ދެއްކި ހުނަރުވެރިޔާއަށް ހޮވުނީ ރިދަމް ބޮޑުބެރު ގުރޫޕުގެ މުޙައްމަދު އަފްސަރެވެ. އަދި ބެލުންތެރިން ހޮވި އެންމެ މަޤުބޫލު ބޮޑުބެރު ގްރޫޕަކީ ހޭވައްލާއެވެ. މި ގުރޫޕު ހޮވުނީ ޕީއެސްއެމް އެއަރ އެޕް މެދުވެރިކޮށް، ބެލުންތެރިން ދިން ވޯޓާއެކުއެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީން ވިދާޅުވީ މި މުބާރާތް ބޭއްވުމުގެ މަޤުޞަދަކީ ރާއްޖޭގެ ތާރީޚާއި ސަގާފަތުގެ މުއްސަނދިކަން ދައްކުވައިދީ، ބޮޑުބެރުގެ ވާދަވެރިކަމުގެ ތެރެއިން ދާއިރާއަށް އައު ތަރިން ނެރުންކަމަށެވެ. އަދި ދިވެހިންގެ މެދުގައި މިކަމަށް އޮތް ޖޯޝާއި ފޯރި އާލާކޮށް، ޒުވާނުންގެ ހިތްތަކުގައި މި ކަމަށް ލޯބި ޖެއްސުމަކީވެސް މަޤުޞަދެއްކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވެއެވެ.

ބޮޑުބެރަކީ ދިވެހިންގެ އެންމެ މުއްސަނދި ސަގާފީ އެއް މިޔުޒިކީ ހުށައެޅުމެވެ. ޤައުމީ ފެންވަރެއްގައި މީގެ ކުރިން ބޮޑުބެރު ޗެލެންޖެއް ބޭއްވީ ޕީއެސްއެމުންނެވެ. އެންމެ ފަހުން މި މުބާރާތް ބޭއްވީ 2015 ވަނަ އަހަރުއެވެ.