ޕީއެސްޖީގެ ތާރީޚު ބަދަލުކޮށްދިނުމަށް ކޯޗު ލުއިސް އެންރީކޭ ކުޅުންތެރިންގެ ކިބައިން އެދިއްޖެއެވެ.
އޭނާ މިހެން އެދުނީ ޔުއެފާ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި މިރޭ އިޓަލީގެ އިންޓަރ މިލާނާ ދެކޮޅަށް ކުޅެން ޖެހިފައިވަނިކޮށެވެ.
ޕީއެސްޖީ އަކީ މި މުބާރާތް ދުވަހަކު ވެސް ކާމިޔާބުކުރެވުނު ޓީމެއް ނޫނެވެ. ނަމަވެސް އެ ޓީމުން ވަނީ ފައިނަލެއް ކުޅެފަ އެވެ. މިއާ ހިލާފަށް އިންޓަ މިލާނަކީ މި ތަށި ތިން ފަހަރު ހޯދާފައިވާ ކުލަބެކެވެ. ކޯޗު ލުއިސް އެންރީކޭ ވަނީ 2015 ވަނަ އަހަރު އޭނާގެ ކުރީގެ ކުލަބު ބާސެލޯނާ އަށް މި ތަށި ހޯދައިދީފަ އެވެ.
"އެއީ މީގެ 10 އަހަރު ކުރި. އަހަރެން މިހާރު 10 އަހަރު ދޮށި ވެއްޖެ. އަދި ކޯޗެއްގެ ގޮތުން ވެސް ކުރި އަރައިފި. އޭރަށްވުރެ މިހާރު އަހަރެން މިހާރު މާބޮޑަށް ފޯރާ ކޯޗަކަށް ވެއްޖެ. މިހާރު މި ތަށި ހޯދުމަކީ ލިބޭނެ ބޮޑު އުފަލެއް،" އެންރީކޭ ބުންޏެވެ.
އޭނާ ބުނީ މީގެ ކުރިން އެހެން ބަޔަކަށް ނުކުރެވޭ ކަމެއް ކުލަބެއްގެ ތާރީހުގައި ކުރަން ކުޅުންތެރިންނަށް ފުރުސަތު ލިބުމުން އެކަމަށް ހިތްވަރު ކުރަންޖެހޭނެ ކަމަށެވެ.
"ކުލަބެއްގެ ތާރީހު ބަދަލު ކުރުމަކީ އަބަދު ވާނެ ކަމެއް ނޫން. މީގެ ކުރިން ކުޅުނު ކުޅުންތެރިންނަށް ނުވެ އޮތް ކަމެއް ކުރަން ފުރުސަތު ލިބުމުން އެކަން ކޮށްލަންވާނެ. އަހަރެން އެދެނީ ކުޅުންތެރިން މިކަން ފުރިހަމަ ކޮށްދިނުމަށް،" އެންރީކޭ ބުންޏެވެ.
އޭނާ ބުނީ ޕީއެސްޖީގެ މިހާރުގެ ޓީމަކީ ހުރިހާ ގޮތަކުން ވާދަވެރި މޮޅު ކުޅުންތެރިންގެ ޓީމެއް ކަމަށާއި ތަށި ނުލިބެންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި ހުރިހާ ކުޅުންތެރިންގެ ވެސް ވިސްނުން ހުރީ ތަށި ހޯދަން ކަމަށްވުމުން އޭނާ އެކަމާ އުފާ ކުރާ ކަމަށެވެ.