ޚަބަރު

ގެދޮރު އިމާރާތްކުރުމަށް ހުޅުވާލި ލޯނު ސްކީމަށް 2200އަށްވުރެ ގިނަ ފޯމު


  • ސްކީމް އިފްތިތާހުކުރީ މިދިޔަ އަހަރުގެ ނޮވެންބަރު މަހު

  • 3 ކެޓަގަރީއަކުން ލޯނު ދޫކުރޭ

  • ސަރުކާރުން ކޮންމެ އަހަރަކު 1 ބިލިއަން ރުފިޔާ މިސްކީމަށް ބޭންކުތަކަށް އިންވެސްޓްކުރޭ

ގެދޮރު އެޅުމަށް މާލީ ދަތިކަން ކުރިމަތިވެފައިވާ ފަރާތްތަކަށް ޚާއްސަކޮށް ހުޅުވާލި "ހިޔާވެހި" ލޯނު ސްކީމަށް އެދި 2200 އަށްވުރެ ގިނަ މީހުން ހުށައަޅާފައިވާކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މި ސްކީމްގެ ފުރަތަމަ ބުރުގައި ފޯމު ހުށައެޅުމަށް ދިން މުއްދަތު ރޭގެ ނިޔަލަށް ވަނީ ހަމަވެފައެވެ.

ހިޔާވެހި ސްކީމަކީ މާލީ ދަތިކަމުގެ ސަބަބުން ގެދޮރު އެޅުމަށް ދަތިވެފައިވާ ފަރާތްތަކަށް ޙައްލެއް ހޯދައިދިނުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހުޅުވާލަދެއްވި ފުރުޞަތެކެވެ. މި ސްކީމް އިފްތިތާޙުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 5ވަނަ ދުވަހުއެވެ.

މިއީ %5ގެ ޕްރޮފިޓް މާޖިންއެއްގައި، 25 އަހަރުން އަނބުރާ ދައްކާގޮތަށް ދޫކުރާ ފައިނޭޝަލް ފެސިލިޓީއެކެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ މި ސްކީމްގެ މުއްދަތު ހަމަވިއިރު، ސްކީމަށް އެދި ޖުމްލަ 2256 ފޯމު ހުށައަޅާފައިވާކަމަށެވެ. ހިޔާވެހި ސްކީމް ބެހިފައިވަނީ މައިގަނޑު 3 ބަޔަކަށެވެ.

އެވުޒާރާއިން ވިދާޅުވީ ކުދި ރަށްތަކަށް ޚާއްސަ "ރަށްވެހި" ސްކީމަށް 1329 ފޯމު، އަރބަން ސެންޓަރުތަކަށް ޚާއްސަ "ސަހަރު" ސްކީމަށް 586 ފޯމު އަދި ފުރަމާލެއަށް ޚާއްސަކޮށްފައިވާ "ފަހިމާލެ" ސްކީމަށް 341 ފޯމު ހުށައަޅާފައިވާކަމަށެވެ.

ފުރަތަމަ ސްކީމަކީ އަތޮޅުތަކުގެ ރަށްރަށަށް ޚާއްޞަ ގެދޮރު ޢިމާރާތްކުރުމުގެ ލޯނު ސްކީމެވެ. މި ސްކީމްގައި މާލީ އެހީ ދޫކުރަނީ 1 މިލިޔަން ރުފިޔާއާ ހަމައަށެވެ. ދެވަނަ ސްކީމަކީ ސަރުކާރުން އާރބަން ސެންޓަރުތަކުގެ ގޮތުގައި ކަނޑައަޅާ ރަށްރަށަށް ޚާއްޞަ ސްކީމެކެވެ. މި ސްކީމްގެ ދަށުން 3 މިލިޔަން ރުފިޔާއާއި ހަމައަށް ލޯނު ދޫކުރާނެއެވެ. ތިންވަނަ ސްކީމު ޚާއްޞަކޮށްފައިވަނީ ފުރަމާލެއަށް 6 މިލިޔަން ރުފިޔާއާއި ހަމައަށް ލޯން ދޫކުރާ ގޮތަށެވެ.

ލޯނު ދޫކުރަނީ ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން މެދުވެރިކޮށެވެ. މި ސްކީމްގެ ދަށުން އެއްވެސް އިކުއިޓީއެއް ދައްކާކަށް ނުޖެހޭނެއެވެ. ހިޔާވެހި ސްކީމަށް ފޯމު ހުށައެޅުމުގެ ފުރުޞަދު ދީފަވަނީ ހިޔާވެހި ޕޯޓަލް މެދުވެރިކޮށެވެ.

ސަރުކާރުން މީގެކުރިން ހާމަކޮށްފައިވާގޮތުގައި، ސްކީމަށް މުއްދަތު ހަމަވާތާ 3 މަސްދުވަހުގެ ތެރޭގައި ލޯނު ދޫކުރަން ފަށާނެއެވެ. މި ސްކީމުން އެހީތެރިކަން ފޯރުކޮށްދިނުމަށް ކޮންމެ އަހަރެއްގެ ބަޖެޓުގައި 1 ބިލިޔަން ރުފިޔާ ޚާއްސަކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވަނީ ވިދާޅުވެފައެވެ. މި ސްކީމަށް ސަރުކާރުން 1 ބިލިޔަން ރުފިޔާ ބޭންކުތަކަށް އިންވެސްޓްކުރިނަމަވެސް، ބޭންކުތަކުން ލޯނު ދޫކުރާއިރު ޖުމްލަ 2 ބިލިޔަނާ ހަމައަށް ލޯނު ދޭނެކަމަށް ރައީސް ވިދާޅުވިއެވެ.

މި ސްކީމްގެތެރެއިން، މުޅިން އަލަށް ގެދޮރު އިމާރާތްކުރާ މީހުންނާއި އަދި ގެދޮރު މަރާމާތުކުރުމުގެ މަސައްކަތަށްވެސް މާލީ އެހީތެރިކަން ހޯދޭނެއެވެ.