ކޯޗު ލޫސިއާނޯ ސްޕަލެއްޓީއާ މެދު ހިތްހަމަނުޖެހިގެން އިޓަލީގެ ގައުމީ ޓީމަށް ނުކުޅެން އިންޓަރ މިލާނުގެ ޑިފެންޑަރު ފްރެންޗެސްކޯ އަޗޭރްބީ ނިންމައިފިއެވެ.
އުމުރުން 37 އަހަރުގެ ކުޅުންތެރިޔާއަށް އިޓަލީގެ ގައުމީ ޓީމުން ޖާގަ ދިނީ އޭނާ އިންޓަރ މިލާނުގައި މި ސީޒަނުގައި ދެއްކި މޮޅު ކުޅުމާއެކުގައެވެ. ޔުއެފާ ޗެމްޕިއަންސް ލީގު ސެމީ ފައިނަލުގެ ފަހު މިނިޓްގައި ބާސެލޯނާ ކޮޅަށް ގޯލު ޖެހީވެސް އޭނާއެވެ.
ނަމަވެސް އިޓަލީގެ ގައުމީ ޓީމުން ވަނީ މިއަދު ހެނދުނު ކޯޗަށް ގުޅައި ގައުމީ ޓީމުގެ ހުށަހެޅުން ގަބޫލުނުކުރާކަން އަޗޭރްބީ އަންގާފައިވާ ކަމަށް ބުނެފައެވެ.
ގައުމީ ޓީމަށް ނުޅެން ނިންމި ސަބަބާ ބެހޭ ގޮތުން އަޗޭރްބީ ބުނީ މި ފަހަރު ފުރުސަތު ދިން ނަމަވެސް އިޓަލީގެ ގައުމީ ޓީމުގައި ކޯޗު ކުރިއަށްގެންދާ ޕްރޮޖެކްޓްގައި އޭނާ ނުހިމެނޭ ކަމަށެވެ. އަދި އެކަން ވަރަށް ސާފު ކަމަށާއި ކޮންމެ ކަމެއްގައިވެސް އިސްކޮށް ހުންނަ މީހާގެ ފުށުން އިހްތިރާމް ލިބެންޖެހޭނެ ކަމަށެވެ. އެކަމަކު އިހްތިރާމް ނުލިބޭނަމަ އެކަމެއްގައި ބައިވެރިވުމަކީ ބުއްދިވެރި ގޮތެއް ނޫން ކަމަށެވެ.
"ވަރަށް ފުންކޮށް ވިސްނާފައި މިއަދު އަހަރެން ކޯޗާ ވާހަކަ ދެއްކިން. އަދި އަހަރެން ގައުމީ ޓީމުގެ ހުށަހެޅުން ގަބޫލު ނުކުރާ ވާހަކަ ބުނިން. މިއީ އަހަރެން އެހާ ފަސޭހައިން ނިންމި ނިންމުމެއް ނޫން. ސަބަބަކީ ގައުމީ ޓީމުގެ ޖާޒީ ލުމަކީ އަބަދުވެސް ލިބޭ ޝަރަފެއް،" އަޗޭރްބީ ބުންޏެވެ.
އޭނާ ބުނީ މި ވަގުތު އިޓަލީގެ ގައުމީ ޓީމާއެކު ކުރިއަށް ދިއުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.
"އަހަރެން ޗެމްޕިއަންސް ލީގު ފައިނަލުން ބަލިވީ އުޒުރު ދައްކަނީ އެއް ނޫން. މިވަގުތު އިޓަލީގެ ގައުމީ ޓީމާއެކު ކުރިއަށް ދިއުމަކީ ރަނގަޅު ކަމެއްނޫން. އަހަރެން ބުނަނީ އިހްތިރާމް ލިބެން ޖެހޭ ވާހަކަ. އެ އިހްތިރާމް އެންމެ އިސްކޮށް ހުންނަ މީހާގެ ފުށުން ނުލިބޭނަމަ ގައުމީ ޓީމާއެކު ވެސް ކުރިއަށް ދިއުން ރަނގަޅެއް ނުވާނެ. މިހެންވެ އަހަރެން ފަހަތަށް ޖެހުނީ،" އަޗޭރްބީ ބުންޏެވެ.
އޭނާ ބުނީ ކޯޗާއެކު ދެއްކި ވާހަކަތަކުގައި އޭނާގެ ނިންމުމަކީ އެއްވެސް ފަރާތަކުން ހިތްހަމަ ނުޖެހިގެން ރުޅި އަންނަންޖެހޭގެ ސަބަބެއް ނޫން ކަމަށްވެސް ބުނެފައިވާނެ ކަމަށެވެ.
އިޓަލީގެ މީޑިއާތަކުން ބުނަނީ 2020 ވަނަ އަހަރުގެ ޔޫރޯ އިޓަލީއަށް ކާމިޔާބު ކޮށްދިނުމުގައި މުހިންމު ދައުރެ އަދާކުރި އަޗޭރްބީ އާއި ކޯޗު ސްޕަލެއްޓީއާ ދެމެދުގައި މީގެ ކުރިން ގުޅުން ގޯސްވެފައިވާ ކަމަށެވެ.
"އަހަރެން އެދެނީ ގައުމީ ޓީމަށް އަބަދުވެސް ކާމިޔާބު ލިބުން. އެތަނުގައި އެ ތިބީ އަހަރެންގެ ރަހުމަތްރެރިން. އަހަރެން އަބަދުވެސް ހުންނާނީ ޓީމުގެ ސަޕޯޓަރެއްގެ ގޮތުގައި،" އަޗޭރްބީ ބުންޏެވެ.