ތައްޓެއް ނުލިބި ހުސްވި ސީޒަން ނިމުނު ނަމަވެސް އިޓަލީގެ އިންޓަރ މިލާނުން ބޭނުންވަނީ އެ ކުލަބުގެ ކޯޗު ސިމޯން އިންޒާގީ މަގާމުގައި ދެމިހުންނަން ކަމަށް އެ ކުލަބުން ބުނެފިއެވެ.
ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ފްރާންސްގެ ޕީއެސްޖީ އަތުން ތަފާތު ބޮޑުކޮށް ބަލިވި މެޗަށް ފަހު އިންޓަގެ ރައީސް ގުއިސެއްޕެ މޮރާޓާ ވިދާޅުވީ ކޮންމެ ގޮތަކަށް ފައިނަލް މެޗުގެ ނަތީޖާ ނިމުނު ނަމަވެސް ކުލަބުގެ ވިސްނުމަކީ ކޯޗު މަގާމުގައި ބެހެއްޓުން ކަމަށެވެ.
"މި ބައްޔަކީ އަހަރުމެންގެ ނިންމުމަށް ބަދަލު އަންނާނެ ކަމެއް ނޫން. އިންޒާގީ އާއި ކުލަބާ ދެމެދު ހެދި ކޮންޓްރެކްޓްގައި އަދި އެއް އަހަރު އެބައޮތް. އަހަރުމެން ނިންމާފައި މިވަނީ މި ހަފުތާގައި އޭނާއާ ވާހަކަ ދައްކަން،" މޮރާޓާ ވިދާޅުވި އެވެ.
ނަމަވެސް މިހާރު އުމުރުން 49 އަހަރުގެ އިންޒާގީ ވަނީ ކުލަބާއެކު ވާހަކަ ދެއްކުން މަޑު ޖައްސާލައިފަ އެވެ. އޭނާ އަށް ސައޫދީ އަރަބިއާގެ އަލް ހިލާލްއިން އިންޓައިން ދޭ މުސާރަ އަށް ވުރެ މާ ބޮޑު މުސާރަ އެއް ވަނީ ހުށަހަޅާފަ އެވެ. އިޓަލީގެ މީޑިއާތަކުން ބުނަނީ މި ކޮންޓްރެކްޓް ލިބިފައިވުމާއި އިންޓަގެ ނަތީޖާތައް މި ސީޒަނުގައި ދަށް ވުމާއި އަދިވެސް ތަފާތު ސަބަބުތަކާހުރެ އެންމެ ގާތީ އިންޒާގީ ކުލަބުގައި މަޑު ނުކުރުން ކަމަށެވެ. އަދި މި މަހުގެ 15 ވަނަ ދުވަހު ފަށާ ކުލަބު ވޯލްޑްކަޕުގެ ކުރިން ކޯޗު ކުލަބާ ވަކިވުން ގާތް ކަމަށެވެ.
ނަމަވެސް މޮރާޓާ ވިދާޅުވީ އިންޓަ މިލާނުން މި ދިޔަ ފަސް އަހަރު ހޯދި ރަނގަޅު ނަތީޖާތަކުގެ ސަބަބަކީ އިންޒާގީ ގެންގުޅުނު ޕްރޮފެޝަނަލް ކަން ކަމަށެވެ.
"އޭނާ މަޑުކުރަން ނިންމައިފި ނަމަ އަހަރުމެން ވަރަށް އުފާވާނެ. ސަބަބަކީ އަހަރުމެން އެއް ގޮތަކަށް ވެސް ބޭނުމެއް ނޫން ކޯޗު ކުލަބުން ވަކިވާކަށް. މިހެން އަހަރުމެން އޭނާއާ މަޝްވަރާ ކުރަން ބޭނުން ވަނީ ވެސް. އޭނާގެ ކޮންޓްރެކްޓްގެ ފަހު އަހަރާ ބެހޭ ގޮތުން މަޝްވަރާ ކުރުމަކީ މިވަގުތު ވަރަށް މުހިންމު ކަމެއް. އަހަރުމެންގެ ފުށުން އޭނާ އަށް އެއްވެސް ހިތްހަމަ ނުޖެހުމެއް ނެތް،" މޮރާޓާ ވިދާޅުވި އެވެ.
2021 ވަނަ އަހަރު އިންޓަ މިލާނުގެ ކޯޗު ކަމާ ހަވާލުވި އިންޒާގީގެ ކޯޗުކަމުގައި އިންޓަ މިލާން ވަނީ އިޓާލިއަން ސުޕަ ކަޕް ތިން ފަހަރު އަދި އިޓާލިއަން ކަޕް ދެ ފަހަރު އަދި އިޓާލިއަން ލީގު އެއް ފަހަރު ކާމިޔާބުކޮށްފަ އެވެ.