ޚަބަރު

ޕީއެސްޖީގެ ޕެރޭޑް ޕެރިހުގެ މަގުތަކުގައި ބާއްވައިފި


ޔުއެފާ ޗެމްޕިއަންސް ލީގު ފުރަތަމަ ފަހަރަށް ކާމިޔާބުކުރުމަށްފަހު އެނބުރި ގައުމަށް ގޮސް ޕެރިހުގެ މަގުތަކުގައި ޕީއެސްޖީގެ ޕެރޭޑް ބާއްވައިފިއެވެ.

އިޓަލީގެ އިންޓަރ މިލާން 5-0 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހު ޗެމްޕިއަންސް ލީގު ފުރަތަމަ ފަހަރަށް ކާމިޔާބުކުރި ޕީއެސްޖީ އިން އެނބުރި ގައުމަށް ދިޔައިރު, މި ކާމިޔާބީ ފާހަގަ ކުރުމުގެ ތެރޭގައި ހިނގާދިޔަ ހާދިސާއެއްގައި ދެ މީހުން ވަނީ މަރުވެފަ އެވެ. އެހެންކަމުން ޕީއެސްޖީގެ ޕެރޭޑް ކުރިއަށް ގެންގޮސްފައިވަނީ ވަރުގަދަ ސަލާމަތީ ފިޔަވަޅު ތަކާއިއެކުގަ އެވެ.

އުމުރުން 17 އަހަރާއި 23 އަހަރުގެ ދެ ޒުވާނުން މަރުވެފައިވާއިރު 192 މީހަކަށް އެކިވަރުގެ އަނިޔާވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި ޕެރިހުން އެކަނި 491 މީހަކު މި ހާދިސާ އާއި ގުޅިގެން ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ޕެރިހުގައި ހިނގާދިޔަ ހާދިސާ އާއި ގުޅިގެން ޕީއެސްޖީ އިން ވަނީ އެކަމާއި ދެކޮޅަށް ބަޔާނެއް ނެރެފަ އެވެ.

ޕީއެސްޖީ އެނބުރި ގައުމަށް ގޮސް މަތި ނަގާފައިވާ ބަހެއްގައި ޕެރޭޑް ކުރިއަށް ގެންގޮސްފައިވާއިރު ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން ވަނީ އެ ޓީމުގެ ކުޅުންތެރިންނާއި ބައްދަލުކޮށް އެ ޓީމަށް ތަހުނިޔާ ކިޔާފަ އެވެ.

ޕީއެސްޖީގެ ކާމިޔާބީ ނިންމާލާފައިވަނީ އެ ޓީމުގެ ސީޒަން ޓިކެޓް ގަނެފައިވާ ފަރާތްތަކާއިއެކު ޕީއެސްޖީގެ ޕާކް ޑި ޕްރިންސަސް ސްޓޭޑިއަމްގައި ރޭ ބޭއްވި ހާއްސަ ހަރަކާތަކަށްފަހުގަ އެވެ.