ޚަބަރު

ޙައްޖާޖީންގެ ބޭހާއި ވެކްސިން އަދި މެޑިކަލް ޓެސްޓުތައް ހިލޭ ހެދޭނެ އިންތިޒާމު ރައީސް ހަމަޖައްސަވައިދެއްވައިފި


  • ޙާޖީންނަށް ބޭނުންވާ ބޭސް ހިލޭ ލިބޭނެ ގޮތް ވަގުތުން ހަމަޖައްސައިދެއްވި

  • ޙާޖީންގެ މެޑިކަލް ޓެސްޓުތައްވެސް ހިލޭ ހެދޭނެ އިންތިޒާމު ހަޖައްސާނެ

  • ޙައްޖުގެ އިންތިޒާމުތައް އިތުރަށް ފުރިހަމަކުރުމަށް އިސްކަންދެއްވާ

ޙައްޖަށް ދިއުމުގެ ކުރިން ޙައްޖާޖީން ފުރިހަމަކުރަން ޖެހޭ ވެކްސިންތަކާއި، ޞިއްޙީ ޓެސްޓުތައް ހިލޭ ހެދޭނެ އިންތިޒާމު ދެން ހަމަޖައްސަވާނެކަމަށް ވިދާޅުވެ، ޙައްޖާޖީންނަށް ބޭނުންވާ ބޭސް ހިލޭ ލިބޭނެގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިދެއްވައިފިއެވެ. މިގޮތަށް ހަމަޖައްސަވައި އެކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވީ މައްކާގައި، ދިވެހި ޙައްޖާޖީން ތިބޭ ހޮޓަލުގައި ޙައްޖާޖީންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ދިވެހި ޙައްޖާޖީންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ޙައްޖުގެ އިންތިޒާމުތައް ވީހާވެސް ފަސޭހަ އަދި ލުއިކޮށް ހަމަޖައްސަވައިދެއްވުމަށް ސަރުކާރުން ވަރަށްބޮޑު އިސްކަންދެއްވާކަމަށެވެ. އެގޮތުން މިއަހަރަކީ ސަޢުދި ޢަރަބިއްޔާއިން ރާއްޖެއަށް ކުރިން ދީފައި ނުވާ އެތައް ލުއިތަކެއް ދެއްވި އަހަރެއްކަމަށާއި، އެކަންކަން ހަމަޖެހިގެން ދިޔައީ ސަޢުދީ ސަރުކާރުގެ ވަރަށް ބޮޑު އެހީއަކާއެކުކަމަށް ވިދާޅުވިއެވެ.

ރައީސް ވަނީ މިއަހަރު ޙައްޖާޖީންނަށް ދޭ ޚިދުމަތުގެ ފެންވަރުގެ ކެޓަގަރީ މަތިކޮށްފައިވާކަންވެސް ފާހަގަކުރައްވާފައެވެ. އަދި ދިވެހި ޙައްޖާޖީން ތިބޭ ހޮޓަލުގައި ފުރިހަމަ ކްލިނިކެއް ޤާއިމްކުރުމުގައިވެސް ސަޢުދީ ސަރުކާރުން ދެއްވި އެހީތެރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޙާޖީންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ހުށައަޅަން ބޭނުންވާ ކަންކަން ހުށައެޅުމުގެ ފުރުޞަތުވެސް އެމަނިކުފާނު ދެއްވިއެވެ. މިއާއެކީ ބައެއް ޙާޖީންވަނީ މިއަހަރުގެ ޙައްޖުގެ އިންތިޒާމުތަކުގެ ފުރިހަމަކަން ފާހަގަކޮށްފައެވެ. އަދި ހޮޓަލުގައި ހުރި ކްލިނިކުން ބޭސް ގަންނަން ޖެހޭ ޖެހުމަށް ބަދަލެއް ގެނެސްދިނުމަށް އެދިފައިވެއެވެ. އަދި ޙައްޖަށް އައުމުގެ ކުރިން އަތޮޅުތަކުގައި ވެކްސިން ފުރިހަމަކޮށް، ހިލޭ ޓެސްޓުތައް ހެދޭނެގޮތް ހަމަޖެހުމަށްވެސް ބައެއް ހާޖީން އެދުނެވެ.

އެ ވާހަކަތައް އަޑުއައްސަވައި ރައީސް ވަނީ، ދިވެހި ޙައްޖާޖީންނަށް މައްކާގައި ހުރި ކްލިނިކުން ހިލޭ ބޭސް ލިބޭނެ އިންތިޒާމު ވަގުތުން ހަމަޖައްސަވައިދެއްވާފައެވެ. މާލީ ވަޒީރުވެސް އިންނެވި އެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ މިއަދުން ފެށިގެން ހިލޭ ބޭސް ލިބޭނެ އިންތިޒާމު މާލީ ވަޒީރު ހަމަޖައްސަވައިދެއްވާނެކަމަށެވެ.

މީގެ އިތުރުން ޙައްޖާޖީން ފުރިހަމަކުރަންޖެހޭ ވެކްސިންތަކާއި، ހަދަންޖެހޭ ޞިއްޙީ އެކި ޓެސްޓުތައްވެސް ހިލޭ ހެދޭނެ އިންތިޒާމު ހަމަޖައްސަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ޙައްޖާޖީން ގަންނަންޖެހޭ ބޭހާއި ވެކްސިން ހިލޭ ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ. އަދި މެޑިކަލް ޓެސްޓުތައް ހެދުންވެސް އިރާދަކުރެއްވިއްޔާ ހިލޭ ހެދޭނެ އިންތިޒާމު ހަމަޖެހިގެންދާނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެއިތުރުންވެސް ރައީސް ވަނީ ކިއުގައި ޙައްޖަށް ނާދެވިތިބި ޙައްޖާޖީންނަށް އަވަހަށް ޙައްޖުގެ އަޅުކަން އަދާކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަޢުދީ ސަރުކާރާއެކު މަސައްކަތްތަކެއް ކުރައްވަމުން އަންނަކަމަށްވެސް ވިދާޅުވެފައެވެ.

މިއަހަރުވެސް ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް 1000 ޙައްޖު ކޯޓާ ރާއްޖެއަށް ވަނީ ދީފައެވެ. މިއަހަރު އެއްވެސް ޤައުމަކަށް އިތުރު ކޯޓާ ސަޢުދީ ސަރުކާރުން ދީފައިނުވެއެވެ.