މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ހަމަލާތައް މެދުކަނޑައިލަން އިޢުލާނުކުރި ފަހުން ވެސް، ޔަހޫދީންގެ ނިރުބަވެރި ދައުލަތުން ފަލަސްޠީނުގެ ޣައްޒާއަށް ދެމުންދާ ލާއިންސާނީ ހަމަލާތަކުގައި އެވްރެޖްކޮށް ކޮންމެ 90 މިނެޓަކުން ފަލަސްޠީނުގެ ރައްޔިތަކު ޝަހީދުކޮށް ނުވަތަ ޒަޚަމްކޮށްލަމުންދާ ކަމަށް ބައިނަލްއަޤްވާމީ އެހީދޭ ޖަމްޢިއްޔާއެއް ކަމަށްވާ އިސްލާމިކް ރިލީފުން ހާމަކޮށްފިއެވެ.
އިނގިރޭސިވިލާތުގައި ރަޖިސްޓްރީކޮށްފައިވާ މި ޖަމާޢަތުން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި މަދުވެގެން 1,454 ފަލަސްޠީނު ރައްޔިތުން ވަނީ ޝަހީދުވެފައެވެ. އަދި 5,000 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާއިރު، ޝަހީދުވި މީހުންގެ ތެރޭގައި މަދުވެގެން 320 ކުޑަކުދިން ހިމެނެއެވެ. މިއީ އެވްރެޖްކޮށް ބަލާނަމަ ދުވާލަކު ކުއްޖެކެވެ.
ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާގެ ރަސްމީ ތަފާސްހިސާބުތަކަށް ބަލާއިރު، ހަމަލާތައް ހުއްޓައިލި ކަމަށް ބުނި ފަހުން 1,471 މީހުން ޝަހީދުވެ، 5,189 މީހުން ވަނީ ޒަޚަމްވެފައެވެ. މީގެ ތެރޭގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޝަހީދުވި 4 މީހުންނާއި ޒަޚަމްވި 28 މީހުން ހިމެނެއެވެ. މީގެއިތުރުން، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ޔަހޫދީން ހިންގަމުންދާ ނަސްލުހޭދުކުރުމުގެ ޖަރީމާތަކުގައި މިހާތަނަށް މަދުވެގެން 74,254 މީހުން ޝަހީދުކޮށްލާފައިވާ ކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.
ފަލަސްޠީނުގެ ރަސްމީ ނިއުސް އޭޖެންސީ "ވަފާ" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބުރާސްފަތި ދުވަހު ޔަހޫދީންގެ ނިރުބަވެރި ސިފައިން ވަނީ ޣައްޒާގެ މެދުތެރޭގައިވާ ސަރަޙައްދުން ފަލަސްޠީނު މީހަކު ޝަހީދުކޮށްލާފައެވެ. އަދި ޚާން ޔޫނިސްގެ އާންމުން ދިރިއުޅޭ ގެއަކަށް ދިން ވައިގެ ހަމަލާއެއްގައި އެތައް ބަޔަކު ޒަޚަމްވެފައިވާއިރު، ހުޅަނގު އައްސޭރީގެ ހުޅަނގުގައިވާ ސަރަޙައްދަކަށް ޔަހޫދީ ސިފައިން ވަދެގަނެ، 13 އަހަރުގެ ކުއްޖެއްގެ ފަޔަށް ބަޑިޖަހައި ޒަޚަމްކޮށްލާފައިވާ ކަމަށް ފަލަސްޠީނުގެ ރެޑް ކްރެސެންޓުން ވަނީ ކަށަވަރުކޮށްދީފައެވެ.
އިސްލާމިކް ރިލީފުން ފާހަގަކުރި ގޮތުގައި، ޔަހޫދީންގެ އަސްކަރީ ކޮންޓްރޯލް ދައްކުވައިދޭ "ރީނދޫ ރޮނގު" ބޭނުންކޮށްގެން، ޣައްޒާގެ ބިމުގެ 65 އިންސައްތައިން ފަލަސްޠީނުގެ ރައްޔިތުން ވަނީ ގަދަކަމުން ނެރެލައިފައެވެ. އަދި އެ ސަރަހައްދުގެ 2.1 މިލިއަން ރައްޔިތުން މަޖުބޫރުކޮށްފައިވަނީ ބާކީ އޮތް ކުޑަ 35 އިންސައްތަ ސަރަޙައްދުގައި ތޮއްޖެހިގެން ދިރިއުޅުމަށެވެ.
ޣައްޒާގައި ހަރަކާތްތެރިވާ އެ ޖަމާޢަތުގެ އޮފިޝަލަކު ވިދާޅުވީ، ބޭރުފުށުން ހަމަލާތައް ހުއްޓާލާފައިވާ ކަމަށް ދެއްކި ނަމަވެސް، މައިދާނުގެ ޙަޤީޤަތަކީ އެއީއެއް ނޫނެވެ. ޔަހޫދީ ދައުލަތުން އަދިވެސް އަމާޒުކުރަނީ ރައްކާތެރިކަން ހޯދައިގެން ތިބޭ ވަގުތީ ފޭލިގެތަކަށާއި އާންމުން އެއްވެ އުޅޭ ސަރަޙައްދުތަކަށް ކަމަށްވާތީ، ރައްޔިތުން އަދިވެސް ދިރިއުޅެމުންދަނީ އިންތިހާ ބިރުވެރިކަމެއްގެ ތެރޭގައެވެ.
ހަމައެއާއެކު، ޣައްޒާގެ ޢިމާރާތްތަކުގެ 82 އިންސައްތަ ބިމާހަމަކޮށް ސުންނާފަތިކޮށްލާފައިވާއިރު، ވަގުތީ ހިޔާވަހިކަމުގެ ސާމާނާއި، ތެލާއި، އަދި ޞިއްޙީ ވަޞީލަތްތައް އެތެރެކުރުމަށް ޔަހޫދީން ދަނީ ހުރަސްއަޅަމުންނެވެ. ސިއްހީ ޚިދުމަތްދޭ މަރުކަޒުތަކުގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ތަންތަން ހުއްޓުމަކަށް އައިސްފައިވާއިރު، ފުރާނައަށް ނުރައްކާވާ ބޮޑެތި ބަލިތައް ތަޙައްމަލުކުރަމުންދާ 20,000 އަށްވުރެ ގިނަ ބަލިމީހުން ޣައްޒާއިން ބޭރަށް ފަރުވާއަށް ފޮނުވުމުގެ ޙުއްދަވެސް ޔަހޫދީން ވަނީ ހިފަހައްޓައިފައެވެ.
އިސްލާމިކް ރިލީފުން ވަނީ، ހަމައެކަނި ނަމެއްގައި އިޢުލާނުކޮށްފައިވާ ހަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުމަކީ ފަލަސްޠީނުގެ ރައްޔިތުން ހިމާޔަތްކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ފިޔަވަޅު ނާޅައި ތިބުމަށް ދެއްކޭނެ ބަހަނާއެއް ނޫން ކަމަށް ބުނެ، ޔަހޫދީންގެ ލާއިންސާނީ ޖަރީމާތަކަށް ޖަވާބުދާރީ ކުރުވުމަށް ދުނިޔޭގެ އިސް ވެރިންނަށް ގޮވާލައިފައެވެ.