މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް ދިޔަ ދިވެހި ހުރިހާ ޙައްޖުވެރިންވެސް މިނާއަށް ގޮސްފިއެވެ. ޙައްޖުވެރިން މިނާއަށް ގޮސްފައިވަނީ ރޭގެ ވަގުތެއްގައެވެ.
ރާއްޖެއިން މިއަހަރު ޙައްޖަށް ދިޔަ 1000 ޙައްޖާޖީން، ހޮޓަލުން މިނާއަށް ދަތުރުކޮށްފައިވަނީ 21 ބަހުގައެވެ. މިވަގުތު ހުރިހާ ޙައްޖާޖީންގެ ޙާލުވެސް ޖުމްލަގޮތެއްގައި ރަނގަޅެވެ.
މިއަހަރު މިނާގެ އިންތިޒާމުތަކަކީ މީގެކުރިން ދުވަހަކުވެސް ދިވެހި ޙާޖީންނަށް ހަމަޖެހިފައިނުވާ ފެންވަރުގެ އިންތިޒާމުތަކެކެވެ. އެގޮތުން މިއަހަރު ހުރިހާ ދިވެހި ޙައްޖާޖީން ތިބޭނީ، ދިވެހީންނަށް ޚާއްޞަ ފޭލިގެތަކުގައެވެ. އެހެން އިތުރު އެއްވެސް ޤައުމެއްގެ ޙާޖީންނެއް އެތަނުގައި ނުތިބޭނެއެވެ.
މިނާގެ އިންތިޒާމުތައް މިއަހަރު ރަނގަޅުވެފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިރުޝާދުގެ ދަށުން، ދިވެހި ޙާޖީންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ކެޓަގަރީ މަތިކުރުމުންނެވެ. މީގެކުރިން ދިވެހި ޙާޖީންނަށް ދެމުންދިޔަ ސީ ކެޓަގަރީގެ ޚިދުމަތުގެ ބަދަލުގައި މިއަހަރު ޚިދުމަތް ދެނީ ބީ ކެޓަގަރީގައެވެ
މިނާގެ އިންތިޒާމުތަކުގެ ފުރިހަމަކަމާމެދު ޙައްޖާޖީން ތިބީ ވަރަށް ހިތްހަމަޖެހިފައެވެ. ޙާޖީން ފާހަގަކުރިގޮތުގައި މިނާގެ ތިބުމުގެ އިންތިޒާމުތަކާމެދު މީގެކުރިން އަޑުއިވިފައިވާ ވާހަކަތަކާއި، މިއަހަރުގެ އިންތިޒާމުތައް ވަރަށް ތަފާތެވެ. މިއީ އުންމީދު ކުރި ފެންވަރަށްވުރެވެސް ރަނގަޅު ފެންވަރުގެ ޚިދުމަތްތަކެއްގެގޮތުގައި ޙާޖީން ސިފަކުރެއެވެ.
މިއަހަރު ޙާޖީންގެ ފޭލިގެތަކުގައި ތިބުމުގެ އިންތިޒާމުތަކުގެ އިތުރުން، ކެއުމުގެ ފެންވަރުވެސް އެތައް ގުނައެއް ރަނގަޅެވެ. އެގޮތުން މީގެކުރިން ޕާރުސަލުތަކުގައި ޙާޖީންނަށް ކެއުން ބެހިނަމަވެސް، މިއަހަރު ޙާޖީންނަށް ކެއުމުގެ ކަންކަން އިންތިޒާމުކޮށްފައިވަނީ ބުފޭގައެވެ.
މީގެއިތުރުން ކޮންމެ ވަގުތަކުވެސް ޙާޖީން ބޭނުންވެއްޖެނަމަ ކެވޭނެ އިތުރު އިންތިޒާމުތައްވެސް ވަނީ ހަމަޖައްސާފައެވެ. އެގޮތުން ފޭލިގެތަކުގެ އެތެރޭގައި ހުރިހާ ވަގުތަކު އައިސްކްރީމާއި، އެނޫންވެސް ކެއުންތަކާއި ބުއިންތައް ލިބޭނެ އިންތިޒާމުވެސް ހުރީ ހަމަޖައްސާފައެވެ.
އަދި މިއަހަރު ދިވެހި ޙައްޖާޖީން ބޭނުންކުރާނީ ދިވެހީންނަށް ޚާއްޞަ ފާޚާނާތަކެވެ. މިއީވެސް މިއަހަރުގެ އިންތިޒާމުތަކުގެ ފުރިހަމަކަން ހާމަވާކަމެއްގެގޮތުގައި ޙައްޖާޖީން ދަނީ ފާހަގަކުރަމުންނެވެ.
މިނާގައި ޙައްޖާޖީން މިއަދު މަޑު ކުރުމަށްފަހު މިރޭ ދަތުރުކުރާނީ އަރަފާތަށެވެ. އަރަފާތާއި މުޒްދަލިފާގައި މަޑުކުރުމަށްފަހު އަނެއްކާވެސް އެނބުރި ދާނީ މިނާއަށެވެ. އެގޮތުން ޙައްޖު މަހުގެ 11،12 އަދި 13 ވަނަ ދުވަސްވެސް ހޭދަކުރަނީ މިނާގައެވެ.