ޚަބަރު

އަވަށްޓެރި ގައުމުތަކުގައި ޗިކުންގުންޔާ ފެތުރޭތީ ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެޗްޕީއޭގެ އިލްތިމާސެއް


  • ހުރިހާ ވަގުތުތަކުގައިވެސް މަދިރި ހެފުމުން ރައްކާތެރިވުން މުހިންމު

އަވަށްޓެރި ބައެއް ގައުމުތަކުގައި މިދުވަސްވަރު ހަލުވިކަމާއެކު ޗިކުންގުންޔާ ފެތުރެމުންދާތީ ޢީދު ބަންދުގައި ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން އިލްތިމާސްކުރައްވައިފިއެވެ.

އެޗްޕީއޭއިން ވިދާޅުވީ އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ހަލުވިކަމާއެކު ފެތުރެމުންދަކަމަށާއި މި ފެށޭ ބަންދުގައި އެތަންތަނަށް ދަތުރުކުރާ ފަރާތްތަކުން މަދިރި ހެފުމުން ރައްކާތެރިވުމަށް ސަމާލުކަންދެއްވުން މުހިއްމުކަމަށެވެ. އެގޮތުން، ބޭރަށް ނުކުންނަ ވަގުތުތަކުގައި މަދިރި ހެފުމުން ރައްކާތެރިވުމަށް މަދިރި ލޯޝަން ނުވަތަ މަދިރި ސްޕްރޭ ބޭނުންކުރުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދެއްވާފައެވެ.

އަދި ބޭރަށް ނިކުންނަ ވަގުތުތަކުގައި ވީހާވެސް ބޮޑަށް ހަށިގަނޑު ނިވާވާގޮތަށް ފޭރާންލުމާއި، ކުޑަދޮރުފަދަ ތަންތާނގައި މަދިރި ދާޖެހުން ނުވަތަ ގޭތެރޭގައި މަދިރިގެ ބޭނުންކުރުމުގެ އިތުރުން، މަދިރި ގިނަވާ ވަގުތުތަކުގައި ގޭގޭގެ ދޮރާއި، ކުޑަދޮރުތައް ލައްޕާފައި ބެހެއްޓުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކުރައްވާފައެވެ.

މީގެއިތުރުން މަދިރި އާލާވާ ތަންތަނާއި ތަކެތި ނައްތާލުމަށްޓަކައި ގެއާއި ގޯތިތެރޭގައި ފެން ހަރުލާގޮތަށް ހުންނަ ތަންތަނާއި، ހުސް ތާނގީ ފަދަ ތަކެތި ފެން ނޭޅެގޮތަށް ބެހެއްޓުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދެއްވާފައެވެ.

އަދި އާއްމު ތަންތަނާއި މަގުމަތީ އަދި ކޮންސްޓްރަކްޝަން ސައިޓްތަކުގައި ފެންހަރުލާގޮތަށް ހުންނަ ހުސްފުޅި އާއި ދަޅު ފަދަ ތަކެތި ފެންހަރުނުލާނެހެން ނުބެހެއްޓުމަށާއި، މަދިރި ފަނި ނައްތާލުމަށް ބީ.ޓީ.އައި ނުވަތަ ޓެމިފޯސް ބޭނުންކުރުމަށްވެސް ވަނީ އިލްތިމާސްކުރައްވާފައެވެ. ހުރިހާ ވައްތަރެއްްގެ މަދިރިވެސް އެންމެ ގިނަވަނީ ހެނދުނުގެ ވަގުތުތަކުގައްޔާއި، ހަވީރުގެ ވަގުތުތަކުގައެވެ.

ސާފު ފެން ހަރުލާ ކޮންމެ ތަނެއްގައި އީޑީސް މަދިރީގެ ބިސް އާލާވެއެވެ. އީޑިސް މަދިރި އާއްމުކޮށް ހަފަނީ ދުވާލު ގަޑީގައެވެ. އީޑިސް މަދިރި ފަނި އަޅާފައި ހުންނަ ތަކެތީގެ ފެން ހުސްކުރިޔަސް، އެތަކެތީގައި މަދިރި ބިސް ހަރުލާފައިހުންނަނެއެވެ.

އެހެންކަމުން ހުރިހާ ވަގުތުތަކުގައިވެސް މަދިރި ހެފުމުންނާއި މަދިރި އާލާވާ ތަންތަނާއި ތަކެތި ނައްތާލުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ.