ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުގައި ސިންގަޕޫރާ ދެކޮޅަށް ނުކުންނައިރު، ނިމިގެންދިޔަ އެފްއޭއެމް ލީގު ކަޕް 2025 އަށްފަހު މިހާރު ކުޅުންތެރިންގެ އިތުބާރު ބޮޑުވެފައިވާ ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އަލީ ސުޒެއިން ބުނެފިއެވެ.
ސިންގަޕޫރާ ދެކޮޅަށް ކުޅޭ މެޗަކީ މި މަހުގެ 10 ވަނަ ދުވަހު އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމުގެ ގޮތުން ކުޅޭ މެޗެކެވެ. ބުރާސްފަތި ދުވަހުގެ ހަވީރު ކުޅުމަށް ހަމަޖެހިފައިވާ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ސުޒެއިން ބުނީ އެންމެ މުހިންމު ކަމަކީ ޓިމޯ ލެސްޓޭ މެޗަށް ތައްޔާރުވުން ކަމަށާއި، އެހެންކަމުން އެކުވެރިކަމުގެ މެޗެއް ނަމަވެސް މި މެޗަކީ ރާއްޖެއަށް ވަރަށް މުހިންމު މެޗެއް ކަމަށެވެ.
އަދި ރާއްޖޭގެ ލީގު މިދިޔަ ދެ އަހަރު ބޭއްވިފައި ނުވާއިރު، މި ފަހުން ލީގު ކަޕުގެ ނަމުގައި ކުރު މުބާރާތެއް ބޭއްވިކަން ސުޒެއިން ފާހަގަކުރިއެވެ. އޭނާ ބުނީ ކޮލިފައިންގައި ފިލިޕީންސްއާ ދެކޮޅަށް ކުރިމަތިލީ ލީގު ފުޓްބޯޅަ ނުކުޅެ ކަމަށާއި، ނަމަވެސް ލީގު ކަޕަށްފަހު ފަހު މިހާރު ކުޅުންތެރިންގެ އިތުބާރު ބޮޑުވެފައިވާ ކަމަށެވެ.
ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުގައި ސިންގަޕޫރާ ދެކޮޅަށް ރާއްޖެ ނުކުންނައިރު، މިހާތަނަށް ސިންގަޕޫރު އަތުން ރާއްޖެ މޮޅުވެފައެއް ނުވެއެވެ. ސުޒެއިން ބުނީ އޭނާއަކީ ރާއްޖެއިން ފުރަތަމަ ފަހަރަށް ސިންގަޕޫރާ ދެކޮޅަށް ކުޅުނު ޓީމުގެ ކުޅުންތެރިއެއް ކަމަށާއި، އެ މެޗުގައި ސިންގަޕޫރާއި އެއްވަރުވީ 2-2 ގެ ނަތީޖާއިން ކަމަށެވެ. އެކަމަކު އޭގެ ފަހުން ސިންގަޕޫރާ ދެކޮޅަށް ރާއްޖެއަށް ރަނގަޅު ނަތީޖާއެއް ނެރެވިފައިނުވާ ކަމަށާއި، މިހާރު ކޯޗެއްގެ ގޮތުގައި ހުރެ އެކަން ބަދަލުކުރުމަށް މަސައްކަތްކުރާނެ ކަމަށެވެ.
ސިންގަޕޫރުގެ ދައުވަތަކަށް ކުޅޭ އެކުވެރިކަމުގެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުގެ ހަވީރު ސިންގަޕޫރުގެ ބިޝަން ސްޓޭޑިއަމްގައެވެ. އެ މެޗަށްފަހު ގައުމީ ޓީމު ފުރާނީ ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅުމަށް އޮސްޓްރޭލިއާއަށެވެ.