ދ. ކުޑަހުވަދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
ކުޑަހުވަދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ކުރިއަށްގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީންނެވެ. އެގޮތުން މަޝްރޫޢުގެ ފުރަތަމަ މަސައްކަތެއްގެ ގޮތުން ކުރިއަށްގެންދަނީ އެއްގަމު ތޮށީގެ މަސައްކަތްކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.
ދ.ކުޑަހުވަދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގައި 103122 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ފަޅު ފުންކުރުމާއި ، 5545 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 180 މީޓަރުގެ ބޭރުތޮއްޓެއް ލުމުގެ އިތުރުން 372 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށިލުމާއި، 115 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ.
މީގެއިތުރުން، 70 މީތަރު ދިގު 2 މީޓަރު ފުޅާ ބްރިޖެއް ހެދުމާއި، 90 މީޓަރު ދިގު 2 މީޓަރު ފުޅާ ޖެޓީއެއް ހެދުމާއި، 2265 އަކަ މީޓަރުގެ ޕޭވްމެންޓެއް ހެދުމުގެ އިތުރުން، ބަނދަރު ބައްތި އާއި މޫރިންގް ބޯއީސް ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
މި މަޝްރޫޢު ސަރުކާރުން އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ 83.3 މިލިޔަން ރުފިޔާއަށެވެ.
ދ.ކުޑަހުވަދޫއަކީ އާބާދީގައި 4000 މީހުން ދިރިއުޅެމުން އަންނަ ރަށެކެވެ. ކުޑަހުވަދޫގައި ދިރިއުޅޭ ފަރާތްތަކާއި، ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށްވެސް ދިމާވާ އެންމެ ބޮޑު ދައްޗަކީ ބަނދަރުން ޖާގަ ހޯދުމުގެ ދަތިކަމެވެ. ކުޑަހުވަދޫ ބަނދަރުގެ ޖާގަ ކުޑަވުމުގެ ސަބަބުން ކަންނެލި އޮޑިތަކާއި، މީހުންނާއި މުދާ އުފުލާ ބޯޓުތަކާއި، ލޯންޗުތަކާއި އަދި ޑިންގީތައް ބަނދަރުގައި އަޅާފައި ބޭއްވުމުން ބަނދަރު އޮންނަނީ ވަރަށް ބޮޑަށް ބާރުބޮޑުވެ ތޮއްޖެހިފައެވެ.
ކުޑަހުވަދޫ ބަނދަރު ތަރައްްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ނިމޭއިރު ދަތުރުފަތުރާއި އަދި އިޤްތިސާދީގޮތުން ކުޑަހުވަދޫ ރައްޔިތުންނަށް ގިނަ ފަައިދާތަކެއް ކުރާނެކަމަށް އެމްޓީސީސީން ޤަބޫލުކުރައްވައެވެ.
ދ. ކުޑަހުވަދޫއަކީ އަރބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ 7 ރަށުގެތެރެއިން އެއް ރަށެވެ.