ޚަބަރު

ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ޕީއެސްޖީގެ ކުޅުންތެރިންނަށް ބަރޯސާވެވޭނެ: ފްރާންސް ކޯޗު


އަލަށް ޕީއެސްޖީއަށް ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން ފްރާންސްގެ ކުޅުންތެރިން ތިބީ ވަރަށް އުފަލުން ކަމަށާއި، އެ ކުޅުންތެރިންނަށް ބަރޯސާވެވޭނެ ކަމަށް ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްސް ބުނެފިއެވެ.

ޔުއެފާ ނޭޝަންސް ލީގުގެ ސެމީފައިނަލްގައި މިރޭ ސްޕެއިންއާއި ބައްދަލުކުރާ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ފްރާންސްގެ ކޯޗު ޑެޝޯމްސް ބުނީ ޕީއެސްޖީ ކުޅުންތެރިން ފްރާންސް ޓީމާ ގުޅުނު އިރުވެސް ތިބީ ވަރަށް އުފަލުން ކަމަށާއި އެކުޅުންތެރިން ތިބި ފޯމާއެކު ބޭނުން ހިފާނެ ކަމަށެވެ. އެހެންނަމަވެސް އެހާ ވަރުގަދަ މެޗަކަށް ފަހު ކޮންމެވެސް ވަރަކަށް ވަރުބަލިކަމުގެ އަސަރު ހުންނާނެ ކަމަށްވެސް ޑެޝޯމްސް ބުންޏެވެ.

ޕީއެސްޖީއަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިނުމަށްފަހު ފްރާންސް ޓީމާ ގުޅުނު ކުޅުންތެރިންގެ ތެރޭގައި ވެރެން ޒައިރް އެމްރީ، ބްރެޑްލީ ބަރކޯލާ، ޑިސައަރ ޑޫއޭ، ލޫކަސް ހެނާންޑޭޒް އަދި އުސްމާނޭ ޑެމްބޭލޭ ހިމެނެއެވެ. މީގެއިތުރުން ޗެމްޕިއަންސް ލީގު ފައިނަލުން ބަލިވި އިންޓަރ މިލާންއަށް ކުޅުނު ބެންޖަމިން ޕަވާ އާއި މާކަސް ތުރާމްވެސް ވަނީ ފްރާންސް ޓީމާ ގުޅިފައެވެ.

ޑެޝޯމްސް މެޗުގެ ކުރިން ބުނީ ސްޕެއިން ކަހަލަ އެޓޭކިންގ ވަރުގަދަ ޓީމަކާ ބައްދަލުކުރާއިރު ޓީމުގެ މުހިއްމު ތިން ޑިފެންޑަރުންނަށް ނުކުޅެވުމަކީ ބޮޑު ގެއްލުމެއް ކަމަށް، އެހެންނަމަވެސް މިހާރު ޓީމުގައި ތިބި ކުޅުންތެރިންނަށްވެސް އިތުބާރު އެބައޮތްކަމަށާއި ޓީމުގައި ތިބި 25 ކުޅުންތެރިންނަށްވެސް ސްޕެއިން އާއި ބައްދަލުކުރާ މެޗުގައި ކުރަންޖެހޭނެ މަސައްކަތް ވަރަށް ރަނގަޅަށް އިނގޭނެ ކަމަށްވެސް ޑެޝޯމްސް ފާހަގަކުރިއެވެ.

ނޭޝަންސް ލީގުގެ ސެމީ ފައިނަލާ ކުރިމަތިލާއިރު ފްރާންސް ޓީމުގެ ޑިފެންސް ލައިންގައި މުހިއްމު ދައުރެއް އަދާކުރަމުން އާއި ތިން ކުޅުންތެރިންކަމުގައިވާ ވިލިއަމް ސަލީބާ، ޑަޔޮ އުޕަމެކާނޯ އަދި ޖޫލްސް ކޫންޑޭއަށް އިންޖަރީގެ ސަބަބުން މެޗުގައި ނުކުޅެވޭނެއެވެ.

މިމެޗުގައި ކުރިން ފްރާންސް ޓީމުގެ ކޯޗު ޑެޝޯމްސް ވަނީ ޗެމްޕިއަންސް ލީގު ޕީއެސްޖީއަށް ކާމިޔާބުކޮށްދީ ޗެމްޕިއަންސް ލީގުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދި އުސްމާނޭ ޑެމްބޭލޭއަށް ތައުރީފްކޮށް އޭނާއަށް މިއަހަރު ބެލޯން ޑި އޯ ހައްގުވާކަމަށްވެސް ބުނެފައެވެ.