އިންޓަރ މިލާނުން އެ ޓީމުގެ ކޯޗަކަށް ސެސް ފެބްރިގާސް ގެނައުމަށް މަޝްވަރާތައް ފަށައިފިއެވެ.
ނަމަވެސް އޭނާގެ މިހާރުގެ ކުލަބު އިޓަލީގެ ކޯމޯއިން ތިބީ ކޯޗު އިންޓަ އަށް ދޫކޮށްލާ ގޮތަކަށްނޫނެވެ.
އެ ކުލަބުގެ ޑިރެކްޓަރ ޕިއޭރޯ އައުސިލިއޯ ވިދާޅުވީ އެ ކުލަބުގެ ދުރު މުސްތަގްބަލްގެ ޕްލޭންގައި ފެބްރިގާސް ހިމެނޭ ކަމަށާއި ކޯޗު ދޫކޮށްލަން ބޭނުންނުވާ ކަމަށެވެ.
މިހެންވެ މިހާރު މިކަމުގައި ގޮތެއް ނިންމުމުގެ ހުރިހާ ބާރެއް އޮތީ ފެބްރިގާސް އަތުގަ އެވެ. އިޓަލީގެ މީޑިއާތަކުން ބުނަނީ ފެބްރިގާސްއާއެކު އެ ކުލަބުން ފަށާ މަޝްވަރާތައް ކާމިޔާބު ވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ.
އިންޓަމިލާނުގެ ވެރިންނާއި ސްކައުންނަށް ފެބްރިގާސް ކަމުދިޔައީ ކޯމޯގައި އާދައިގެ ޓީމަކާއެކު އޭނާ ހުސްވި ސީޒަނުގައި ނެރުނު ނަތީޖާތައް ރަނގަޅު ވުމުންނެވެ. މިއާއެކު ޖަރުމަނުގެ ބަޔާ ލެވަކޫސެން އިން ކޯޗަކު ހޯދަން މަސައްކަޔް ކުރި އެ ކުލަބުގެ ރާޑަރަށް ވެސް އޭނާ އެރި އެވެ.
ފެބްރިގާސް އަކީ އާސެނަލްގެ ކުރީގެ ކެޕްޓަނެވެ. އޭނާ ވަނީ ބާސެލޯނާ އާއި ޗެލްސީ އަށް ވެސް މޮޅަށް ކުޅެފަ އެވެ.