އިޖުތިމާޢީ ފޭރާން ރަނގަޅުވެ، އަމާން މުޖުތަމަޢެއް ބިނާ ކުރެވޭނީ އެކަކު އަނެކަކާ އެކުވެރި ގުޅުމެއް ބަދަހިކޮށްގެން ކަމަށް ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.
ޚުތުބާގައި ވިދާޅުވީ މާތް الله އިންސާނުން ހައްދަވާފައިވަނީ އެއްބަނޑު އެއްބަފާ ބައެއްގެ ގޮތުގައި ކަމަށާއި އެކަކު އަނެކަކަށް އެހީތެރިކަމާއި މަދަދަށް ބޭނުންވާ ގޮތަށް ކަމަށެވެ. ކޮންމެ އިންސާނަކީވެސް އެހެން މީހުންގެ އެހީތެރިކަމާއި އަޅާލުން ބޭނުންވާނެ މީހެއް ކަމަށާއި މުޞީބާތާއި ތަކުލީފުގެ ވަގުތުގައި، އެހެން މީހުންގެ ހިތާމަތަކުގައި ބައިވެރިވާންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެފަދަ ވަގުތުތަކުގައި އެބައިމީހުންނަށް އެހީތެރިކަމުގެ އަތެއް ފޯރުވައި، އަޅާލުމަކީ އެހެން މީހުންގެ މައްޗަށް ވާޖިބު ކަމެއް ކަމަށާއި އެއީ އީމާންކަން ފުރިހަމަވުމުގެ ރަމްޒެއް ކަމަށްވެސް ވިދާޅުވިއެވެ.
މުޖުތަމަޢުގައި ދިރިއުޅެމުންދާ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި، ތެލަސީމިއާ ކުދިންނާއި، ޔަތީމު ކުދިންނާއި އަޅާލާނެ ބަޔަކު ނެތް ކުދިންނަށް އޯގާތެރިކޮށް ހިތުމަށް ޚުތުބާގައި ގޮވާލެއްވިއެވެ. އެ ކުދީންގެ ތެރޭގައި އެހީތެރިކަމާއި އަޅާލުން ކޮންމެހެން ދޭންޖެހޭ ކުދިންތަކެއް އެބަތިބި ކަމަށާއި އެ ކުދީންގެ ބެލެނިވެރިންގެ ތަކުލީފުތަކާއި އުދާސްތަކުގައި ބައިވެރިވާން ޖެހޭނެކަމަށް ޚުތުބާގައި ވިދާޅުވިއެވެ.
"އެ ކުދީންގެ މައިންބަފައިންނާއި ބެލެނިވެރިން އިންތިޒާރު ކުރަމުން ދަނީ އެހީތެރިކަމުގެ އަތެއް ދިއްކޮށްލާނެ ފަރާތަކަށެވެ. އެއީ ތެލަސީމިޔާ ކުދީންނެވެ. ނުވަތަ ލޭއަޅަން ޖެހިފައިވާ ކުދީންނެވެ. އެކުދިންނަކީ ވެސް އަހަރެމެންގެ މުޖުތަމަޢުގެ އެއްބައެވެ. އެ ކުދީން ވެސް އުފާވެރި ދިރިއުޅުމެއް އުޅެން ބޭނުންވެއެވެ. އެ ކުދީން އާދޭސްކުރަމުން އެ ދަނީ އަހަރެމެން ހަދިޔާކުރާ ލޭތިއްކަކަށެވެ. ނުވަތަ އަހަރެމެން ޞަދަޤާތް ކުރާ ފައިސާ ފޮއްޗަކަށެވެ. މިގޮތުން ހަދިޔާކުރާ ކޮންމެ ލޭތިއްކަކީ، اللهގެ މަގުގައި ކުރެވޭ ޞަދަޤާތެކެވެ. ފުރާނައަކަށް ދިރުންދިނުމަށްޓަކައި ކުރެވޭ ޤުރްބާނީއެކެވެ،" ޚުތުބާގައި ވިދާޅުވިއެވެ.
ކޮންމެ މުސްލިމަކީ އިސްލާމީ އުޚުއްވަތްތެރިކަމުގެ ހަށިގަނޑުގައި ހިމެނޭ، އެއާ ވަކި ނުކުރެވޭނެ ގުނަވަނެއްކަން ފާހަގަކޮށް ޚުތުބާގައި ވިދާޅުވީ ކޮންމެ މީހަކުވެސް އަނެކާއަށް އަޅާލައި އެހީތެރިވުމަކީ، އޭނާގެ މައްޗަށްވާ ދީނީ ވާޖިބެއް ކަމަށެވެ. އަދި އީމާންކަން ފުރިހަމަ ވާނީ ތިމާގެ އަމިއްލަ ނަފުސަށް ލޯބިކުރާ ކަމެއް ތިމާގެ އަޚާއަށް ވެސް ލިބުމަށް ލޯބިކުރުމުން ކަމަށްވެސް ވިދާޅުވިއެވެ.
މުޖުތަމަޢުގެ އިޖުތިމާޢީ ފޭރާން ރަނގަޅުވެ، އަމާން މުޖުތަމަޢެއް ބިނާ ކުރެވޭނީ، އެމުޖުތަމަޢެއްގެ އަފުރާދުން، އެކަކު އަނެކަކާ އެކުވެރިވެ، އެއްބަނޑު އެއްބަފާ ބަޔަކަށް ވެގެންކަމަށްވެސް ޚުތުބާގައި ވިދާޅުވިއެވެ. އެކުވެރިކަމާއި އުޚުއްވަތްތެރިކަމަކީ، ހިތުގައި އުފެދޭ ހަމްދަރުދީއާއި ލޯބީގެ މާތް ޝުޢޫރެއް ކަމަށާއި ތެދުވެރި އުޚުއްވަތްތެރިކަމާއި އެއްބަނޑު އެއްބަފާކަމުގެ މަތިވެރި ގުޅުމުގެ ސަބަބުން، އެހީތެރިވުމާއި އިޙްސާސްތައް ދެނެގަތުމާއި އަމިއްލަ ނަފުސަށްވުރެ އަނެކާއަށް އިސްކަން ދިނުމާއި، މަޢާފުކުރުން ފަދަ ރިވެތި އަޚުލާޤީ ސިފަތައް އަށަގަންނާނެ ކަމަށްވެސް ވިދާޅުވިއެވެ.