ފުޓްސަލް ޤައުމީ ޓީމުގެ ކުޅުންތެރިންނަށް އަންނަ އަހަރުން ފެށިގެން މުސާރަ ދިނުމުގެ މަސައްކަތް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ކުޅިވަރާ ބެހޭ ވުޒާރާ ގުޅިގެން ކުރަމުން އަންނަ ކަމަށް އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ އަޙްމަދު ޒަރީރު ވިދާޅުވެއްޖެއެވެ.
ޤައުމީ ފުޓްސަލް ޓީމުން އަންނަނީ ބައިނަލްއަގްވާމީ ފުޓްސަލް މުބާރާތްތަކުގައި ބައިވެރިވަމުންނެވެ. އެކަމަކު މިއަދާ ހަމައަށްވެސް ފުޓްސަލް ކުޅުންތެރިންނަށް ޤައުމީ ޓީމުގެ މުސާރަ ނުލިބެއެވެ. އެ ކަންބޮޑުވުން ފުޓްސަލް ކުޅުންތެރިން އަންނަނީ ފާޅުކުރަމުންނެވެ.
މީގެ ކުރިން ކުޅިވަރާ ބެހޭ ވުޒާރާއިން ވަނީ ފުޓްސަލް ޤައުމީ ޓީމުގެ ކުޅުންތެރިންނަށް މުސާރަ ނުލިބެނީ، އެފްއޭއެމް އިން ފުރިހަމަ ކުރަން ޖެހޭ ބައެއްކަންކަން ހުރުމުން ކަމަށް ބުނެފައެވެ.
"ޕީއެސްއެމް ނިއުސް"އާ ވާހަކަ ދައްކަވަމުން ޒަރީރު ވިދާޅުވީ ރާއްޖޭގެ ޤައުމީ ފުޓްސަލް ޓީމުތަކުން ރާއްޖެއިން ބޭރުގެ މުބާރާތްތަކުގައި ރާއްޖެ ތަމްސީލުކުރާތާ 20 އަށްވުރެ ގިނަ އަހަރު ވެފައިވާ ކަމަށެވެ. އެކަމަކު ގައުމީ ޓީމުތަކުގައި ކުޅޭ ކުޅުންތެރިންނަށް މުސާރަ ދިނުމުގައި ކުޅިވަރާ ބެހޭ ވުޒާރާގައި އުސޫލުތަކެއް ހެދިފައިވާ ކަމަށާއި އޭގެ ތެރޭގައި ތަމްސީލުކުރާ އެސޯސިއޭޝަނަކުން ހިންގާ ނުވަތަ ބަލައިގަންނަ ގައުމީ ފެންވަރުގެ މުބާރާތެއް އޮންނަން ޖެހޭ ކަމަށެވެ. އަދި މިއަދާ ހަމައަށްވެސް އޭގެ މުބާރާތެއް އެފްއޭއެމްގެ ހިއްސާއާއެކު ބޭއްވިފައިނުވާ ކަމަށް ޒަރީރު ވިދާޅުވިއެވެ.
ޒަރީރު ވިދާޅުވީ، އެފްއޭއެމް މި ފަހުން ކްލަބް މޯލްޑިވްސްއާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ކްލަބް މޯލްޑިވްސް ކަޕަކީ މިހާރު އެފްއޭއެމް އިން ގައުމީ މުބާރާތް ލެވަލްގައި ބަލައިގަންނަ މުބާރާތެއް ކަމަށެވެ. އެހެންވެ، ކުޅިވަރާ ބެހޭ ވުޒާރާއިން އެކުލަވާލައިފައިވާ އުސޫލުގެ ތެރެއިން އެންމެ މުހިންމު އެއްކަންތައް އެފްއޭއެމް އަށް މިހާރު ކުރެވިފައިވާ ކަމަށް ޒަރީރު ވިދާޅުވިއެވެ.
މިއާއެކު އަންނަ ޖަނަވަރީ މަހުން ފެށިގެން ގައުމީ ފުޓްސަލް ޓީމުގެ ކުޅުންތެރިންނަށް މުސާރައާ އިންޝުއަރެންސް ލިބޭނެ މަގު ފަހި ކުރުމަށް ކުޅިވަރާ ބެހޭ ވުޒާރާއާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ޒަރީރު ވިދާޅުވިއެވެ.
"ކްލަބް މޯލްޑިވްސް ކަޕާއެކީގައި އަޅުގަނޑުމެން ހާސިލްކުރަން ޖެހޭ އެއްކަންތައް މި ވަނީ ނިމިފައި. އެހެންވީމަ އިރާދަކުރެއްވިއްޔާ މިނިސްޓްރީއިން މި އަންނަ އަހަރަށް އެކުލަވާލާ ބަޖެޓުގައި ފުޓްސަލް ގައުމީ ޓީމުގެ ކުޅުންތެރިންގެ މުސާރަ ހިމެނިގެންދާނެ." ޒަރީރް ވިދާޅުވިއެވެ.
ފުޓްސަލް ކުޅުންތެރިންގެ މުސާރާއިގެ ވާހަކަ އެންމެ ބޮޑަށް ދެކެވުނީ، ގައުމީ ފުޓްސަލް ޓީމުގެ ތަރި އަލީ ހާފިޒް (ހާއްޕެ) އަށް ގައުމީ ޖާޒީ ތަމްސީލުކުރަނިކޮށް އަނިޔާވެ، ފަރުވާއަށް ފުރުން ލަސްވެ، އާންމުންގެ އެހީތެރިކަމަށް އެދި ސޯޝަލް މީޑިއާގައި ފެށި ކެމްޕޭނާ ގުޅިގެންނެވެ.
އެފްއޭއެމް އާއި ކުޅިވަރާ ބެހޭ ވުޒާރާ ގުޅިގެން ވަނީ ހާފިޒްގެ ފަރުވާގެ ކަންކަން ކޮށްދީފައެވެ.
ޤައުމީ ފުޓްސަލް ޓީމުން ވަނީ މި އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕް ފުޓްސަލް މުބާރާތް ކާމިޔާބުކޮށްފައެވެ. މިއީ ސާފުން ފުޓްސަލް މުބާރާތެއް ބޭއްވި ފުރަތަމަ ފަހަރުވެސްމެއެވެ.