ޚަބަރު

އިންޓަނޭޝަނަލް ލޭބަރ އޯގަނައިޒޭޝަންގެ އޮބްޒަވަރ ޤައުމެއްގެ ގޮތުގައި ފަލަސްޠީން ބަލައިގެންފި


  • ރާއްޖެއިން ވަނީ ފަލަސްޠީނާއި އެއްކޮޅަށް ވޯޓު ދީފައި

އިންޓަނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން، އައިއެލްއޯގެ އޮބްޒާވަރ ޤައުމެއްގެ ގޮތުގައި ފަލަސްޠީން ބަލައިގަނެފިއެވެ. މިގޮތަށް ފާސްކޮށްފައިވަނީ 113 ވަނަ ބައިނަލްއަޤްވާމީ ލޭބަރ ކޮންފަރެންސްގެ ތެރެއިން ކުރިއަށްދިޔަ ވޯޓުން ފާސްވެގެންނެވެ.

ފަލަސްތީނާއި އެއްކޮޅަށް 386 ވޯޓު ވަނީ ލިބިފައެވެ. އަދި ދެކޮޅަށް ލިބިފައިވަނީ 15 ވޯޓެވެ.

މި ވޯޓަކީ ފަލަސްޠީނަށް ވަރަށް މުހިންމު ވޯޓެކެވެ. މިއީ ބައިނަލްއަޤްވާމީ ލޭބަރ ކޮމިއުނިޓީން ފަލަސްޠީނުގެ ރައްޔިތުންގެ ހައްޤުތައް ކަށަވަރުކުރުމަށް ހާސިލްވެގެންދިޔަ ވަރަށް މުހިންމު ކަމެކެވެ.

މި ވޯޓުގައި ރާއްޖެއިންވެސް ވަނީ ބައިވެރިވެފައެވެ. އަދި މި ތާރީޚީ ނިންމުން ނިންމުމަށްޓަކައި ރާއްޖެއިން ވޯޓުލާފައިވާތީ މިއީ ވަރަށް އުފާވެރި ކަމެއްގެ ގޮތުގައި ރާއްޖޭގެ ފަރާތުން ބައިވެރިވާ ވަފުދުން ވަނީ ފާހަގަކުރައްވާފައެވެ.

113 ވަނަ ބައިނަލްއަޤްވާމީ ލޭބަރ ކޮންފަރެންސްގައި ރާއްޖޭގެ ފަރާތުން އެންމެ އިސްކޮށް ބައިވެރިވެވަޑައިގަންނަވަނީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަހުމަދެވެ. ވަޒީރު ވަނީ މި ކޮންފަރެންސްގެ ތެރެއިން ފަލަސްޠީނުގެ ވަފުދުގެ ބޭފުޅުންނާ ބައްދަލުކުރައްވާފައެވެ. އަދި ރާއްޖެއިން އަބަދުވަސް މަސައްކަތްކުރަނީ ފަލަސްޠީނުގެ ލޮބުވެތި ރައްޔިތުންގެ ހައްޤުގައިކަމަށް ވަނީ ވިދާޅުވެފައެވެ.