އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް, ޓޮޓްނަމް ހޮޓްސްޕަރގެ ކޯޗު ކަމުން އޮސްޓްރޭލިއާގެ އޭންޖް ޕޮސްޓެކޯގްލޫ ވަކިކޮށްފި އެވެ.
އުމުރުން 59 އަހަރުގެ ޕޮސްޓެކޯގްލޫ މަގާމުން ވަކިކޮށްފައިވާއިރު އޭނާ ވަނީ ނިމިގެންދިޔަ ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން އެ ޓީމަށް ހޯދަދީފަ އެވެ. ފައިނަލުގައި މެންޗެސްޓަރ ޔުނައިޓެޑް ބަލިކޮށް ޓޮޓްނަމް ޗެމްޕިއަންކަން ހޯދިއިރު މިއީ ފާއިތުވެދިޔަ 17 އަހަރުގެ ތެރޭގައި އެ ޓީމަށް މުބާރާތެއްގެ ޗެމްޕިއަންކަން ލިބުނު ފުރަތަމަ ފަހަރެވެ.
ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދާ ކުރިއަށް އޮތް ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ޖާގައެއް ޓޮޓްނަމް އިން ހޯދި ނަމަވެސް ޕްރިމިއާ ލީގުގައި އެ ޓީމަށް ވަނީ އެދެވޭ ނަތީޖާތަކެއް ހޯދިފައެއް ނުވެއެވެ. ލީގު ނިންމާލާފައިވަނީ 17 ވަނައިގައި އޮވެގެންނެވެ.
މީގެ ދެ އަހަރު ކުރިން ޓޮޓްނަމް ހޮޓްސްޕަރގެ ކޯޗު ކަމާއި ހަވާލުވި ޕޮސްޓެކޮގްލޫ އަބަދުވެސް ބުނަމުން އައިސްފައިވަނީ އޭނާ އަކީ ދެވަނަ ސީޒަނުގައި ތަށި ހޯދާ ކޯޗެއް ކަމަށެވެ. އަދި އޭނާ މަސައްކަތް ކުރަނީ ރަގަޅު ޓީމެއް ބިނާ ކުރުމުގެ މަސައްކަތް ކަމަށާއި އެކަން ކާމިޔާބު ކުރެވޭނެ ކަމަށެވެ.
ޕްރިމިއާ ލީގުގައި މިދިޔަ ސީޒަނުގައި ޓޮޓްނަމް ހޮޓްސްޕަރ ކުޅުނު 38 މެޗުގެ ތެރެއިން އެ ޓީމު ވަނީ 22 މެޗުން ބަލިވެފަ އެވެ.
2023 ވަނަ އަހަރުގެ ޖުލައި މަހު ޓޮޓްނަމް އާއި ޕޮސްޓެކޮގްލޫ ހަވާލުވި ފުރަތަމަ ދުވަހު އެ ޓީމުގެ ފޯވަޑް ހެރީ ކޭން ވަނީ 120 މިލިއަން ޔޫރޯގެ ފީއަކަށް ޖަރުމަނުގެ ބަޔާން މިއުނިކް އާއި ގުޅިފަ އެވެ. އަދި އޭގެ ފަހުން އޭނާއަށް ގިނަ ކަންތައްތަކަކާއި ވަނީ ކުރިމަތިލާން ޖެހިފަ އެވެ. ނިމިގެންދިޔަ ސީޒަނުގައި އެ ޓީމަށް ވަނީ އަނިޔާގެ ގިނަ މައްސަލަތަކަކާއި ކުރިމަތިލާން ޖެހިފަ އެވެ.
ޓޮޓްނަމް ހޮޓްސްޕަރ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނި ޔޫރޮޕާ ލީގަކީ އެ ކްލަބުގެ ތާރީޚުގައިވެސް އެންމެ ބޮޑު ކާމިޔާބީ ކަމަށާއި ނަމަވެސް އެކަމަށް އެކަނި ވިސްނައިގެން ކްލަބުގެ މުސްތަގުބަލް ކަނޑަނޭޅޭނެ ކަމަށެވެ. އެގޮތުން ޕްރިމިއާ ލީގުގައި އެ ޓީމު އެންމެ ފަހުން ކުޅުނު 66 މެޗުން އެ ޓީމަށް ލިބިފައިވަނީ 78 ޕޮއިންޓް ކަމަށާއި މިއީ އެ ކްލަބުން އެންމެ އެދޭ ނަތީޖާތަކެއް ނޫން ކަމަށެވެ.