ޚަބަރު

ހައްޖަށް ވަޑައިގެންނެވި އިއްޒަތްތެރިންގެ ޝަރަފުގައި ބޭއްވެވި ބައްދަލުވުމުގައި ރައީސް ބައިވެރިވެވަޑައިގެންފި


  • މިޖާފަތުގައި ރަސްގެފާނުގެ ޚާއްސަ މެހެމާނުންގެ ގޮތުގައި ޙައްޖަށް ވަޑައިގެންނެވި ބޭފުޅުން ބައިވެރިވި

  • ރައީސް ޙައްޖަށް ވަޑައިގަތީ ސައުދީ ސަރުކާރުން ދެއްވި ހާއްސަ ދައުވަތެއްގައި

ހައްޖަށް ވަޑައިގެންނެވި އިއްޒަތްތެރިންގެ ޝަރަފުގައި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު އަދި މާތްވެގެންވާ ދެ ޙަރަމްފުޅުގެ ވެރިޔާ ސަލްމާން ބިން ޢަބްދުލް އަޒީޒުގެ ފަރާތްޕުޅުން އެ ޤައުމުގެ ވަލީޢަހުދު މުޙައްމަދު ބިން ސަލްމާން ބޭއްވެވި ޚާއްސަ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފިއެވެ.

މި ބައްދަލުވުމުގައި އެކި ދައުލަތްތަކުގެ ވެރިންނާއި، އިއްޒަތްތެރިންނާއި، ރަސްގެފާނުގެ ޚާއްސަ މެހެމާނުންގެ ގޮތުގައި ހައްޖަށް ވަޑައިގެންނެވި ބޭފުޅުންނާއި އެކި ޤައުމުތަކުގެ ހައްޖު މިޝަންތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިއަހަރުގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންނެވީ ސައުދީ ވަލީޢަހުދު މުޙައްމަދު ބިން ސަލްމާންގެ އެންމެ އަރިހުގައެވެ.

ރައީސުލްޖުމްހޫރިއާއާއި އެމަނިކުފާނުގެ އަނބިކަބަލުން މިއަހަރުގެ ޙައްޖުގެ އަޅުކަމަށް ވަޑައިގަތީ ސައުދީ ސަރުކާރުން ދެއްވި ހާއްސަ ދައުވަތެއްގައެވެ. ރައީސްގެ އަރީހުގައި ބައެއް ވަޒީރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ސަޢުދީޢަރަބިއްޔާއިން މިއަހަރު ވަނީ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް އެ ޤައުމަށް ދިޔަ ހައްޖުވެރިންނަށް ލުއިފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސަވާދެއްވާފައެވެ. މިކަންކަމަާ ގުޅިގެން ޙައްޖާޖީންނަށާއި ޢުމްރާގެ އަޅުކަމަށް އަންނަ މީހުންނަށް ދެއްވާ ޚާއްޞަ މެހެމާންދާރީއާއި ޚިދުމަތްތަކަށް އަދި ފަހިކޮށްދެއްވާ ފަސޭހަތަކަށްޓަކައި، ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނާއި ވަލީޢަހުދު މުޙައްމަދު ބިން ސަލްމާނަށް ޝުކުރު ރައީސް ވަނީ އަދާކުރައްވާފައެވެ.

ދިވެހިޙައްޖާޖީންނަށް ވަރަށް ގިނަ ފަސޭހަތައް ސަޢޫދީ ސަރުކާރުން ދަނީ އަބަދުވެސް ފަހިކޮށް ދެއްވަމުންނެވެ. ވަކީން ޚާއްޞަކޮށް، މައްކާ ރޫޓް އިނީޝިއޭޓިވްގައި، ޚާއްޞަހުއްދައަކާ އެކު ދިވެހިރާއްޖެ ބައިވެރިކުރެއްވުމާއި ގުޅިގެން، މި އަހަރުން ފެށިގެން ދިވެހި ޙައްޖާޖީންނަށް ދަތުރުގެ ބުރަތައް ވަނީ ވަރަށް ބޮޑަށް ލުއިވެފައެވެ. އަދި ޙައްޖުގެ މަނާސިކުތައް ފުރިހަމަ ކުރުމަށް ދިވެހި ޙައްޖާޖީން ތިބޭ ތަންތަނުގައި ވެސް ގިނަ ޚިދުމަތްތަކެއް ވަނީ އިތުރަށް ފަހިވެފައެވެ.