ޚަބަރު

ކުލަބު ވޯލްޑް ކަޕުގައި ކުޅެން ލިބުނު ފުރުސަތުތައް ރޮނާލްޑޯ ދޫކޮށްލައިފި


މި މަހުގެ ފަހުކޮޅު އެމެރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ކުލަބު ވޯލްޑް ކަޕުގައި ކުޅެން ލިބުނު ފުރުސަތުތައް ދޫކޮށްލާފައިވާ ކަމަށާއި، އެ މުބާރާތުގައި ނުކުޅޭނެ ކަމަށް ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

އުމުރުން 40 އަހަރުގެ ރޮނާލްޑޯ ކުޅެމުންދާ ސައުދި އަރަބިއްޔާގެ އަލް ނަސްރާއިއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މި މަހުގެ ނިޔަލަށް ހަމަވާނެ އެވެ. ނަމަވެސް އަލް ނަސްރު ކްލަބް ވޯލްޑްކަޕަށް ކޮލިފައިވެފައިނުވާއިރު އޭނާއަށް އެހެން ކްލަބްތަކުން ވަނީ ހުށައެޅުންތަކެއް ލިބިފަ އެވެ.

ޔޫއެފާ ނޭޝަންސް ލީގުގެ ފައިނަލުގައި މިރޭ ސްޕެއިން އާއި ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ރޮނާލްޑޯ ބުނެފައިވަނީ އޭނާ މި މުބާރާތުގައި ނުކުޅޭނެ ކަމަށެވެ.

"ކްލަބް ވޯލްޑްކަޕްގައި އަހަރެން ނުކުޅޭނަން. މި މުބާރާތުގައި ވާދަކުރާ ބައެއް ޓީމުތަކުން އަހަރެންނަށް ހުށައެޅުންތަކެއް ލިބިފައި އެބަހުރި. އޭގެ ތެރޭގައި ރަގަޅު ހުށައެޅުންތަކެއްވެސް އެބަހުރި ނަމަވެސް ހުރިހާ ކްލަބަކަށް ކުޅުމަކީ ކުރެވޭނެ ކަމެއް ނޫން." ރޮނާލްޑޯ ބުންޏެވެ.

މިދިޔަ މެއި މަހު ސައުދީ ލީގުގައި އަލް ނަސްރު ކުޅުނު ފަހު މެޗަށްފަހު ރޮނާލްޑޯ ވަނީ އޭނާގެ އިންސްޓަގްރާމްގައި މި ޗެޕްޓަރ ނިމުނު ކަމަށް ބުނެ ޕޯސްޓެއް ކޮށްފަ އެވެ.

ނަމަވެސް ބައެއް މީޑިޔާ ރިޕޯޓްތައް ބުނެފައިވާ ގޮތުގައި އަލް ނަސްރު އިން ދަނީ ރޮނާލްޑޯގެ އެގްރިމެންޓް އައު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ރޮނާލްޑޯ އަލް ނަސްރު އާއި ގުޅިފައިވަނީ 2023 ވަނަ އަހަރު މެންޗެސްޓަރ ޔުނައިޓެޑާއިއެކު ހަދާފައިވާ އެއްބަސްވުން އުވާލުމަށްފަހުގަ އެވެ.

ރޮނާލްޑޯ ވަނީ އަލް ނަސްރަށް ކުޅުނު 111 މެޗުގައި 99 ގޯލު ޖަހާފަ އެވެ. އޭގެ ތެރެއިން ނިމިގެންދިޔަ ސީޒަނުގައި އޭނާ ވަނީ 35 ލަނޑު ޖަހާފަ އެވެ.

ޕޯޗުގަލް އިން ސްޕެއިން އާއި ދެކޮޅަށް މިރޭ ނޭޝަންސް ލީގުގެ ފައިނަލަށް ނިކުންނައިރު ސެމީ ފައިނަލުގައި ޖަރުމަން އަތުން 2-1 ގެ ނަތީޖާއަކުން ޕޯޗުގަލް މޮޅުވި ލަނޑު ޖަހާފައިވަނީ ރޮނާލްޑޯ އެވެ.