ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ހައި ކޯޓުގެ ފަނޑިޔާރު މުޙައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ޢަބްދުﷲ ހަމީދު ޢައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މަޖިލީހުން މިގޮތަށް ފާސްކޮށްފައިވަނީ ސުޕްރީމް ކޯޓަށް ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވެވި ނަންތައް ދިރާސާކުރުމަށްފަހު ޖުޑީޝަރީ ކޮމިޓީން ދެ ބޭފުޅުންނަށްވެސް ރުހުން ދޭން ފާސްކުރުމާ ގުޅިގެންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ހައި ކޯޓުގެ ފަނޑިޔާރު މުޙައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ޢަބްދުﷲ ހަމީދު ަޢއްޔަން ކުރެއްވުމަށް މަޖިލީހަށް ނަން ފޮނުއްވެވީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު ބޭއްވި ޖަލްސާއަށެވެ. އެ މައްސަލަ ޖުޑީޝަރީ ކޮމިޓީއަށް ފޮނުއްވެވުމުން ކޮމިޓީ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައިވަނީ ދެ ބޭފުޅުންވެސް ސުޕްރީމް ކޯޓަށް އައްޔަން ކުރައްވަން ޝަރުތުހަމަވާކަމަށް ފާސްކޮށްފައެވެ.
ޖުޑީޝަރީ ކޮމިޓީގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން މަޖިލީހުން މުޙައްމަދު ސަލީމާއި ޢަބްދުﷲ ހަމީދު ސުޕްރީމް ކޯޓަށް އައްޔަން ކުރަން ރުހުން ދީފައިވަނީ ޖަލްސާއަށް ހާޒިރުވެވަޑައިގެން ވޯޓު ދެއްވި މެންބަރުންގެ އިއްތިފާގުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ސުޕްރީމް ކޯޓަށް ނަންތައް ހުށަހަޅުއްވާފައިވަނީ އެ ކޯޓުގެ ފަނޑިޔާރުންގެ ދެ މަގާމެއް ހުސްވެފައިވާތީއެވެ. 7 ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ސުޕްރީމް ކޯޓުގެ ބެންޗުން ދެ މަޤާމެއް ހުސްވެފައިވަނީ ސުލޫކީ މައްސަލައެއްގައި އެ ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް ޢަލީ ޒާހިރު މަޤާމުން ވަކިކުރުމާ ގުޅިގެންނެވެ.
ހުސްވެފައިވާ މަގާމުތަކަށް އައްޔަން ކުރެއްވުމަށް ޖޭއެސްސީން ހުޅުވާލި ފުރުސަތުގައި 12 ފަރާތަކުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް ކުރިމަތިލެއްވިއެވެ. އެ ފުރުސަތުގައި ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދުގެ ނަން ފޮނުއްވެވީ ޖޭއެސްސީގެ ލަފަޔާއެކުގައެވެ.
ސުޕްރީމް ކޯޓަށް ބޭފުޅުން އައްޔަން ކުރައްވާނީ ޖުޑީޝަރީ ކޮމިޓީގެ ރިޕޯޓް މަޖިލީހަށް ހުށަހެޅުއްވުމުން މަޖިލީހުގެ މެންބަރުން ނަގާ ވޯޓަކުން ފާސްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާއެވެ.