ޚަބަރު

މަސްވެރިކަމުގެ ކުދި ވިޔަފާރީގެ ވާހަކަ ބައިނަލްއަގުވާމީ މައިދާނުގައި ދައްކަންޖެހޭ: ވަޒީރު ޝިޔާމް


  • ކުދިި ފަންތީގެ މަސްވެރިކަން ތަރައްޤީކުރުމަށް ކުރެވޭ މަސައްކަތް ފާހަގަކުރެއްވި

  • ކުދި ފަންތީގެ މަސްވެރިކަން ބެލެހެއްޓުމުގެ މަސައްކަތްތަކާ ގުޅޭ ކޭސް ސްޓަޑީސްތައް ހިއްސާކުރި

ކުދި ފަންތީގެ މަސްވެރިކަން ތަރައްޤީކުރުމާއި އެ މަސްވެރިކަމަށް އިންވެސްޓްކުރުމާ ގުޅޭ ގޮތުން ބައިނަލްއަޤްވާމީ މައިދާންތަކުގައި އަޑުއުފުލަންޖެހޭ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ޔުނައިޓެޑް ނޭޝަންސް އޯޝަންސް ކޮންފަރެންސްގެ 3 ވަނަ ބައްދަލުވުމުގެ ހަވާސާގައި ދިވެހިރާއްޖެއިން އިސް ނަގައިގެން ބޭއްވި ދެމެހެއްޓެނިވިގޮތެއްގައި ކުދި މަސްވެރިކަން މެނޭޖް ކުރުމަށް ބާރުއެޅުމާ ގުޅޭ ޚާއްސަ ބައްދަލުވުމުގައެވެ.

މި ސެޝަންގައި ދެމެހެއްޓެނިވި ގޮތެއްގައި ކުދި ފަންތީގެ މަސްވެރިކަން ރާވައި، ހިންގާ، ބެލެހެއްޓުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ކޭސް ސްޓަޑީސްތައް ސަރުކާރުތަކުންނާއި ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ފަރާތްތަކުން ހިއްސާކޮށްފައިވެއެވެ. އަދި މި ތަޖުރިބާގެ އަލީގައި، އެހެން ޤައުމުތަކަށް ވެސް އެޅިދާނެ ފިޔަވަޅުތަކާމެދު މަޝްވަރާކޮށްފައިވެއެވެ.

މި ސެޝަންގައި ވާހަކަފުޅު ދައްކަވަމުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ ކުދި ފަންތީގެ މަސްވެރިކަން ތަރައްޤީކުރުމާއި އެ މަސްވެރިކަމަށް އިންވެސްޓްކުރުމާ ގުޅޭ ގޮތުން ބައިނަލްއަޤްވާމީ މައިދާންތަކުގައި އަޑުއުފުލަންޖެހޭ ކަމަށެވެ. އެހެން ނަމަވެސް ކުދިފަންތީގެ މަސްވެރިކަމުގެ ވާހަކަ އަންނަނީ ބައިނަލްއަޤްވާމީ މިފަދަ މަޝްވަރާތަކުގެ ހަވާސާގައި ކަމަށް ވިދާޅުވިއެވެ. ވަޒީރު ޝިޔާމް ވިދާޅުވީ ކުދިފަންތީގެ މަސްވެރިކަން ކުރާ ފަރާތްތައް ތިބީ ސިޔާސަތުތަކާއި އިންވެސްޓްމަންޓާއި، އިނޮވޭޝަންގެ މާ ފަހަތުގައިކަމަށާއި، މިކަން ބަދަލުވާން ޖެހޭ ކަމަށެވެ. އަދި ސައިންސާއި ޓެކްނޮލޮޖީގެ އަލީގައި މި މަސްވެރިކަން ތަރައްޤީކުރުމަށް ރާއްޖެއިން ކުރާ މަސައްކަތްތަކަށްވެސް ވަޒީރުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

މި ސެޝަންގައި، ދިވެހިރާއްޖޭގައި ކަނޑުމަހުގެ މަސްވެރިކަން ރާވައި، ހިންގުމުގައި ދައުލަތުން ކުރަމުންގެންދާ މަސައްކަތްތަކަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޙުސައިން ސިނާންވަނީ އަލިއަޅުއްވާލައްވާފައެވެ. އަދި މި މަސައްކަތްތައް ކުރިއަށް ގެންދިޔުމުގައި ދެމެހެއްޓެނިވި މަސްވެރިކަމުގެ އުސޫލުތަކަށާއި ހަމަހަމަކަމަށް އިސްކަންދޭ މިންވަރު ޑރ. ސިނާންގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި މަހުގެ ބައިނަލްއަޤްވާމީ މާކެޓްތަކަށް ވަނުމުގެ ފުރުސަތުތައް ފަހިކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާއި ކުދި ފަންތީގެ މަސްވެރިކަމުން ލިބޭ ނަފާ މުޅި މުޖުތަމަޢަށް ބެހިގެންދާނެ ފަދަ ގޮތަކަށް މަސްވެރިކަން މެނޭޖްކުރުމަށް ކުރެވެމުންދާ މަސައްކަތްތައް ސިނާން ފާހަގަކުރެއްވިއެވެ.

މަސްވެރިކަމުގެ ތަފާސް ހިސާބުގެ މުހިންމުކަން ފާހަގަކުރައްވަމުން، ސިނާނު ވިދާޅުވީ 1950 ގެ އަހަރުތަކުން ފެށިގެން ދިވެހިރާއްޖޭގައި އެއްކޮށް، ބަލަހައްޓަމުން އަންނަ މަސްވެރިކަމުގެ ތަފާސް ހިސާބު ޑިޖިޓަލައިޒް ކުރުމަށް މިހާރު ގިނަ މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށެވެ. އަދި މި މިކަމަކީ ދިވެހިރާއްޖޭގައި ޒިންމާދާރު ގޮތެއްގައި ކުރެވޭ ކަނޑުމަހުގެ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖްކުރުމަށްޓަކައި އެޅޭ މުހިއްމު ފިޔަވަޅެއްކަން ސިނާން ފާހަގަކުރެއްވިއެވެ.

އިންޑޮނޭޝިއާގެ ޑިރެކްޓަރ ޖެނެރަލް އޮފް ކެޕްޗަރ ފިޝަރީޒްވަނީ އަވައްޓެރި އިންޑޮނޭޝިއާގައި މަސްވެރިކަން ކުރަމުން އަންނަ ގޮތް ހިއްސާކުރައްވާފައެވެ. އަދި އެ ޤައުމުން ކޯޓާ ބަހައިގެން މަސްވެރިކަން ކުރާ ގޮތާއި، މަސްލަހަތުވެރިންގެ ބައިވެރިވުން އިތުރުކޮށްގެން އަދި ބައިނަލްއަޤްވާމީ ފަރާތްތަކާ ގުޅިގެން ނޫ އިޤްތިޞާދު ކުރިއަރުވަމުންދާ ގޮތް އޭނާ ހިއްސާ ކުރެއްވިއެވެ.

ރާއްޖެއިން އިސްނަގައިގެން ބޭއްވި މި ބައްދަލުވުމުގައި ސަރަޙައްދީ ޖަމްޢިއްޔާތަކުންވެސް ބައިވެރިވިއެވެ. އެގޮތުން މިބައްދަލުވުމުގައި ބައިވެރިވި ބޭ އޮފް ބެންގޯލް ޕްރޮގްރާމް - އިންޓަރގަވަރމެންޓަލް އޯގަނައިޒޭޝަންގެ ޑިރެކްޓަރ، ޑރ. ކްރިޝްނަންވަނީ ސަރަޙައްދީ ފެންވަރުގައި ކުދިފަންތީގެ މަސްވެރިކަން ތަރައްޤީކޮށް ބާރުވެރިކުރުމަށް ކުރެވިދާނެ ކަންކަން ހިއްސާކުރައްވާފައެވެ. އަދި ބީއޯބީޕީ-އައިޖީއޯގެ އެންމެހައި މެންބަރު ޤައުމުތަކުގައި ކުދި ފަންތީގެ މަސްވެރިކަމަށް ޤައުމީ ޢަމަލީ ޕްލޭންތައް އެކުލަވާލުމަށް އެހީތެރިވެދޭނެކަން އޭނާ އިޢުލާންކުރެއްވިއެވެ.

ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ ޖަމްޢިއްޔާގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް، ޑރ. މެނުއެލް ބަރަންޖް ވެސް މި ސެޝަންގައި ވާހަކަދެއްކެވިއެވެ. ބަރަންޖްގެ ވާހަކައިގައި މަސްވެރި މުޖުތަމަޢުތަކުގެ ކުރިއެރުމަށާއި ދުޅަހެޔޮކަން އިތުރުކުރުމަށްޓަކައި އެފްއޭއޯއިން އެކުލަވާލާފައިވާ ވަސީލަތްތަކަށް އަލިއަޅުއްވާލެއްވިއެވެ. އަދި ކުދިފަންތީގެ މަސްވެރިކަމަށް ޤައުމީ ޢަމަލީ ޕްލޭންތައް އެކުލަވާލުމަށް ބީއޯބީޕީ-އައިޖީއޯ އިން ކުރައްވާ މަސައްކަތްތަކަށް އެފްއޭއޯގެ ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ދެއްވިއެވެ.