ޚަބަރު

ޗެލްސީ އަތުން ޓޮޓްނަމް ބަލިވެ އިތުރު އިންތިޒާރެއް!


އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީ އާއި ދެކޮޅަށް ޓޮޓްނަމް ހޮޓްސްޕަރ ކުޅުނު މެޗުން 2-1 ގެ ނަތީޖާއަކުން ޓޮޓްނަމް ބަލިވެ ރެލިގޭޝަނުން ސަލާމަތް ވުމަށް ފަހު މެޗަށް އިންތިޒާރު ކުރަން ޖެހިއްޖެ އެވެ.

މި މެޗުން ޓޮޓްނަމް ބަލިވިއިރު އެ ޓީމަށް 37 މެޗުން ލިބިފައިވާ 38 ޕޮއިންޓާއެކު އޮތީ ތާވަލުގެ 17 ވަނައިގަ އެވެ. 18 ވަނައިގައި އޮތް ވެސްޓްހޭމް ޔުނައިޓެޑަށް ލިބިފައިވާ 36 ޕޮއިންޓާއެކު އެ ޓީމު އޮތީ ރެލިގޭޝަން ޒޯނުގަ އެވެ. އެހެންކަމުން ލީގުގެ ފަހު މެޗުގައި މި ދެ ޓީމު ކުޅޭ މެޗަށްފަހު ނޫނީ މިތަނުން ރެލިގޭޓް ވާނީ ކޮން ޓީމެއްކަން ކަށަވަރެއް ނުވާނެ އެވެ.

ކަންޑަނުގެ ސްޓެމްފަޑް ބްރިޖުގައި ކުޅުނު މި މެޗުގެ 18 ވަނަ މިނިޓުގައި އެންޒޯ ފެނާންޑޭޒް ވަނީ އޭރިޔާ ބޭރުން ފޮނުވާލި ބާރު ހަމަލާ އަކުން ލަނޑެއް ޖަހާ ޗެލްސީއަށް ކުރި ހޯދަދީފަ އެވެ.

ޗެލްސީގެ ވަގުތީ ކޯޗު ކެލަމް މެކްފާލޭން ގެ އިރުޝާދުގެ ދަށުން ޗެލްސީ މި މެޗު ކުޅުނުއިރު އެ ޓީމުގެ ދާއިމީ ކޯޗަކަށް ކުރިން ސްޕެއިންގެ ރެއާލް މެޑްރިޑަށް އިރުޝާދުދިން ޝަބީ އަލޮންސޯ ވަނީ ހަމަޖައްސާފަ އެވެ.

ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންގޮސްފައިވާ މި މެޗުގައި ޗެލްސީ އިން ޖެހި ދެވަނަ ލަނޑަކީ މެޗުގެ 67 ވަނަ މިނިޓުގައި އެންޑްރޭ ސަންޓޯސް ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.

މި މެޗުގައި ޓޮޓްނަމް އިން ލަނޑެއް ޖެހުމަށް ކުރަމުން އައި މަސައްކަތަށް ނިމުމެއް އައިސްފައިވަނީ މެޗުގެ 74 ވަނަ މިނިޓުގައި ރަޗަލިސަން ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މެޗުގެ ފަހު ވަގުތު ޗެލްސީގެ މާކް ކުކުރެޔާ ޓޮޓްނަމްގެ ކުޅުންތެރިއަކަށް އޭރިޔާ ތެރެއިން ފައުލް ކުރިކަމަށް އެ ޓީމުގެ ކުޅުންތެރިން އެޕީލް ކުރި ނަމަވެސް ރެފްރީ ވަނީ އެއީ ޕެނަލްޓީއެއް ނޫން ކަމަށް ނިންމާފަ އެވެ.

ޗެލްސީ އަށް މި މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު ލީގުގެ ފަހު މެޗު ކާމިޔާބުކޮށްގެން ޔޫއެފާ ކޮންފަރެންސް ލީގުގެ ޖާގައެއް ހޯދުމުގެ އުންމީދު އޮތް ނަމަވެސް އެވަޓަން އާއި ދެކޮޅަށް އަންނަ ހަފްތާގައި ޓޮޓްނަމް ކުޅޭ މެޗަކީ އެ ޓީމަށް ރެލިގޭޝަނުން ސަލާމަތް ވުމަށް އޮތް ހަމައެކަނި ފުރުސަތެވެ.