ޚަބަރު

ޔަހޫދީން އީރާނަށް ދެމުންދާ ޙަމަލާތަކުގައި ގިނަ ޢަދަދެއްގެ މީހުން ޝަހީދު ވެއްޖެ


ޔަހޫދީން އީރާނަށް ދެމުންދާ ޙަމަލާތަކުގައި ގިނަ ޢަދަދެއްގެ މީހުން ޝަހީދު ވެއްޖެއެވެ.

ޔަހޫދީން އީރާނަށް ހަމަލާ ދޭން ފަށާފައި ވަނީ ހުކުރު ދުވަހުގެ ދަންވަރުގެ ވަގުތެއްގައެވެ. އަސްކަރީ މަރުކަޒުތަކަށާއި ނިއުލްލިޔަަރ މަރުކަޒުތަކަށް އަމާޒު ކޮށް ޔަހޫދީން ދިން ޙަމަލާގައި އީރާނުގެ އިންޤިލާބީ ފައުޖުގެ އިސްވެރިޔާ، ޙުސައިން ސަލާމީއާއި އީރާނުގެ ހަތިޔާރުއެޅި ބާރުގެ ޗީފް އޮފް ސްޓާފް މުޙައްމަދު ބަޣާރީއާއި އެމަޖެންސީ ކޮމާންޑުގެ ކޮމާންޑަރު ވަނީ ޝަހީދު ކޮށްލައިފައެވެ. އޭގެ އިތުރުން ހަ ނިއުކްލިއަރ ސައިންޓިސްޓުން ވެސް ވަނީ ޝަހީދު ކޮށްލައިފައެވެ.
އީރާނުގެ ސަރުކާރާ ނުރަސްމީ ގޮތުން ގުޅުންހުރި ނޫހަކުން ބުނީ އާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ޔަހޫދީން ދިން ޙަމަލާތަކުގައި 78 މީހުން ޝަހީދުވެ، 329 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.

‎އެ ޙަމަލާތަކަށް ބަދަލު ހިފުމުގެ ގޮތުން އީރާނުން ދިން 100އަށްވުރެ ގިނަ ޑްރޯން ޙަމަލާގައި ބޭނުންކޮށްފައި ވަނީ ޝާހެދު ޑްރޯނެވެ. ޔަހޫދީން ވަނީ ހުރިހާ ޑްރޯންތައް ހުއްޓުވާފައިވާ ކަމަށް ބުނެފައެވެ. ޔަހޫދީންނަށް އީރާނުގެ ޙަމަލާތައް ހުއްޓުވުނީ އުރުދުންގެ ބޮޑު އެހީތެރިކަމާއެކުގައެވެ. އުރުދުންގެ ރޯޔަލް އެއާފޯސްގެ މަތިންދާބޯޓާއި ވައިގެ ދިފާޢީ ނިޒާމުން އުރުދުންގެ ވައިގެ ސަރަޙައްދަށް ވަދެފައިވާ އީރާނުގެ ޑްރޯންއާއި މިސައިލު ހުއްޓުވާފައިވާ ކަން އެ ޤައުމުން ވަނީ ޔަޤީން ކޮށްދީފައެވެ.

އީރާނުން ދިން ޙަމަލާގެ ފަހުން ވެސް ޔަހޫދީން ވަނީ އީރާނަށް އަނެއްކާ ވެސް ޙަމަލާ ދީފައެވެ. އެ ގޮތުން އީރާނުގެ ހުޅަނގު އުތުރުގައި އޮންނަ ތަބްރީޒަަށް ޔަހޫދީންގެ ޙާމަލާތައް ވަނީ އަމާޒު ކޮށްފައެވެ.