ޔަހޫދީން އީރާނަށް ދިން ނިރުބަވެރި ޙަމަލާތަކަށްފަހު، އެމެރިކާއާ އެކު ކުރަމުންދާ އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމާ ގުޅޭ މަޝްވަރާތަކުގައި "މާނައެއް ނެތް"ކަމަށް ޤަބޫލުކުރިޔަސް، މާދަމާ އޮންނަ މަޝްވަރާތަކުގައި ބައިވެރިނުވާން އަދި ނުނިންމާކަމަށް އީރާނުގެ ސަރުކާރުން ބުނެފިއެވެ.
"އަނެއް ފަރާތުން [އެމެރިކާ] ޢަމަލުކުރީ މަޝްވަރާގެ މާނައެއް ނެތް ގޮތަކަށް. މަޝްވަރާ ކުރުމުގެ ނަމުގައި، އަނެއް ކޮޅުން ޒަޔަނިސްޓް ދަޢުލަތަށް [އިސްރާއީލަށް] އީރާނުގެ ސަރަޙައްދަށް ޙަމަލާ ދިނުމުގެ ފުރުޞަތު ދިނުން ބަލައެއް ނުގަނެވޭނެ،" އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއިލް ބަޣާޢީއާ ޙަވާލާދީ ދަޢުލަތުގެ މީޑިއާތަކުން ބުނެފައިވެއެވެ.
ނަމަވެސް، މާދަމާއަށް ތާވަލުކުރެވިފައިވާ މަޝްވަރާތަކުގައި ބައިވެރިނުވާން އަދި ނިންމާފައިނުވާކަމަށް އޭނާ ވިދާޅުވިއެވެ.
އަދި އެމެރިކާގެ ރުހުންނެތި، ޔަހޫދީން އީރާނަށް ޙަމަލާދޭނެކަމަށް ޤަބޫލުނުކުރައްވާކަމަށް ވިދާޅުވެ، އޭނާ ވަނީ އެ ޙަމަލާތަކަށް އެމެރިކާއިން ވާގިވެރިވެފައިވާކަމަށް ތުހުމަތު ކުރައްވައިފައެވެ.
ނަމަވެސް، އެމެރިކާއިން ވަނީ އެ ތުހުމަތު ދޮގުކޮށް، ނިއުކްލިޔަރ ޕްރޮގްރާމާ ގުޅޭ މަޝްވަރާތައް އަދިވެސް ކުރިއަށް ގެންދިޔުމަށް އީރާނުގެ ކިބައިން އެދިފައެވެ.
އީރާނާއި އެމެރިކާގެ އިސް އޮފިޝަލުން ކުރަމުންދާ މަޝްވަރާތަކުގެ ހަ ވަނަ ބުރު މާދަމާ، އޮމާނުގައި ބާއްވަން ވަނީ ތާވަލުކޮށްފައެވެ. އަދި އެ ބައްދަލުވުން ކެންސަލްކުރި ކަމެއް އަދި މިހާތަނަށް ދެ ފަރާތުން ވެސް ރަސްމީކޮށް ބުނެފައެއް ނުވެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ބޭނުމަކީ އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމަށް ނުފޫޒު ފޯރުވައި، އެ ޕުރޮގުރާމު ކޮންޓުރޯލު ކުރުމެވެ. އަދި، ޔުރޭނިޔަމް މުއްސަނދި ކުރުމުގެ މަސައްކަތްތައް ހުއްޓުވުމެވެ. އީރާނުން ނިއުކްލިޔަރ ހަތިޔާރެއް އުފެއްދުމަކީ ޒަޔަނިސްޓު އިސްރާއީލުގެ ދެމިއޮތުމާއި، ޔަހޫދީންގެ ސަލާމަތާއި ރައްކާތެރި ކަމަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ޓްރަމްޕް ޤަބޫލު ކުރައްވައެވެ.
މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ދެ ޤައުމުގެ ދެމެދުގައި ތަފާތު ފަސް ފަހަރެއްގެ މަތިން މަޝްވަރާތައް ބޭއްވުމަށްފަހު، މިދިޔަ ހޮނިހިރު ދުވަހު އޮމާން މެދުވެރިވެގެން، ނިއުކްލިޔަރ އެއްބަސްވުމާ ގުޅޭ އެމެރިކާގެ ހުށަހެޅުންތައް އީރާނަށް ވަނީ ފޮނުވައިފައެވެ.
ނިއުލްލިކަރ ހަތިޔާރެއް އުފެއްދުމަށް ނޫނަސް، މަދަނީ ބޭނުމަށް އެކަނި ވެސް ޔުރޭނިއަމް މުއްސަނދި ކުރަމުން ދިޔުމަށް އީރާނުން ބޭނުންވާއިރު މިއީ އެމެރިކާއިން އެދޭ ގޮތެއް ނޫނެވެ. ޔުރޭނިއަމް މުއްސަނދި ކުރުން ހުއްޓާލުމަށް އެމެރިކާއިން ޝަރުތުކުރާއިރު، އެ ޝަރުތައް އެއްބަސް ނުވެވޭނެ ކަމަށް އީރާނުން ދަނީ ބުނަމުންނެވެ.