ޔަމަންގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތް، ޙޫޘީންގެ އިސް އޮފިޝަލަކު ޝަހީދު ކޮށްލުމުގެ ނިޔަތުގައި ޒަޔަނިސްޓު އިސްރާއީލުގެ ޔަހޫދީ ފައުުޖުން ދާދިފަހުން ޔަމަނަށް ނިރުބަވެރި ޙަމަލާތަކެއް ދީފިއެވެ. ޙޫޘީންނަކީ އީރާނުން ވާގިވެރިވާ 'އެކްސިސް އޮފް ރެސިސްޓެންސް'ގައި ހިމެނޭ ބާރުގަދަ ލަޝްކަރެކެވެ. އެ ޖަމާޢަތުގެ އިސް އޮފިޝަލަކު ޝަހީދު ކޮށްލުމުގެ ނިޔަތުގައި ޔަހޫދީ ފައުޖުން ޔަމަނަށް ނިރުބަވެރި ޙަމަލާތަކެއް ދީފައިވާ ކަން ހާމަކޮށްފައި ވަނީ އިސްރާއީލުގެ މީޑިޔާތަކުންނެވެ. ޙޫޘީންގެ އިސް އޮފިޝަލަކު ޝަހީދު ކޮށްލުމުގެ ނިޔަތުގައި ޔަހޫދީން ދީފައިވާ ނިރުބަވެރި ހަމަލަ ކާމިޔާބުވި ކަން ސާފެއް ނޫނެވެ.
2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފަށާފައިވާ ޤަތުލުޢާންމާ ދެކޮޅަށް ތެދުވެފައިވާ ޖަމާޢަތްތަކުގެ ތެރޭގައި ޙޫޘީން ހިމެނެއެވެ. ޔަހޫދީންނާ ދެކޮޅަށް ފެށި އަސްކަރީ އޮޕަރޭޝަންގެ ދަށުން އެ ޖަމާޢަތުން ވަނީ ރަތް ކަނޑު ހުރަސްކޮށް ދަތުރު ކުރާ އުޅަނދުފަހަރަށް ޙަމަލާ ދޭން ފަށާފައެވެ. އޭގެ ތެރެއިން ގިނަ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޔަހޫދީންގެ މަސްލަޙަތު އޮތް އާގުބޯޓުފަހަރާއި، އިސްރާއީލަށް މުދާ އުފުލާ އުޅަނދުފަހަރަށެވެ. އެ ޖަމާޢަތުން 100އަށްވުރެ ގިނަ އުޅަނދަށް ޙަމަލަދީ، އޭގެ ތެރެއިން ދެ އާގުބޯޓު ފައްތައިލާފައިވެއެވެ.
ޖޫން 10ވަނަ ދުވަހު ވެސް ޔަހޫދީ ފައުޖުން ވަނީ ޔަމަންގެ ހުޅަނގުގައި އޮތް ބަނދަރުމަތީ ރަށް އަލް-ޙުދަޔިދާގެ މައި ބަނދަރަށް ނުރައްކާތެރި ހަމަލާތަކެއް އަމާޒުކޮށްފައެވެ. އެއީ، 2014ވަނަ އަހަރު ޔަމަންގައި ފެށި އަހުލީހަނގުރާމައާ ގުޅިގެން ހާލުގައި ޖެހިފައިވާ އެތަކެއް މިލިޔަން ބަޔަކަށް ބޭނުންވާ ކާބޯތަކެތި ކަނޑުމަގުން އެތެރެ ކުރުމަށް ބޭނުން ކުރާ މުހިންމު ބަނދަރެކެވެ. އެ ޙަމަލާތަކުގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވި ކަމުގެ މަޢުލޫމާތު ޙޫޘީން ހާމަކޮށްފައެއް ނެތެވެ.
ޔަހޫދީ ފައުޖުން ޙުދަޔިދާއަށް ޙަމަލަ ދީފައި ވަނީ، ޒަޔަނިސްޓު އިސްރާއީލުގެ ރަށަކަށް ޙަމަލަދިނުމަށް ޙޫޘީ ޖަމާޢަތުން ބެލިސްޓިކް މިސައިލެއް ބޭނުން ކުރުމުން އެ ކަމުގެ ބަދަލު ހިފުމުގެ ގޮތުން ކަމުގައި ޔަހޫދީން ބުންޏެވެ. ޙޫޘީންގެ މިސައިލް އޭގެ އަމާޒަށް ވާސިލުވެފައެއް ނުވެއެވެ. ނަމަވެސް، މޭ 4ވަނަ ދުވަހު ޙޫޘީން ވަނީ ބެލިސްޓިކް މިސައިލެއް ބޭނުން ކޮށްގެން އިސްރާއީލްގެ ވެރިރަށް ތެލް އަވީވް ކައިރީގައި އޮތް މައި ވައިގެ ބަނދަރަށް ނުރައްކާތެރި ޙަމަލާއެއް ދީފައެވެ. އެ ޙަމަލައާ ގުޅިގެން ބެން ގޫރިޔޮން ވައިގެ ބަނދަރުގެ ޚިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑައިލަން ޔަހޫދީންނަށް މަޖުބޫރުވިއެވެ.
ޙޫޘީ ޖަމާޢަތުގެ އިސް އޮފިޝަލަކު ޝަހީދު ކޮށްލުމުގެ ނިޔަތުގައި ޔަހޫދީ ފައުޖުން ޔަމަނަށް ބޮން އަޅާފައި މި ވަނީ، މެދުއިރުމަތީގެ މައި ބާރެއްގެ ގޮތުގައި ބެލެވޭ އީރާނާއި އިސްރާއީލާ ދެމެދު ޙަމަލަ ބަދަލު ކުރަމުންދާ ދަނޑިވަޅެއްގައެވެ. އިސްވެ ޖޫން 13ވަނަ ދުވަހު އީރާނަށް ހަމަލަ ދީފައި ވަނީ ޔަހޫދީ ފައުޖުންނެވެ. އެއީ، އެމެރިކާގެ އެހީތެރިކަމާއި އެއްބާރުލުމާ އެކު ދީފައިވާ ހަމަލަތަކެއް ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. ޔަހޫދީންގެ ކިބައިން ބަދަލު ހިފުމުގެ ގޮތުން ބެލިސްޓިކް މިސައިލް ބޭނުން ކޮށްގެން އީރާނުން އެންމެ ފަހުން ދީފައިވާ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ތެލް އަވީވާއި އިސްރާއީލުގެ ބަނދަރުމަތީ ރަށް ޚައިފާއަށެވެ. އެ ޙަމަލަތަކުގައި އަށް މީހުން މަރުވި ކަމުގައި ރިޕޯޓުތައް ބުނެއެވެ.