ޚަބަރު

ރ. އަތޮޅާއި ބ އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް ފަށަން އެމްޓީސީސީން ތައްޔާރުވަނީ


  • ބ. އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް އަންނަ މަހު ފަށާނެ

  • އާރުޓީއެލްގެ ޚިދުމަތް 9 އަތޮޅެއްގައި މިހާރު އަންނަނީ ދެމުން

ރާއްޖެ ޓްރާންސްޕޯޓް ލިންކް، އާރްޓީއެލްގެ ފެރީގެ ޚިދުމަތް ރ. އަތޮޅާއި ބ. އަތޮޅުގައި ފެށުމަށް ތައްޔާރުވަމުންދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައުދީ ވިދާޅުވެއްޖެއެވެ. ސައުދީ މިހެން ވިދާޅުވީ އެމްޓީސީސީގެ މަސައްކަތްތަކާ ގުޅޭގޮތުން، ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.

މިއަހަރު ނިމެންވާއިރަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އާރުޓީއެލް ހައި ސްޕީޑް ފެރީގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރެކެވެ. މި ތަސައްވުރު ހާސިލްކުރުމަށް އެމްޓީސީސީއިން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައުދީ ވިދާޅުވީ، އާރްޓީއެލް ފެރީގެ ޚިދުމަތް ދެން އެންމެ އަވަހަށް ފަށާނީ ރ. އަތޮޅުގައިކަމަށެވެ.

"މި މަސް ނިމެންވާއިރަށް ރ. އަތޮޅުގައި އަޅުގަނޑުމެންނަށް އާރްޓީއެލްގެ މަސައްކަތް ފެއްޓޭނެ. ދެން ހަމަ އެއާ އެއްކޮށް ޖުލައި މަސް ނިމެންވާއިރަށް ބ. އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް ފެށޭނެ" އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައުދީ ވިދާޅުވިއެވެ.

ރ. އަތޮޅުގައި އާރްޓީއެލް ހައި ސްޕީޑް ފެރީގެ ޚިދުމަތް ފެށުމަށް އެމްޓީސީސީއިން މިހާރު ދަނީ އެ އަތޮޅުގައި އާރްޓީއެލް ޚިދުމަތަށް ހޭލުންތެރިކުރުމަށް ޕްރޮގްރާމެއްވެސް ހިންގަމުންނެވެ. މި ޕްރޮގްރާމް އޮންނާނީ މިމަހުގެ 21ވަނަ ދުވަހާއި ހަމައަށެވެ.

އެމްޓީސީސީއިން ވިދާޅުވީ، ރ. އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް ފަށާ ފުރަތަމަ ހަފްތާގައި ކުރިއަށްގެންދަނީ ތަޖުރިބާ ދަތުރުތަކެއްކަމަށެވެ. އަދި މިއީ އެއްވެސް އަގެއް ނުނަގާ ކުރިއަށްގެންދާ ދަތުރުތަކެއްކަމަށާއި، އަޖުމަބެލުމުގެ ދަތުރުތަކަށްފަހު، އެއްވެސް ބަދަލެއް ގެންނަން ފެންނަނަމަ އެ ބަދަލެއް ގެންނާނެކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.

ރާއްޖެ ޓްރާންސްޕޯޓު ލިންކް، އާރްޓީއެލްގެ ޚިދުމަތް ރ. އަދި ބ. އަތޮޅުގައި ދިނުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 15ވަނަ ދުވަހުގައެވެ. އެދުވަހު ވަނީ ނ. އަތޮޅުގައިވެސް މި ޚިދުމަތް ދިނުމަށް އެމްޓީސީސީއާ ހަވާލުކޮށްފައެވެ. ނ. އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް މިދިޔަ އަހަރުގެ ޖުލައި މަހުގެ 25 ވަނަ ދުވަހު ވަނީ ފަށާފައެވެ.

ރާއްޖޭގެ ރަށްތައް ދަތުރުފަތުގެ ނިޒާމުން ގުޅާލުމުގެ މަސައްކަތް އެމްޓީސީސީއާއި ޙަވާލުކޮށްގެން ކުރިއަށްދަނީ 6 ޒޯނަކަށް ބަހާލައިގެނެވެ. އެންމެ ފަހުން މި ޚިދުމަތް ފެށި ނ. އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށެއްގައި މި ޙިދުމަތް ފޯރުކޮށްދެއެވެ. މިއާއެކު ރާއްޖޭގެ 9 އަތޮޅެއްގެ 81 ރަށް އާރުޓީއެލް ފެރީގެ ޚިދުމަތުން ގުޅާލެވުނީއެވެ.