ޚަބަރު

ހަރުދަނާ ތަންފީޒީ ފިޔަވަޅުތަކާއެކު ބިދޭސީންގެ ފީތަކުން ލިބޭ އާމްދަނީ އިތުރުވެއްޖެ


  • ވޯކް ޕާމިޓް ފީ ދައްކާ މިންވަރު ވަނީ އިތުރުވެފައި

  • އެކްސްޕެޓްރިއޭޓް ފީ އިންސްޓޯލްމެންޓް އުސޫލުން ދެއްކޭ ގޮތަށް ހެދުމުން ގިނަ ބަޔަކު ދަނީ ފީ ދައްކަމުން

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކާއެކު ބިދޭސީންނާ ގުޅޭ ފީތަކުން ދައުލަތައް ލިބޭ އާމްދަނީ އިތުރުވެއްޖެއެވެ. މިކަން ހާމަވެފައިވަނީމީރާގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުންނެވެ.

މީރާގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ތަފާސް ހިސާބުތަކުގައިވާ ގޮތުން ބިދޭސީންގެ ވޯކް ޕާމިޓް ފީ އަދި އެކްސްޕެޓްރިއެޓް ކޯޓާ ފީން މިދިޔަ އަހަރު ދައުލަތައް ލިބޭނެ ކަމަށް އަންދާޒާ ކުރިވަރަށްވުރެ އިތުރަށް ވަނީ ލިބިފައެވެ.

މީރާގެ އަހަރީ ރިޕޯޓުގައި ބިދޭސީންގެ ފީ ތަކުގެ ތެރެއިން އަންދާޒާ ކުރިވަރަށް ވުރެން ބޮޑު ކުރިއެރުމެއް ހޯދާފައިވަނީ އެކްސްޕެޓްރިއޭޓް ކޯޓާ ފީ އިންނެވެ. މީރާއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު 432.25 މިލިޔަން ރުފިޔާ އެކްސެޕްޓްރިއޭޓް ކޯޓާ ފީ ގޮތުގައި ވަނީ ދައުލަތައް ލިބިފައެވެ. މިދިޔަ އަހަރު ލިބޭނެ ކަމަށް އަންދާޒާ ކުރީ 255.43 މިލިޔަން ރުފިޔާއެވެ. އެހެން މިއީ އަންދާޒާކުރި އާމްދަނީއާއި އަޅާބަލާއިރު 69.2 އިންސައްތައިގެ ކުރިއެރުމެކެވެ. މިދިޔަ އަހަރު 147,334 ކޯޓާއަށް 294.67 މިލިޔަން ރުފިޔާ ބަލައިގަނެފައިވާއިރު ޕާޝަލް ޕޭމަންޓުގެ ގޮތުގައި 137.58 މިލިޔަން ރުފިޔާ ބަލައިގަނެފައިވާ ކަމަށް މީރާގެ ތަފާސްހިސާބުތައް ދައްކައެވެ.

މި ފީ އަންދާޒާކޮށްފައިވަނީ ދޫކޮށްފައިވާ ކޯޓާގެ ނިސްބަތަށް ބަލައިގެން ކަމަށެވެ. ނަމަވެސް ކޯޓާ ފީ އިންސްޓޯލްމެންޓަށް ބަހާލައިގެން ދެއްކޭނެ ގޮތް ހަމަޖައްސާފައި ވުމާއެކު، ގިނަ ފަރާތްތަކުން ނުދައްކައިހުރި ފައިސާ އިންސްޓޯލްމަންޓަށް ދައްކައިފައިވާތ،ީ ބަލައިގަތް އާމްދަނީވަނީ އަންދާޒާކުރި އާމްދަނީއަށްވުރެ އިތުރުވެފައެއެވެ.

ދެން އެންމެ ބޮޑު ކުރިއެރުމެއް ލިބިފައިވަނީ ބިދޭސީންގެ ވޯކް ޕާމިޓް ފީންނެވެ. ވޯކް ޕާރމިޓް ފީ އަކ،ީ ދިވެހިރާއްޖޭގެ ވަޒީފާ އަދާކުރާ ބިދޭސީންގެ އަތުން މަހެއްގެ މައްޗަށް 350 ރުފިޔާގެ ރޭޓުން ނަގާ ފީއެކެވެ. ބިދޭސީންގެ ވޯކް ޕާމިޓް ފީ އަށް ބަލާއިރު މިދިޔަ އަހަރު ދައުލަތައް ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވަނީ 552.76 މިލިޔަން ރުފިޔާއެވެ. ނަމަވެސް އަހަރު ނިމުނު އިރު، 670.93 މިލިޔަން ރުފިޔާއެވެ. މިއީ އަންދާޒާ ކުރި އާމްދަނީއާއި އަޅާބަލާއިރު 21.4 އިންސައްތައިގެ ކުރިއެރުމެކެވެ. ވޯކް ޕާމިޓް ފީގެ ގޮތުގައި އޭގެ ކުރީ އަހަރު ބަލައިގަނެފައިވަނީ 573.31 މިލިޔަން ރުފިޔާއެވެ.

މީރާއިން ވިދާޅުވީ ބިދޭސީންގެފީ ބަލައިގަތް މިންވަރު އިތުރުވެފައިވަނީ އިމިގްރޭޝަނުން ރާއްޖޭގައި ގަވާއިދާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އަޅާފައިވާ ތަންފީޒީ ފިޔަވަޅުތައް ހަރުދަނާކުރުމުގެ ނަތީޖާއެއްގެ ގޮތުން ކަމަށެވެ.

ބިދޭސީންގެ ފީތައް ދައްކާ މިންވަރު އިތުރުވެފައިވާއިރު، 2023ވަނަ އަހަރުގެ ނިޔަލަށް ބިދޭސީންނާއި ގުޅުންހުރި ފީތައް ދައްކަމުން އައި ނިސްބަތުން އެންމެ %22 ކަމަށް ސަރުކާރުން ވިދާޅުވެއެވެ. ނަމަވެސް މިހާރު މިއަދަދު %50އަށް ވުރެ މައްޗަށް ޖެހިފައިވާ ކަމަށް މިދިޔަ އޭޕްރީލް މަހު ސަރުކާރުން ވަނީ ވިދާޅުވެފައެވެ. ސަރުކާރު ހަވާލުވިއިރު ބިދޭސީންނާއި ގުޅުންހުރި 1.9 ބިލިޔަން ރުފިޔާ ނުދައްކާ ހުރި ނަމަވެސް، މިހާތަނަށް އައިރު އޭގެ ތެރެއިން ބިލިޔަނަކަށް ވުރެ ގިނަ ރުފިޔާ ދައުލަތައް ލިބިފައިވާ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.