ނިމިދިޔަ މޭ މަހު ވޭޕާއި ގުޅޭ އެކި މައްސަލަތަކުގައި 35 މީހަކު ޖޫރިމަނާކޮފިއެވެ. މިމައްސަލަތަކުގައި އެފަރާތްތަށް ޖޫރިމަނާކުރި އަދަދު އެއްލައްކަ ތިރީސްހާސް 130،000 ރުފިޔާއަށް އަރާކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މިދިޔަ މޭ މަހުގެ އެކަކުން 31ގެ ނިޔަލަށް ވޭޕާއި ގުޅޭ އެކި މައްސަލަތަކުގައި ޖޫރިމަނާކުރި މީހުން ޖުމްލަ 130,000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
މޭ މަހު ވޭޕް ބޭނުންކޮށްގެން ޖުމްލަ 13 މީހުން 53,000 ރުފިޔާއިން ޖޫރިމަނާކޮށްފައިވެއެވެ. އަދި ވޭޕް ގެންގުޅުނު މައްސަލަތަކުގައި ޖުމްލަ 20 މީހުން 67,000 ރުފިޔާއިން ޖޫރިމަނާކޮށްފައިވެއެވެ.
ފުލުހުން ވިދާޅުވީ މޭ މަހު ވޭޕާ ގުޅޭ އެހެނިހެން މައްސަލަތަކުގައި ޖުމްލަ 2 މީހަކު 10,000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަަމަށެވެ.
ރާއްޖޭގައި ވޭޕު ބޭނުންކުރުމާއި ވިއްކުމާއި ހިލޭބެހުން މަނާކޮށް ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް ގެނައި އިސްލާޙަށް ޢަމަލުކުރަން ފަށާފައިވަނީ 15 ޑިސެންބަރު 2024ވަނަ ދުވަހުން ފެށިގެންނެވެ.
ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނުގެ ދަށުން ރާއްޖެއަށް ވޭޕްގެ ބާވަތްތަކާއި އެއާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައި ހުންނަ ބާވަތްތައް އެތެރެކޮށްފިނަމަ 50،000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާކުރާނެއެވެ.
އަދި މިހާރު ޤާނޫނުގައި އޮންނަ ގޮތުން ވޭޕް ކުރުމަށް ބޭނުންކުރާ އެއްވެސް އާލާތެއް ކުޑަކުއްޖަކަށް ވިއްކައިފިނަމަ ނުވަތަ ހިލޭ ދީފިނަމަ އެފަދަ އާލާތްތައް ވިއްކުމުންނާއި ހިލޭ ބެހުމުންކުރާ ޖޫރިމަނާގެ އިތުރަށް 50،000 ރުފިޔާގެ ޖޫރިމަނާއެއް ކުރެވޭނެއެވެ.
ޤާނޫނާ ޚިލާފުވާ މީހުންނަށް މޯބައިލް ފޯނުގެ ޒަރިއްޔާއިން ކުރު މެސެޖެއް، ޖޫރިމަނާ ދެއްކުމަށް ވާރު ޕޭގެ ޕޭމަންޓް ލިންކެއް ހިމަނާފައި ފުލުހުން ފޮނުވާނެއެވެ. ފުލުހުން ވަނީ ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް ގެނައި އިސްލާހަށް ހުރިހާ މީހުންވެސް ފުރިހަމައަށް ޢަމަލުކުރުމަށާއި ޤަނޫނު ތަންފީޒްކުރުމުގައި ފުލުހުންގެ ޚިދުމަތަށް ފުރިހަމަ އެއްބާރުލުން ދިނުމަށް އިލްތިމާސްކުރައްވާފައެވެ.