ޚަބަރު

ދަރުމައަށް ލޭ ހަދިޔާ ކުރާ މީހުންގެ އަދަދު އިތުރުކޮށްދިނުމަށް ޞިއްޙީ ވަޒީރު އެދިވަޑައިގެންފި


  • ތެލަސީމިއާ ކުދިންނަށް މަހެއްގެ މައްޗަށް 900އަށްވުރެ ގިނަ ޕައިންޓް ލޭ ބޭނުންވޭ

  • ލޭ ބޭނުންވެގެން މީހަކު އާދޭސް ކުރަން ނުޖެހޭނެ ދުވަހެއް ދެކެން ބޭނުންވާކަމަށް ވިދާޅުވި

ދަރުމައަށް ލޭ ހަދިޔާ ކުރާ މީހުންގެ އަދަދު އިތުރުކޮށްދިނުމަށް މަސައްކަތްކޮށްދެއްވުމަށް ޞިއްހީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް އެދިވަޑައިގެންފިއެވެ.

ޞިއްޙީ ވަޒީރު މިހެން ވިދާޅުވީ ދުނިޔޭގެ ލޭހަދިޔާކުރާ މީހުންގެ ދުވަސް ފާހަގަކުރުމަށް ޤައުމީ ޔުނިވަރސިޓީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިން ވިދާޅުވީ ދުނިޔޭގެ ލޭ ހަދިޔާ ކުރާމީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަހަރު އެންމެ މުހިންމު މަސައްކަތެއްގެ ގޮތުގައި ކުރިއަށްގެންދަނީ ޞިއްޙީ ވުޒާރާއާއި ބައެއް ޔުނިވަރސިޓީތަކާއި ކޮލްޖެތަކާ ގުޅިގެން ދަރުމައަށް ލޭ ހަދިޔާ ކުރުމަށް އެމްބެސެޑަރސް އުފައްދާ ލޭ ހަދިޔާ ކުރުމުގެ ކެމްޕެއިންތައް ހިންގުމަށް ކަމަށެވެ.

ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ މިންގަނޑުތަކަށް ބަލާއިރު ކޮންމެ ޤައުމެއްގައިވެސް މަދުވެގެން 1 އިންސައްތަ މީހުންނަކީ ލޭ ހަދިޔާ ކުރާ މީހުންކަން ފާހަގަކުރައްވާ ޞިއްހީ ވަޒީރު ވިދާޅުވީ މިހާތަނަށް އައިރު ރާއްޖެއިން އެ މިންގަނޑާ ހަމައަށް އާދެވިފައި ނުވާކަމަށެވެ. ޞިއްޙީ ކަންކަން ރަނގަޅު ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރޭގައި ހެލްތު ޕްރޮފެޝަނަލުން ބިނާކުރުމާއި އިންފްރާސްޓްރަކްޗަރ ޤާއިމްކުރުމާއި ބޭސްފަރުވާގެ އެހެނިހެން ކަންކަން ހަމަޖެހިގެންދާއިރު ވަށާޖެހޭ ކަންކަމަށް ރިޢާޔަތްނުކޮށް ހާސިލްކުރަން އުޅޭ ލަނޑުދަނޑިތައް ހާސިލް ނުކުރެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގައި ލޭ ލިބުމުގައި ހުރި ދަތިތަކަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ ތެލަސީމިއާ ކުދިންނަށް މަހެއްގެ މައްޗަށް 900އަށްވުރެ ގިނަ ޕައިންޓް ލޭ ބޭނުންވާކަމަށެވެ. އަދި އެހެނިހެން ބަލިތަކުގައި ލޭ ބޭނުންވާ ފަރާތްތަކަށް 1400 އެއްހާ ޕައިންޓްގެ ލޭ ބޭނުންވާކަން ފާހަގަކުރައްވާ ވަޒީރު ވަނީ ލޭ ހޯދުމަށް އާޢިލާތަކުން ގިނަ ދަތިތައް ތަހައްމަލުކުރަންޖެހޭކަން ފާހަގަކުރައްވާފައެވެ.

"ޤައުމެއްގެ ގޮތުގައި ދެކެން ބޭނުންވާ ދުވަހަކީ ލޭ ބޭނުންވެގެން މީހަކު އާދޭސް ކުރަން ނުޖެހޭނެ ދުވަހަކަށް ދިއުން އެކަމަށްޓަކައި މަސައްކަތް ކުރަންޖެހޭ "ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވިއެވެ.

ކޮލެޖް ޔުނިވަރސިޓީތަކުގައި ކިޔަވާ ޒުވާން ދަރިވަރުން ލޭ ހަދިޔާ ކުރުން ޕްރޮމޯޓް ކުރުމަކީ މުހިންމުކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ކޮލްޖެ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންތަކާއެކު ވެފައިވާ އެއްބަސްވުންތަކުގެ ދަށުން އެކި ޕްލޭންތައް ހަދައިގެން ލޭ ހަދިޔާ ކުރުމުގެ އެކި ޕްރޮގްރާމްތައް ކުރިއަށްގެންގޮސް ދަރުމއަށް ލޭ ހަދިޔާ ކުރާ މީހުންގެ އަދަދު އިތުރުކޮށްދިނުމަށް ވަޒީރުވަނީ އެދިވަޑައިގެންފައެވެ. އެފަދަ ޕްރޮގްރާމްތަކުގެ ނަތީޖާއަކަށް ވަނީ ޒުވާނުންނަށް ލޭ ހަދިޔާ ކުރުމުގެ މުހިންމުކަން ވިސްނި އަދަށްވުރެ ރަނގަޅު ހާލަތަކަށް ޤައުމު ދަތުރުކުރެވުންކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވިއެވެ.