އޮޕަރޭޝަން ޓްރޫ ޕްރޮމިސް 3ގެ ދަށުން އީރާނުން ޔަހޫދީ ދައުލަތަށް ދެމުންދާ ވަރުގަދަ ޙަމަލާތައް ތިންވަނަ ރެއަކަށް ކުރިއަށް ގެންގޮސް ބޮޑެތި ގެއްލުންތައް ދީފިއެވެ.
ހުކުރު ދުވަހު ޔަހޫދީން އިސްވެ އީރާނަށް ޙަމަލާދީ އެ ޤައުމުގެ އަސްކަރިއްޔާގެ ގިނަ ޢަދަދެއްގެ ކޮމާންޑަރުންނާއި ނިއުކްލިޔަރ ސައިންސުވެރިން ވަނީ ޝަހީދު ކޮށްލައިފައެވެ. އެއާއެކު އީރާނުން ވަނީ ޔަހޫދީންނަށް ވަރުގަދަ ޙަމަލާތައް ދޭން ފަށައިފައެވެ. ދެ ފަރާތުން ބަދަލު ކުރަމުންދާ ޙަމަލާތަކުގައި މިހާތަނަށް އީރާނުގެ 128 ރައްޔިތުން ޝަހީދު ވެފައިވާއިރު 500 މީހުންނަށް ވަނީ ޒަޚަމްވެފައެވެ. އަދި ޔަހޫދީންގެ 14 މީހުން މަރުވެ 500 މީހުންނަށް ޒަޚަމްވެފައި ވެއެވެ.
އީރާނުގެ އެންމެ ފަހުގެ ޙަމަލާތައް މައިގަނޑު ގޮތެއްގައި އަމާޒު ކުރަމުންދަނީ ޔަހޫދީންގެ ވެރިރަށް ތެލް އަވީވަށާއި ހައިފާއަށެވެ. ޙަމަލާތަކުގައި ބޮޑުވަރު ވަމުން ދަނީ ހައިފާއަށެވެ. އެ ރަށުގެ އެކި ސަރަޙައްދުތަކުގައި ބޮޑެތި އަލިފާންގަނޑުތައް ރޯވެ އެ ރަށް ދަނީ އަނދަމުންނެވެ. ޙަމަލާތަކުގައި ގިނަ ޢަދަދެއްގެ މީހުންނަށް ވަނީ ޒަޚަމްވެފައެވެ.
ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި އީރާނުން ވަނީ ޔަހޫދީންގެ 44 ޑްރޯން ވައްޓާލައިފައެވެ. ޔަހޫދީން ވަނީ އީރާނުން ދޭ ޙަމަލާތަކުގެ ސަބަބުން ލިބޭ ގެއްލުންތަކުގެ ފޮޓޯ ޝާއިޢު ކުރުން މަނާ ކޮށްފައެވެ.