ދިވެހި އިޤުތިޞާދަށް ބޭނުންވާ ފަންނުވެރިންނާއި ހުނަރުވެރިން ތަރައްޤީކުރާނެ މަގުޗާޓެއް އެކުލަވާލުމުގެ މަސައްކަތްކުރުމަށް ނިންމަވާފައިވާކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙުމަދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ އިންސާނީ ވަޞީލަތް ބޭނުންވާ މިންވަރު ދެނެގަތުމުގެ ޤައުމީ ސަރވޭ އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ސަރވޭ އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙުމަދު ވިދާޅުވީ އިންސާނީ ވަޞީލަތް ބޭނުންވާ މިންވަރު ދެނެގަތުމުގެ ޤައުމީ ސަރވޭއަކީ އިންސާނީ ވަސީލަތް ތަރައްޤީކޮށް ބިނާކުރުމަށް ރާއްޖޭގައި ކުރާ މަސައްކަތްތައް އިލްމީގޮތެއްގައި ދެނެގަނެ މުސްތަޤްބަލު ރޭވުމަށް ކުރެވުނު މުހިންމު މަސައްކަތެއް ކަމަށެވެ.
ވަޒީރު ވިދާޅުވީ މި ސަރވޭގެ ސަބަބުން ޤާބިލު ވަޒީފާގެ ބާޒާރެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތުގެ މުހިންމު ލަނޑުދަނޑިއެއް ޙާސިލުވެއްޖެ ކަމަށެވެ. އަދި މި ސަރވޭއާއެކު ރާއްޖޭގެ އިޤުތިޞާދު ސިންދަފާތުކުރުމަށް ޕްލޭންތައް އެކަށައެޅި، ވަޒީފާގެ ބާޒާރަށް ބޭނުންވާ ފަންނުވެރިކަމާއި ހުނަރުތައް ދެނެގަނެވޭނެކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް ރާއްޖޭގެ އިޤުތިޞާދަށް ބޭނުންވާ ފަންނުވެރިންނާއި ހުނަރުތައް ތަރައްގީކުރާނެ މަގުޗާޓެއް އެކުލަވާލެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
"ނެޝަނަލް ހިއުމަން ކެޕިޓަލް ނީޑްސް އެސެސްމަންޓަކީ މުޅި ރާއްޖެ ހިމެނޭހެން އިޤުތިސާދުގެ 7 ދާއިރާއަކުން މަޢުލޫމާތު އެއްކުރުމަށް، ޢުމުރުން 15 އަހަރާ 65 އަހަރާ ދެމެދުގެ މީހުންގެ ފަރާތުންނާއި ވަޒީފާދޭ ފަރާތްތަކާއި ތަމްރީނުދޭ މުއައްސަސާތައް ހިމެނޭހެން މައުލޫމާތު ހޯދުނު ދިރާސާއެއް." ވަޒީރު ވިދާޅުވިއެވެ.
މަތީ ތަޢުލީމާ ބެހޭ ވަޒީރު ވިދާޅުވީ އިޤުތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ރާއްޖެއަށް އަންނަ ބަދަލުތަކަށް ބަލާއިރު އަދުވެސް ގިނަ ދާއިރާތަކަކުން މީހުން ތަމްރީންކުރަންޖެހޭ ކަމަށެވެ.
"މި ސަރވޭއިން ޞިއްޙީ ދާއިރާގައި ނަފްސާނީ ދުޅަހެޔޮކަން ހޯދައިދިނުމަށް މަސައްކަތްކުރާނެ ތަޖުރިބާކާރުންގެ އިތުރުން، ދުވަސްވީ މީހުންގެ ފަރުވާއަށް ބޭނުންވާ ތަޖުރިބަކާރުން ބިނާކޮށް، އެ ދާއިރާއަށް ވަންނަ އަންހެނުން ވަޒީފާތަކުގައި ދެމެހްޓުމަށް ކުރަންޖެހޭ ކަންތައްތައް ދެނެގަނެ އެކަންކަމަށް މަސައްކަތް ކުރުންޖެހޭކަން ފާހަގަވެގެންދިޔަ. އަދި އައި.ސ.ީޓީ ދާއިރާއަށް ވަރަށް ޚާއްސަ ކަމެއްދީގެން މީހުން ބިނާކުރަންޖެހޭކަން މި ދިރާސާއިން ވަނީ ފާހަގަވެފައި." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ރާއްޖޭގެ ކޮންމެ ޒުވާނަކަށް މާނަހުރި ވަޒީފާގެ ފުރުސަތުތައް ލިބޭނެ ގޮތް ހެދުމަށްޓަކައި ތަޢުލީމުގެ ޕްރޮގުރާމްތައް އެކަށައެޅުމަށް ސަރުކާރުގެ ކަމާ ބެހޭ އިދާރާތައް ގުޅިގެން މަސައްކަތްކުރައްވާނެ ކަމަށެވެ.