ރާއްޖޭގައި ދޮށީގެ މަސްވެރިކަން ކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން ބާއްވާ "މޯލްޑިވްސް ޓޫނާ ރޭސް"ގައި ބައިވެރިވުމަށް މިހާތަނަށް 17 އޮޑިއަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށް ކެޔޮޅުންގެ ލޮބީން ބުނެފިއެވެ. ރޭހުގައި ރަޖިސްޓްރީކުރުމުގެ ސުންގަޑިއަކީ މިއަންނަ ޖުލައި މަހުގެ 10ވާ ބުރާސްފަތި ދުވަހުގެ 16:00އެވެ.
ރާއްޖޭގައި ދޮށީގެ މަސްވެރިކަމުގައި ހަރަކާތްތެރިވަމުން އަންނަ އޮޑިފަހަރުތަކަށް ޚާއްސަކޮށްގެން އަންނަ ޑިސެންބަރު މަހުގެ 5-6 އަށް ކުރިޔަށްގެންދާ މި ރޭހަކީ، ކެޔޮޅުންގެ ލޮބީގެ އަހަރީ ދުވަހާއި، މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެގޮތުން ކުރިޔަށްގެންދާ ހަރަކާތެކެވެ. ކޮންމެ އަހަރަކުވެސް ޚާއްސަ އިނާމުތަކަކާއެކު މި ރޭސް ކުރިޔަށްގެންދަން ރާވާފައިވާކަމަށް ކެޔޮޅުންގެ ލޮބީން ބުންޏެވެ.
"މޯލްޑިވްސް ޓޫނާ ރޭސް"ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މި ރޭހުގައި ބައިވެރިވުމަށް މިހާތަނަށް 17 އޮޑިއަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށް ކެޔޮޅުންގެ ލޮބީން ވަނީ ހާމަކޮށްފައެވެ.
ކެޔޮޅުންގެ ލޮބީގެ ރައީސް ޝަފްގާ ޝަފީގް(ކެޔޮޅާގެދިޔެ) ވިދާޅުވީ، މިހާތަނަށް އެންމެ ގިނައިން އޮޑިފަހަރު ރަޖިސްޓްރީކޮށްފައިވަނީ ހުވަދު އަތޮޅުންކަމަށެވެ. އަދި ލ. އަތޮޅާއި އައްޑޫ ސިޓީންވެސް ފާހަގަކޮށްލެވޭ ވަރުގެ ތަރުހީބެއް ލިބިފައިވާކަމަށާއި، އަމާޒަކީ ރާއްޖޭގެ ހުރިހައި އަތޮޅެއް ތަމްސީލުކުރެވޭ ގޮތަށް 50އޮޑި މިރޭހުގައި ބައިވެރިކުރުންކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
24ގަޑިއިރުގެ މިރޭހަކީ، ދޮށީގެ މަސްވެރި އާއިލާގެ މެދުގައި އެކުވެރިކަން އާލާކޮށް، ގުޅުން ބަދަހިކޮށް އެއްބައިވަންތަކަމުގެ ރޫހެއް އުފެއްދުމަށާއި، ޒުވާނުން ދޮށީ މަސްވެރިކަމަށް ޝައުގުވެރިކަން އުފެއްދުމަށް ކުރިއަށްގެންދާ ރޭހެކެވެ. އަދި ދޮށީގެ މަސްވެރިކަން ޕްރޮމޯޓްކޮށް، އާންމުންގެ މެދުގައި މި ސިނާއަތައް އޮންނަ ލޯބި އިތުރުކުރުމަކީ މި ރޭސް ބޭއްވުމުގެ މަޤުސަދެއްކަމަށްވެސް ކެޔޮޅުންގެ ލޮބީން ބުނެއެވެ.
ދޮށީގެ މަސްވެރިކަމަށް މީހުން ޝައުގުވެރިކުރުވުމަށާއި، ރޭހުގެ ފޯރި ގަދަކުރުމުގެ ގޮތުން މަސްރޭހުން ވަނަވަނައަށް ހޮވޭ އޮޑިފަހަރަށް ފައިސާގެ ބޮޑެތި އިނާމުތައް ހުށަހަޅާފައިވާކަމަށް ލޮބީންބުނެއެވެ.
* މަސްރޭހުން 1 ވަނަ، އެންމެ މަތިން ކިލޯކިރާ އޮޑިއަކަށް 100،000 ރުފިޔާ
* މަސްރޭހުން 2 ވަނައަށް އަންނަ އޮޑިއަކަށް 50،000 ރުފިޔާ
* މަސްރޭހުން 3 ވަނައަށް އަންނަ އޮޑިއަކަށް 25،000 ރުފިޔާ
* އެންމެ ކުރިން ރޭސް ނިންމާ އޮޑިއަކަށް 5،000ރުފިޔާ
ކެޔޮޅުންގެ ލޮބީން ވަނީ "މޯލްޑިވްސް ޓޫނާ ރޭސް 2025″ގައި ބައިވެރިވާން ޝައުގުވެރިވާ އޮޑިފަހަރަށް، ރޭހުގައި ބައިވެރިވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލާފައެވެ. ރޭހުގައި ރަޖިސްޓްރީކުރުމުގެ ސުންގަޑިއަކީ މިއަންނަ ޖުލައި މަހުގެ 10ވާ ބުރާސްފަތި ދުވަހުގެ 16:00އެވެ.