ޔަހޫދީ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫއާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ދެމެދު ފޯނު ކޯލެއް މެދުވެރިކޮށް ދެކެވުނު ވާހަކަތަކުގައި އީރާނާ ދެކޮޅަށް ޔަހޫދީން ދެމުންދާ ޙަމަލާތައް ކުރިއަށް ގެންދިޔުމަށް ދަންނަވާ ހިތްވަރު ދެއްވި ކަމަށް ޓްރަމްޕް ވިދާޅުވެއްެޖެއެވެ.
ވައިޓް ހައުސްގެ ބޭރުގައި ހުންނަވާ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވަނީ ނިރުބަވެރި ނަތަންޔާހޫއަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފައެވެ. ނަތަންޔާހޫގެ އަމަލުތައް މުޅި ދުނިޔެެއިން ކުށްވެރި ކުރަމުންދާއިރު ޓްރަމްޕް ވަނީ ނަތަންޔާހޫގެ މަސައްކަތްތައް ވަރަށް ފުރިހަމަ ކަމަށް ވިދާޅުވެފައެވެ.
ޖޫން 13ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުން އީރާނަށް ނިރުބަވެރި ޙަމަލާތައް އަމާޒު ކުރަމުން ދަނީ އެ ޤައުމުގެ ނިއުކްލިޔަރ ޕުރޮގުރާމަށް ހުރަސް އެޅުމަށް ކަމަށް ބުނެއެވެ. އެ ޙަމަލާތަކުގައި އީރާނުގެ ގިނަ ޢަދަދެއްގެ އަސްކަރީ ކޮމާންޑަރުންނާއި، ނިއުކްލިޔަރ ސައިންޓިސްޓުންނާއި އާންމުން ވަނީ ޝަހީދު ކޮށްލައިފައެވެ. އެ ޙަމަލާގެ ބަދަލުގައި އީރާނުން ވަނީ ޚާއްޞަ އަސްކަރީ އޮޕަރޭޝަނެއް ފަށައި ޔަހޫދީންނަށް އަމާޒު ކޮށް ވަރުގަދަ ޙަމަލާތައް ދޭން ފަށައިފައެވެ. ދެ ފަރާތުން ޙަމަލާ ބަދަލު ކުރަމުންދާތާ ހަ ދުވަސް ފާއިތުވެފައިވާ އިރު ޙަމަލާތައް ހުއްޓާލުމުގެ އިޝާރާތެއް މިހާތަނަށް ފެނިފައެއް ނުވެއެވެ.
ޔަހޫދީ ފައުޖުން އީރާނަށް ޙަމަލާ ދޭން ފަށާފައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރުހުމާ އެކުގައެވެ. އަދި، ޔަހޫދީންނާ ބައިވެރިވެ، އީރާނަށް ޙަމަލާ ދިނުމަށް އެމެރިކާގެ އަސްކަރިއްޔާއިން ތައްޔާރުވަމުންދާ ކަމުގެ އިޝާރާތްތައް ފެންނަމުންދާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ފަނީ ފާހަގަ ކުރަމުންނެވެ. އެ ގޮތުން، އެމެރިކާގެ އަސްކަރިއްޔާއިން ވަނީ އަސްކަރީ މަތިންދާބޯޓުތަކަށް ވައިގެ މަގުން ތެޔޮ އަޅާ މަތިންދާބޯޓުތައް ނުވަތަ ޓޭންކަރުތައް ވިލާތުގެ ޤައުމުތަކަށް ފޮނުވާފައެވެ. އަދި، އެމެރިކާގެ އަސްކަރީ މަތިންދާބޯޓު އުފުލާ މަނަވަރު، ޔޫއެސްއެސް ނިމިޓްޒް މި ވަގުތު ދަނީ މެދުއިރުމައްޗަށް ދަތުރު ކުރަމުންނެވެ. މިއީ، އީރާނަށް ޙަމަލާ ދިނުމުގައި އެމެރިކާއިން ޔަހޫދީންނާ ބައިވެރިވާން ތައްޔާރުވަމުންދާ ކަމުގެ އިޝާރާތެކެވެ.
އެ ކަމާ ގުޅޭ ގޮތުން އެމެރިކާގެ ދިފާޢީ ވަޒީރު، ޕީޓް ހެގްސެތު ވެސް ވަނީ ހަނގުރާމަ ކުރުމާއި ޞުލްޙަވުމާ ގުޅޭގޮތުން ޓްރަމްޕް ނިންމަވާ ކޮންމެ ނިންމެވުމަކަށް އިޖާބަދީ ތަންފީޒު ކުރުމަށް އެމެރިކާގެ އަސްކަރިއްޔާއިން ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފައެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޔަހޫދީން އީރާނަށް ދެމުންދާ ޙަމަލާތައް ވަނީ ވަރުގަދަ ކޮށްފައެވެ. އެ ގޮތުން އީރާނުގެ ދިފާޢީ ވުޒާރައަށާއި ތެހްރާންގެ ފުލުހުންގެ އިދާރާއަށާއި އީރާނުގެ ރެޑް ކްރެސެންޓު އިދާރާއަށް ޔަހޫދީންގެ ޙަމަލާތައް ވަނީ އަމާޒު ކޮށްފައެވެ. އޭގެ އިތުރުން ކަރަޖުގެ ޕަޔަމް ވައިގެ ބަނދަރަށް ވެސް ވަނީ ޙަމަލާ ދީފައެވެ. އަދި ޒަންޖަނަށް ވެސް ޙަމަލާ ދީފައިވެއެވެ. ޔަހޫދީން ވަނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އީރާނުގެ 40 އަމާޒަކަށް ޙަމަލާ ދީފައިވާ ކަމަށް ބުުނެފައެވެ. އީރާނުން ވެސް ވަނީ ޔަހޫދީންނަށް އަމާޒު ކޮށް ގިނަ ޢަދަދެއްގެ ޑްރޯން ޙަމަލާތަކެއް ދީފައެވެ.