ޚަބަރު

ބާ ކައުންސިލުގެ ނައިބު ރައީސަކަށް އިބްރާހީމް ޝަމީލް، މެންބަރުކަމަށް ޢަބްދުﷲ ނާހިދު އާއި އަޙްމަދު ޝާފިޢު


  • މި އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީވެފައިވަނީ 1086 ޤާނޫނީ ވަކީލުން

  • ނައިބު ރައީސާއި 4 މެންބަރުންގެ ދައުރު 14 ޖުލައި 2025ގައި ދައުރު ހަމަވާނެ

ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް ނައިބް ރައީސަކާއި އިތުރު 2 މެމްބަރުން އިންތިޚާބުކޮށްފިއެވެ.

ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ހިނގަމުންދާ އެގްޒެކެޓިވް ކޮމިޓީގެ ނައިބު ރައީސާއި 4 މެންބަރުންގެ ދައުރު 14 ޖުލައި 2025ގައި ދައުރު ހަމަވާތީ އެކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން އިންތިޚާބުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ފުރަތަމަ ބޭއްވީ މިދިޔަ މަހުގެ 26ގައެވެ.

އޭގެ ފަހުން އެގްޒެކެޓިވް ކޮމިޓީއަށް ނައިބު ރައީސާއި 2 މެންބަރުން އިންތިޚާބުކުރުމަށް އިއްޔެ "ފަހިވޯޓު" މެދުވެރިކޮށް އޮންލައިންކޮށް ކުރިއަށްގެންދިޔަ އިންތިޚާބުގެ ދެވަނަ ބުރު ވަނީ ބާއްވާފައެވެ.

ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން އިންތިޚާބު ކުރުމަށް ޢާންމުކުރި އިޢުލާނާ ގުޅިގެން މަޤާމުގެ ޝަރުޠު ފުރިހަމަވާ 5 ކެންޑިޑޭޓުން އިންތިޚާބުގެ ދެވަނަ ބުރުގައި ވަނީ ވާދަކޮށްފައެވެ.

މި އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީވެފައިވަނީ 1086 ޤާނޫނީ ވަކީލުން ނެވެ. ވޯޓުގެ އަޣުލަބިއްޔަތުން ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ ނައިބު ރައީސްކަމަށް 291 ވޯޓާއެކު އަލްއުސްތާޛު އިބްރާހީމް ޝަމީލް ވަނީ އިންތިހާބުކޮށްފައެވެ. އަދި އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަމަށް، 294 ވޯޓާއެކު އަލްއުސްތާޛު ޢަބްދުالله ނާހިދު އަދި 284 ވޯޓާއެކު އަލްއުސްތާޛު އަޙްމަދު ޝާފިޢު ވަނީ އިންތިޚާބުވެފައެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ޤާނޫނީ ވަކީލުންގެ ކަންކަން ބަލަހައްޓައި ރެގިއުލޭޓްކުރާ ބާ ކައުންސިލަކީ ގެންދަވަނީ ރާއްޖޭގައި މަސައްކަތްކުރާ ޤާނޫނީ ވަކީލުންގެ ޙައްޤުތަކާއި އިމްތިޔާޒުތައް ޙިމާޔަތް ކުރުމާއި ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަދީ ޤާނޫނީ ވަކީލުންގެ މަސައްކަތްތަކާ ގުޅޭ އެންމެހާ ކަންކަން ރެގިއުލޭޓުކޮށް ބަލަހައްޓަމުންނެވެ.