ކަނޑުމަގުން ވިޔަފާރި މުދާ އުފުލުމުގެ ޚިދުމަތް ފޯރުކޮށްދޭ ދުނިޔޭގެ އެންމެ ބޮޑު އެއް ކުންފުނި ކަމުގައިވާ މެޔާސްކުން ޒަޔަނިސްޓުންގެ ބަނދަރުމަތީ ރަށް، ޙައިފާއަށް ކުރާ ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑައިލައިފިއެވެ. މެޔާސްކުން ޙައިފާ ބަނދަރަށް ޚިދުމަތް ދިނުން މެދުކަނޑައިލާފައި މި ވަނީ ޔަހޫދީ ފައުޖުން އީރާނަށް ނިރުބަވެރި ޙަމަލާތަކެއް ދެމުންދާ ދަނޑިވަޅެއްގައެވެ.
ޖޫން 13ވަނަ ދުވަހު އިސްވެ އީރާނަށް ޙަމަލާ ދީފައި ވަނީ ޔަހޫދީންނެވެ. ޔަހޫދީންގެ ޙަމަލާތައް އަމާޒު ކުރަމުން ދަނީ އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމު ހިންގާ މަރުކަޒުތަކަށެވެ. އަދި، އަސްކަރިއްޔާގެ ކޮމާންޑަރުންނާއި ނިއުކްލިޔަރ ސައިންޓިސްޓުންގެ އިތުރުން ޢާންމުން ދިރިއުޅޭ ރަށްތަކަށެވެ. އީރާންގެ އަސްކަރީ އަދި ދިފާޢީ މަރުކަޒުތަކަށް ވެސް ޔަހޫދީން ދަނީ ޙަމަލާ ދެމުންނެވެ. ޔަހޫދީންގެ ނިރުބަވެރި ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 722އަށް އުފުލިފައިވާއިރު، ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 2,546އަށް އުފުލިފައެވެ.
އީރާނުން ވެސް ދަނީ ނުރައްކާތެރި ބެލިސްޓިކް މިސައިލްތަކާއި އަސްކަރީ ޑްރޯން ފަދަ ހަތިޔާރު ބޭނުން ކޮށްގެން ޔަހޫދީންނަށް ރައްދު ދެމުންނެވެ. އަދި، ޒަޔަނިސްޓުންގެ ރަށްތަކަށް އަމާޒުކޮށް ނުރައްކާތެރި ޙަމަލާތަކެއް އަމާޒުކޮށް، ބޮޑެތި ގެއްލުންތަކެއް ދެމުންނެވެ އީރާންގެ ޙަމަލާތަކުގައި ޔަހޫދީންގެ 24 މީހުން މަރައިލައި، ގިނަ އަދަދެއްގެ ބަޔަކު ޒަޚަމު ކޮށްލާފައިވެއެވެ.
އީރާނާއި ޔަހޫދީންނާ ދެމެދު ޙަމަލާ ބަދަލު ކުރަން ފެށުމާ އެކު، މެދުއިރުމަތީގެ މަސްރަޙު ހޫނުވެ، ބޮޑު ހަނގުރާމައެއްގެ ބިރު ބޮޑުވެފައިވާ މި ދަނޑިވަޅުގައި މެޔާސްކުން ޚައިފާ ބަނދަރަށް ޚިދުމަތް ކުރުން މެދުކަނޑައިލާފައިވީ ނަމަވެސް، އެ ސަރަޙައްދުގައިވާ އެހެން ބަނދަރުތަކަށް ޚިދުމަތް ދިނުމަށް ބުރޫ އަރާފައި ނުވާ ކަމުގައި ޑެންމާކުގެ ކުންފުނިން ބުންޏެވެ.
ޙައިފާ ބަނދަރަކީ އިންޑިޔާގެ ކުންފުންޏެއް ކަމުގައިވާ އަދާނީ ޕޯޓްސްގެ %70 ހިއްސާ އޮންނަ ބަނދަރެކެވެ. އެ ބަނދަރުގެ ބާކީ %30 ހިއްސާ އޮތީ ޔަހޫދީންގެ ކުންފުންޏެއް ކަމުގައިވާ ގަދޯތު ގުރޫޕުގައެވެ. އަދާނީ ޕޯޓްސްއަކީ، އިންޑިޔާގެ މަހުޖަނު ގައޮތަމް އަދާނީގެ އަދާނީ ގުރޫޕުގެ ދަށުން ހިންގާ ކުންފުންޏެކެވެ. ޚައިފާ ބަނދަރުގެ އިތުރުން، އިންޑިޔާއިން ބޭރުގައި އެ ކުންފުނިން ހަތަރު ބަނދަރެއް އޮޕަރޭޓު ކުރެއެވެ. ޚައިފާ ބަނދަރަށް ޚިދުމަތް ދިނުން މެދުކަނޑައިލާފައިވާ ކަން މެޔާސްކުން ހާމަކުރުމާ ގުޅިގެން އަދާނީ ގުރޫޕުން ވަކި އެއްޗެއް ހާމަކޮށްފައެއް ނެތެވެ.