ހައްދުފަހަނައެޅި ޔަހޫދީން އިރާނުގެ ބިންތަކަށް ދެމުންދާ ހަމަލާތަކަކީ ސަރަޙައްދީ ހަމަޖެހުމާއި ސުލްޙައަށް ދެވުނު ހަމަލާތަކެއްގެ ގޮތުގައި ސިފަކުރައްވާ އެކަން ވަގުތުން ހުއްޓާލުމަށް ރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ގޮވާލައްވައިފިއެވެ.
ޚާރިޖީ ވަޒީރު މިކަމަށް ގޮވާލެއްވީ، ތުރުކީވިލާތުގެ އިސްތަންބޫލުގައި މިހާރު ކުރިއަށްދާ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން، އޯ.އައި.ސީގެ ޤައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ކައުންސިލްގެ 51 ވަނަ ބައްދަލުވުމުގައި ދިވެހިރާއްޖެ ތަމްޞީލުކުރައްވާ ދެއްވި ތަޤުރީރުގައެވެ.
މި ބައްދަލުކުރެއްވުމުގައި ތަޤުރީރުކުރައްވަމުން ޚާރިޖީ ވަޒީރު ވަނީ ދުނިޔޭގެ އޮއިވަރަށް އަންނަމުންދާ ބަދަލުތަކާއެކު އޯ.އައި.ސީގެ މެންބަރު ޤައުމުތަކުގެ މެދުގައި، އަދި އިސްލާމީ އުންމަތުގެ ތެރޭގައި އެއްބައިވަންތަކަން ޤާއިމުކުރުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ކުރަންޖެހިފައިވާކަން ފާހަގަކުރައްވާފައެވެ. ވަކިން ޚާއްސަކޮށް މެދުކެނޑުމެއްނެތި ޔަހޫދީ އިސްރާއީލުން ޣައްޒާ އަދި ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި އަމަލުތައް ކުށްވެރިކޮށް އެކަމާމެދު ވަޒީރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އެގޮތުން ޔަހޫދީންގެ ހަމަލާތަކަށް 2 އަހަރަށްވުރެ ގިނަ ދުވަސްވެގެންދިޔައިރު އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހިންގަމުންގެންދާ އަނިޔާވެރި އަމަލުތައް އަދިވެސް ހުއްޓުމެއްނެތި ކުރިއަށްދާކަމަށާއި، އެ ހަމަލާތައް ދަނީ އިތުރުވަމުންކަމަށް ވަޒީރު ވިދާޅުވިއެވެ. މި ހަމަލާތަކުގައި ފަލަސްޠީނުގެ 50،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު ލައްކައަކަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާއިރު އޭގެ ތެރޭގައި 17،000 ކުޑަކުދިންވެސް ހިމެނޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.
At 51st Session of the Council of Foreign Ministers of the @OIC_OCI, I called for a strengthened OIC and unified action to address the pressing challenges facing the Ummah, especially the plight of the Palestinians.
— Abdulla Khaleel (@abkhaleel) June 21, 2025
Israel’s atrocities know no bounds. From the escalating… pic.twitter.com/mOw5YZxE5V
މުޅި ޣައްޒާ ސުންނާފަތިކޮށްލުމަށްފަހު ޔަހޫދީ ބާރުތަކުން އީރާނުގެ ބިންތަކަށް މިހާރު ދެމުންދާ ހަމަލާތަކަކީ ސަރަޙައްދީ ހަމަޖެހުމާއި ސުލްހައަށް ދިން އިތުރު ހަމަލާތަކެއްކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އިސްރާއީލުގެ މި ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް ހަމަލާތައް ވަގުތުން ހުއްޓާލުމަށް މި ބައްދަލުވުމުގައި ޚާރިޖީ ވަޒީރު ވަނީ ގޮވާލައްވާފައެވެ.
"އަޅުގަނޑުމެން މިހާރު ޢަމަލު ނުކޮށްފިނަމަ ތާރީޚުން އަޅުގަނޑުމެން ޖަވާބުދާރީ ކުރުވާނެ. އުއްމަތް އަޅުގަނޑުމެންނަށް ބަލަނީ އެއްބާރުލުން ހޯދުމަށް. ނިކަމެތިން އެމީހުންގެ އަޑަކަށް ވުމަށް ބަރޯސާވަނީ އަޅުގަނޑުމެންގެ މައްޗަށް. އަޅުގަނޑުމެންގެ ކުރިމަތީގައި ހިނގަމުންދާ އަނިޔާވެރިކަން ނިމުމަކަށް ގެންނަން އެބަޖެހޭ. ފަލަސްޠީނުގެ ރައްޔިތުންނަށް އެއްބާރުލުން ދިނުމުގައި ދިވެހިރާއްޖެއިން ސާބިތުކަމާއި ދެމިއޮންނާނެ." ޚާރިޖީ ވަޒީރުގެ ތަޤުރީރުގައި ވިދާޅުވިއެވެ.
ޚާރިޖީ ވަޒީރު ޑރ. ޚަލީލް ދެއްވި ތަޤުރީރުގައި އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށް މިއަހަރުގެ އޭޕްރީލްމަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަކީވެސް ފަލަސްޠީނުގެ މިނިވަންކަމަށް ރާއްޖެއިން ވަކާލާތުކުރާ ކުރުން ރަމްޒުކޮށްދޭ މުހިންމު ފިޔަވަޅެއްކަމަށެވެ. ވަޒީރު ވަނީ ޣައްޒާގައި ހަމަލާ ބަދަލުކުރުންތައް ވަގުތުން ވަގުތަށް ހުއްޓާލުމަށާއި، ޣައްޒާއަށް އިންސާނީ އެހީތެރިކަން އެއްވެސް ޝަރުތަކާނުލާ ފޯރުކޮށްދިނުމަށް ގޮވާލައްވާފައެވެ.
ވަޒީރު ވިދާޅުވީ، ދުނިޔޭގެ އެހެން ދައުލަތަކެކޭ އެއްފަދައިން ފަލަސްޠީނަށްވެސް އެ ޤައުމުގެ ދިދަ މިނިވަންކަމާއެކު އުފުލުމުގެ ފުރިހަމަ އިޚްތިޔާރު އޮންނަންޖެހޭކަމަށެވެ. އަދި ފަލަސްޠީނުގެ މިނިވަން މުސްތަޤިއްލު ދައުލަތެއް ނެތި ޞުލްޙަ ޤާއިމުނުކުރެވޭނެކަން ފާހަގަކުރެއްވިއެވެ.
ފަލަސްޠީނުގެ މައްސަލައަށް އޮތް ހަމައެކަނި ދެމެހެއްޓެނިވި ހައްލަކީ 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދައުލަތެއްގެ ގޮތުގައި ފަލަސްޠީނުގެ ދައުލަތް ޤާއިމްކުރުންކަމަށް ރާއްޖެއިން ގޮވާލަމުންދާ ގޮވާލުން ވަޒީރު ވަނީ ތަކުރާރުކުރައްވާފައެވެ.
މި ބައްދަލުވުމުގައި ތަޤުރީރުކުރައްވަމުން ޚާރިޖީ ވަޒީރު ވަނީ ސަޢޫދީ ޢަރަބިއްޔާ ގުޅިފައިވާ އިއްތިހާދުން އިސްނަގައިގެން އެކުލަވާލާފައިވާ ޓޫ ސްޓޭޓް ސޮލިއުޝަން ތަންފީޒުކުރުމަށާއި، ޣައްޒާ އަލުން އާރާސްތުކޮށް ރައްޔިތުންނަށް އަލުން އުއްމީދާއި ދިރުން ގެނުވައިދޭ "ޣައްޒާ ރިކޮންސްޓްރަކްޝަން ޕްލޭން" އަށް އެހީތެރިވުމަށް ރާއްޖޭން ތައްޔާރަށް އޮތްކަން ހާމަކުރައްވާފައެވެ.
ވަޒީރުގެ ވާހަކަފުޅުގައި ވަނީ ބައިނަލްއަޤްވާމީ މައިދާނުގައިއިސްލާމީ އުއްމަތުގެ މަސްލަޙަތު އެންމެ މަތީ ދަރަޖައެއްގައި ހިފެހެއްޓުމަށް އޯ.އައި.ސީގެ ލީޑަރޝިޕުން ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. އަދި އިސްލާމީ އުއްމަތަކީ އެއް އުޞޫލުތަކަކާއި އަޤީދާއަކަށް ތަބާވާ އެއް މުޖުތަމަޢެއްކަމަށާއި، އަޅުގަނޑުމެން އެންމެން އެކަތިގަނޑަކަށްވެ، ކޮންމެ ގޮންޖެހުމަކާވެސް ކުރިމަތިލައި، އަދުލު އިންސާފާއި ހަމަޖެހުމުގެ މައްޗަށް ބިނާވެފައިވާ މުސްތަޤުބަލެއް ބިނާކުރުމަށް ގުޅިގެން މަސައްކަތް ކުރަންޖެހޭކަން ޚާރިޖީ ވަޒީރު ފާހަގަކުރެއްވިއެވެ.