ޚަބަރު

ޑޯޓްމުންޑް މޮޅުވެ ގްރޫޕުގެ އެއްވަނައަށް


ފީފާ ކުލަބު ވޯލްޑް ކަޕުގައި ރޭ ދެކުނު އެފްރިކާގެ ޗެމްޕިއަން މަމެލޯޑި ސަންޑައުންސްއާ ދެކޮޅަށް ކުޅުނު މެޗު 4-3 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ގްރޫޕް އެފްގެ އެއްވަނަ މަގާމު ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމުންޑުން ހޯދައިފިއެވެ.

މި މެޗުން މޮޅުވުމާއިއެކު ޑޯޓްމަންޑަށް ވަނީ ގްރޫޕްގައި މިހާތަނަށް ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ މަގާމް ލިބިފަ އެވެ. ސަންޑައުންސް އަށް ތިން ޕޮއިންޓާއެކު ދެވަނަ ލިބިފައިވާއިރު ތިންވަނައިގައި އޮތް އުލްސާން ހިއުންޑާއީ އަށް ވެސް ވަނީ ދެ މެޗުން ތިން ޕޮއިންޓް ލިބިފަ އެވެ. ހަތަރު ވަނައިގައި އޮތް ފްލުމިނެންސޭ އަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ.

ސިންސިނާޓީގެ ޓީކިއުއެލް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ 11 ވަނަ މިނިޓުގައި ސަންޑައުންސްގެ ލޫކަސް ރިބޭރޯ ކޮސްޓާ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

ނަމަވެސް އޭގެ ފަސް މިނިޓު ފަހުން ސަންޑައުންގެ ކީޕަރަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ޑޯޓްމަންޑްގެ ފެލިކްސް އެންމޭޗާ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

ޑޯޓްމަންޑަށް މި މެޗުގައި ފުރަތަމަ ފަހަރަށް ކުރި ލިބިފައިވަނީ މެޗުގެ 34 ވަނަ މިނިޓުގައި ސާހޫ ގިރެސީ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި ފުރަތަމަ ހާފުގެ ފަހު މިނިޓުގައި ޖޯބް ބެލިންހަމް ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ. މިއީ އޭނާ އެ ކްލަބާއި ގުޅުނު ފަހުން ޖެހި ފުރަތަމަ ލަނޑެވެ.

ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 14 ވަނަ މިނިޓުގައި ސަންޑައުންގެ މުޑައޫ އަތުން ބައިކޮޅަށް ވަން ލަނޑާއެކު މެޗުގެ ނަތީޖާ ވަނީ 4-1 އަށް ބަދަލުވެފަ އެވެ.

ސައުތު އެފްރިކާގެ ޗެމްޕިއަން, ސަންޑައުން އިން އިތުރު ލަނޑެއް ޖެހުމަށް ކުރަމުން އައި މަސައްކަތަށް ނިމުމެއް އައިސްފައިވަނީ މެޗުގެ 62 ވަނަ މިނިޓުގައި އިކްރާމް ރޭނާރސް ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި މެޗުގެ 90 ވަނަ މިނިޓުގައި އެ ޓީމުގެ ލެބޯ މޮތީބާ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 4-3 އަށް ބަދަލުކޮށްފަ އެވެ.

މި މެޗުގައި ނަތީޖާ އެއްވަރު ކުރެވޭނެ ފަދަ ރަގަޅު ފުރުސަތުތަކެއް ދެވަނަ ހާފުގައި ސަންޑައުން އަށް ލިބުނު ނަމަވެސް ޑޯޓްމަންޑްގެ ގޯލު ކީޕަރު ކޮބެލް ވަނީ ގިނަ ހަމަލަތަކެއް ދިފާއުކޮށްފަ އެވެ.