ދިވެހި ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާއި ގުޅިގެން އާންމުންނަށް ބައިވެރިވެވޭނެހެން ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ނިންމައިފިއެވެ.
މިނިވަން ދުވަހާއި ގުޅިގެން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން އިސްވެ ކުރިއަށް ގެންދަން ނިންމާފައިވާ ހަރަކާތްތައް މިހާރު ވަނީ ހާމަކުރައްވާފައެވެ.
މިނިވަންދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނައިގެން ބާއްވާ ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތު އޮންނާނީ ޖުމްހޫރީ މައިދާނުގައެވެ. މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ މިފަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ 2 ބަޔަކަށެވެ. އެއީ ރަސްމީ ޖަލްސާއާއި، ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ދިނުމުގެ ޖަލްސާއެވެ.
މީގެ އިތުރުން މިނިވަން ދުވަހާއި ގުޅިގެން ދިވެހިބަހާއި ސަގާފަތާއި ބެހޭ ވުޒާރާގެ އިސްނެންގެވުމުގެ މަތިން ބާއްވާ އެހެނިހެން ހަރަކާތްތަކުގެ ތެރޭގައި މޯލްޑިވްސް ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އެންސީއޭ) އާ ގުޅިގެން ކުރު ފިލްމު ފެސްޓިވަލެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އާންމުންނަށް ހުޅުވާލައިގެން ފޮޓޯގްރަފީ މުބާރާތެއް ވެސް ބާއްވާނެއެވެ. އަދި މީގެ ކުރިންވެސް ބާއްވަމުން އައި، ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ ފުޅަނދު ބުރު މިފަހަރުވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިހަރަކާތްތަކުގެ އިތުރުން މިނިވަން ދުވަހާއި ގުޅިގެން، މައިދާނީ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދިއުމަށްވެސްވަނީ ހަމަޖެހިފައެވެ. ޖުމްހޫރީ މައިދާނުގައި ކުރިއަށްގެންދާ މި ހަރަކާތްތަކުގައި ހަތަރު ސްކޫލެއްގެ އިތުރުން، ސަޤާފީކަންކަމާއި ގުޅޭ ވުޒާރާއިން ބައިވެރިވާނެއެވެ. އަދި ސްކޫލްތަކާއި ގުޅިގެން ކުރެހުމާއި މަޒުމޫނު ލިޔުމުގެ މުބާރާތެއްވެސް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިނިވަން ދުވަހާ ގުޅިގެން ސްކޫލްތަކުގެ ކެޑޭޓުން ބާއްވާ މަގުމަތީ ހިނގާލުމެއްވެސް ކުރިއަށް ގެންދަން ވަނީ ހަމަޖެހިފައެވެ. މި ހިނގާލުމަށް މިހާރު ފަރިތަކުރުންތައް ފަށާފައިވާ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
މިއަހަރަކީ މިނިވަންކަމަށް 60 އަހަރު ފުރޭ އަހަރު ކަމަށްވާތީ މިއަހަރު އާންމުކޮށް ބޭނުން ކުރާނެ ލޯގޯއެއް ފަރުމާ ކުރުމަށް ހުޅުވާލި ފުރުޞަތުގައި ހުށަހަޅާފައިވާ ލޯގޯތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ވެސް ސަޤާފަތާއި ބެހޭ ވުޒާރައިން ދަނީ ކުރައްވަމުންނެވެ.
މިނިވަން ދުވަހާއި ގުޅުވައިގެން، ސަރުކާރުން ކުރިއަށްގެންދާ ހަރަކާތްތަކަކީ ތުއްތު ކުދިންނާއި އަދި އާއިލާތަކުގެ ބޮޑު ޝައުޤުވެރިކަމެއް ލިބޭ ހަރަކާތްތަކެކެވެ.