ހިޖުރީ އައު އަހަރު ފާހަގަކުރަނީ ކީރިތި ރަސޫލާ مُحَمَّـد صـلّى الله علـيـه وسـلّم، މާއްކާއިން މަދީނަށް ކުރެއްވި ޙިޖުރައިގެ ޙާދިސާގެ މައްޗަށެވެ. އެއީ ކީރިތި ރަސޫލާ، މާތްވެގެންވާ އިސްލާމްދީނަށްޓަކައި ކުރެއްވި އަގުހުރި ޖިހާދާއި، އެކަލޭގެފާނުގެ އަޞްޙާބުން ވެވަޑައިގެންނެވި މަތިވެރި ޤުރްބާނީގެ ހަނދާންތައް އަޅުގަނޑުމެންގެ ހިތްތަކަށް ގެނެސްދޭ ވަރަށް މަތިވެރި ދުވަހެކެވެ.
މި ޙާދިސާއާއި ހިޖުރީ ތާރީޚުގެ ފެށުން ގުޅިފައިވާއިރު، މިއަދަކީ ހިޖުރީ ގޮތުން 1447 ވަނަ އަހަރު ފެށޭ ދުވަހެވެ.
ކީރިތި ރަސޫލާ مُحَمَّـد صـلّى الله علـيـه وسـلّم، މައްކާގައި ދީނަށް ގޮވާލެއްވުމަށް 13 އަހަރު ހޭދަކުރެއްވިއެވެ. ނަމަވެސް އެ ރަށުގެ އަހުލުވެރިންގެ ފަރާތުން އެކަމަށް އެކަށީގެންވާ އިޖާބައެއް ލިބިވަޑައިނުގަތުމުގެ އިތުރުން، އެކަލޭގެފާނު އަވާހަރާކޮށްލަން އެބައިމީހުން ރެވީއެވެ. އެ ހިނދު މާތް ﷲގެ އަމުރުފުޅަށް މާއްކާ ދޫކުރައްވާ އެކަލޭގެފާނު މަދީނާއަށް ޙިޖުރަކުރެއްވިއެވެ.
ކީރިތި ރަސޫލާ މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައިގައި ތަފާތު ޢިބުރަތްތެރި ދަރުސްތައްވެއެވެ. އެންމެ އަގުހުރު އެއް ފިލާވަޅަކީ ދީނަށްޓަކާވެވަޑައިގެންނެވި ޤުރުބާނީއެވެ. އުފަންވެވަޑައިގެން ބޮޑުފުޅުވި ރަށާ ގާތްތިމާގެ ބޭފުޅުންނާ އާއިލާއާއި މުޅި މިލްކިއްޔާތު މާތްﷲގެ މަގުގައި ދޫކުރައްވައި މައްކާއިން މަދީނާއަށް ހިޖުރަކުރެއްވީ އިސްލާމް ދީނުގެ ދިފާޢުގައި އެކަންކަން ޤުރުބާންކުރައްވައެވެ.
ކީރިތި ރަސޫލާ މައްކާ ދޫކުރައްވައި މަދީނާއަށް ކުރެއްވި މަތިވެރި އަދި ތާރީޚީ ހިޖުރައިގެ ޙާދިޘާއަކީ، އިސްލާމީ މަތިވެރި ޖިހާދެކެވެ. ހިޖުރަކުރައްވާ އިސްލާމީ އަޤީދާއާއި ޙުކުމްތަކާ ރިސާލަތާ ދަޢުވާތަށް އިސްލާމީ އުމްމަތަށް ބުނެދިނުމުގައި އަގުނުކުރެވޭ މަސައްކަތްތައް ކުރެއްވިއެވެ. މީގެ ބޭނުމަކަށްވީ ހެޔޮލަފާ ޖީލެއް ބިނާކޮށް، ހެޔޮލަފާ މުޖުތަމަޢުއަކާ އަދުލުވެރި ވެރިކަމެއް ޤާއިމުކުރުމެވެ.
ޙިޖުރައިގެ ހާދިސާއަކީ، އިސްލާމީ ދައުލަތެއްގެ ބިންގާ އެޅިގެންދިޔަ ޙާދިސާއެކެވެ. ހިޖުރައަށް ފަހުގައި ދަޢުލަތުގެ މަރުޙަލާގައި ވާޖިބުތަކާއި ޙުކުމްތައް ބާވައިލައްވާން ފެއްޓެވިއެވެ. އަދި އިސްލާމީ ދަޢުވަތު އިތުރަށް ފުޅާވެގެން ދިޔައެވެ. ކީރިތި ރަސޫލާ މަދީނާގައި ޤާއިމުކުރެއްވި ދަޢުލަތުގެ އަސާސްތަކުގެ މަތީގައި، އިސްލާމީ ޖީލުތަކުން ދަޢުލަތްތައް ޤާއިމުކޮށް، ވަރުގަދަ ޙަޟާރަތެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެރިކަން ކުރިއެވެ.
ހިޖުރައިން ލިބޭ އަނެއް ފިލާވަޅަކީ ކަމެއް ކާމިޔާބުކުރުމުގެ އެންމެ މުހިންނު ބަޔަކީ ކަމެއް ފެށުމުގެ ކުރިން އެ ކަމެއް ފުރިހަމައަށް ރޭވުމުގެ މުހިންމުކަންކަމެވެ. ޙިޖުރައިގެ ޙާދިސާގައި، ދަތުރުގެ ސަވާރީ ތައްޔާރެއްވުމާއި، ޙިޖުރައަށް ނިކުމެވަޑައިގެންނެވި ރޭ ރަސޫލާގެ ދާންމަތިކޮޅުގައި އަލީގެފާނު އަވަހާރަފުޅުލެއްޕެވުމާއި، އަދި ޘައުރު ފަރުބަދައިގައި 3 ރޭ މަޑުކުރެއްވި ވަގުތުތަކުގައި ފަރިއްކުޅުވާނެ ތަކެތި ގެންނެވުމާއި މައްކާގެ ޙާލަތުގެ ޚަބަރު ރަސޫލާއާއި ހަމައަށް ގެނެސްދިނުމުގެ މަސައްކަތަކީ އެކުގައި ގުޅިގެން ކުރި ބުރަ އެހާމެ އުނދަގޫ މަސައްކަތެކެވެ.
ރަސޫލާގެ ހިޖުރައިގައި މުޝްރިކުންގެ ޚަބަރުތައް ގެނަސްދެއްވުމަށް ހަވާލުކުރެއްވީ ޒުވާން ޞަޙާބީ ޢަބްދުﷲ ބިން އަބޫބަކުރުއާއެވެ. ފަރިއްކޮޅު ގެނަސްދެއްވުމަށް، ހިތްވަރުގަދަ އަންހެން ޞަޙާބީ، އަސްމާ ބިންތު އަބޫބަކުރާ ޙަވާލުކުރެއްވިއެވެ.
އިސްލާމްދީން ފެތުރުއްވެވުމަށް ކުރެއްވި ދަތުރުފުޅުން ދޭހަކޮށްދެނީ، އެކުވެރިކަމާއި އެއްބައިވަންތަކަމުގެ މަތިވެރި ގުޅުން އިތުރަށް ވަރުގަދަކޮށް ޢަޒުމު އާކުރުމުގެ މުހިންމުކަމެވެ. އެކަކުއަނެކަކަށް އަޅާލުމާއި އޯގާތެރިވުމުގެ ސިފަ ނެގެހެއްޓުމާއި، ޚިޔާލާ ފިކުރު ތަފާތުވާ ހިނދުގައިވެސް އެއްބަނޑުއެއްބަފާކަމާ އުޚުއްވަތްތެރިކަމުގެ ގުޅުމަށް ހީނަރުކަމެއް އަޔަނުދީ އެ ގުޅުންތައް ދެމެހެއްޓުމުގެ ފިލާވަޅެވެ.މީގެއިތުރުން އުނދަގޫ ވަގުތުތަކުގައި އިމާންތެރިކަމާ ޘާބިތުކަމާއެކު ތިބުމުގެ ފިލާވަޅު ބުނެދެއެވެ.
ހިޖުރައިގެ ދަތުރުފުޅުގެ ހަނދާން އާކުރަމުންދާއިރު، އިސްލާމްދީން ޙިމާޔަތްކޮށް ކުރިއެރުވުމުގައި އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ ޒިންމާގެ މަތިން ހަނދާންކޮށް، އެ ޒިންމާ ފުރިހަމައަށް ޢަދާކުރުމުގެ ޢަޒުމު އާކުރަންޖެހެއެވެ. މި ދުވަސް ހަނދާންކޮށްދެނީ މީސްތަކުންގެ މެދުގައި އަދުލުވެރިކަން ޤާއިމުކުރުމާއި މީސްތަކުންގެ ރައްކާތެރިކަން ދަމަހައްޓާ ދީނާ ދުނިޔޭގެ ކަންކަން އިސްލާހުގެ މަގުން ގެންދިއުމުގައި އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ ބޮޑު ޒިންމާއެވެ.