އެމެރިކާގައި ހޫނު ގަދަ ކަމުން މެޗުތައް ކުޅެން އުނދަގޫވި ނަމަވެސް އެ ހޫނަށް ކެތްކުރަން ޖެހޭ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ސިޓީ އާއި ޗެލްސީ މިރޭ މެޗު ކުޅޭ ވަގުތު ހޫނުކަން ހުންނާނެ ކަމަށް ބެލެވެނީ 31 ޑިގްރީ އާއި 33 ޑިގްރީއާ ދެމެދުގަ އެވެ.
ގާޑިއޯލާ ބުނީ މިއީ މެޗު ކުޅެން އުނދަގޫ މިންވަރެއް ކަމަށެވެ.
"އެންމެނަށް ވެސް މިހާރު މިކަން އެނގޭ. އެހެންވީމާ އަހަރުމެން ވެސް މި ހޫނަށް ކެތްކުރަން ދަސް ކުރަން ޖެހޭ. އަންނަ އަހަރު ވޯލްޑް ކަޕް ބާއްވާއިރު މިއީ ހާލަތު އޮންނާނެ ގޮތްކަން އަހަރުމެން އެންމެނަށް ވެސް އެނގޭ. އެހެންވީމާ މި ކަންކަމަށް އެބަޖެހޭ ފަރިތަވާން،" ކޯޗު ބުންޏެވެ.
ދެ ޓީމު ވެސް މުބާރާތުގެ ދެ ވަނަ ބުރަށް ކޮލިފައިވެފައިވީ ނަމަވެސް ގާޑިއޯލާ ބުނީ މެޗުން ބަލިވާން އެއްވެސް ޓީމަކުން ބޭނުންނުވާ ކަމަށެވެ. އޭނާ އަދި ބުނީ އެންމެ ރަނގަޅު ގޮތަކީ މި މެޗު އޮލާންޑޯގެ ބަދަލުގައި މިއަށްވުރެ ފިނި އެމެރިކާގެ އެހެން ސިޓީ އެއްގައި ކުޅުން ކަމަށެވެ.
ޗެލްސީގެ ކޯޗު އެޒޯ މަރެސްކާ ބުނީ އެމެރިކާ ބުނީ ހޫނު ގަދަކަމުން ރަނގަޅަށް ޕްރެކްޓިސް ވެސް ނުކުރެވޭ ކަމަށެވެ.
"މިއީ ވަރަށް ނާޒުކު ހާލަތެއް. މި ހޫނުގެ ސަބަބުން އަހަރުމެން މެޗަށް މި ނުކުންނަނީ ރަނގަޅަށް ޕްރެކްޓިސް ވެސް ކޮށް ނުލައި،" ކޯޗު ބުންޏެވެ.
އެމެރިކާގެ އެކި ސިޓީތައް ހޫނު ގަދަ ކަމުން ފީފާއިން ވަނީ މެޗުގައި ދަނޑުގައި ތިބޭ އެންމެން ވެސް ސިއްހީ ގޮތުން ރައްކާތެރި ކަމުގެ ފިޔަވަޅު އަޅަން ގޮވާލައިފަ އެވެ. މި ގޮތުން ދަނޑަށް އަންނައިރު ފެނާއި ތުވާއްޔާއި އެނޫން ވެސް ރައްކާތެރިކަމުގެ ތަކެތި ގެނައުމަށް އިލްތިމާސްކޮށްފަ އެވެ.