ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކޮންގްރެސް އަށް ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ (ފީފާ) އާއި އޭޝިއަން ފުޓްބޯޅަ ކޮންފެޑަރޭޝަން (އޭއެފްސީ)ގެ އޮފިޝަލުން މާލެ އަތުވެއްޖެ އެވެ.
މި ޓީމުގައި އިސްކޮށް ހުންނެވި އެއް ބޭފުޅަކީ ފީފާގެ މެންބަރު އެސޯސިއޭޝަންގެ ސީނިއާ މެނޭޖަރު އަހްމަދު ހައްރާޒެވެ. އޭނާ އަކީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން އެފްއޭއެމްގެ މައްސަލަތައް ހައްލުކުރުމަށް މާލެ ވަޑައިގެންފައިވާ ބޭފުޅެކެވެ.
މި ފަރާތްތަކުގެ އެންމެ ބޮޑު މަސައްކަތަކަކީ މައްސަލަ ބޮޑުވެ، ދިވެހި ފުޓްބޯޅަ ހުއްޓުމަކަށް އައިސްފައިވާތީވެ، އެފްއޭއެމުގެ އަސާސީ ގަވާއިދު ފާސް ކުރުމާއި އިންތިހާބު ބާއްވާން ދުވަސް ފައިނަލް ކުރުމެވެ. މި ގަވާއިދު ފާސްނުކޮށްފިނަމަ ދިވެހި ފުޓްބޯޅަ ސަސްޕެންޑްވުން ވަރަށް ގާތެވެ. ފީފާ އާއި އޭއެފްސީން ވަނީ މި 'އިންޒާރު' މިދިޔަ މާޗު އޮތް ކޮންގްރެސްގައި ދީފަ އެވެ.
މިހެންވެ މާދަމާ ރޭ ބާއްވާ ކޮންގްރެސްގެ ކުރިން ފީފާ އާއި އޭއެފްސީގެ އޮފިޝަލުން މިހާރު ވަނީ މިއަދު މެންދުރު ފަހު ކުލަބުތަކާއެކު މަޝްވަރާ ކުރަން ނިންމައިފަ އެވެ. މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ ވެސް އަސާސީ ގަވާއިދަށް ފީފާއިން ގެންނަން ބޭނުންވާ ބަދަލުތައް ކުލަބުތަކަށް އޮޅުން ފިލުވައިދިނުމެވެ.
އެފްއޭއެމުގައި މިހާރު އަމަލު ކުރަމުން އަންނަނީ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އިސްކޮށް ހުންނަވައިގެން ތައްޔާރުކޮށްފައިވާ އަސާސީ ގަވާއިދަށެވެ. މި ގަވާއިދު އިސްލާހު ކުރަން ފީފާއިން އާއި އޭއެފްސީން ބޭނުންވަނީ ކުލަބުތަކާއި ފުޓްބޯޅަ ހިންގަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހަނިކޮށްފައިވާތީ އެވެ.