ޚަބަރު

ހިޖުރީ އައު އަހަރާއި ގުޅުވައިގެން ގެފުޅުގެ އުރަކޮޅު ބަދަލުކޮށްފި


  • 2022 ވަނަ އަހަރާ ޖެހެންދެން ގެފުޅުގެ އުރަކޮޅު ބަދަލުކުރަމުން އައީ ހައްޖު ދުވަހު

  • އުރަކޮޅު އާ ކުރުމުގެ ކަންތައްތައް ބަލަހައްޓަން ތަމުރީން ލިބިފައިވާ ކުޅަދާނަ 154 ފަންނުވެރިން މަސައްކަތްކުރި

ހިޖުރީ އައު އަހަރާއި ގުޅުވައިގެން ގެފުޅުގެ "ކިސްވާ" ނުވަތަ އުރަކޮޅު ބަދަލުކޮށްފިއެވެ. ކިސްވާ ތައްޔާރު ކުރަނީ ރަނާއި ރިހީގެ ރޮދިން ވިޔެގެން ލިޔާ ކީރިތި ޤުރްއާނުގެ އާޔަތްތަކާއެކު އެންމެ މޮޅު ފަށުވިންނެވެ.

ކައުބާގެ އުރަކޮޅު އައުކުރުމަކީ މައްކާގެ އާދަތަކުގެ ތެރޭގައި ހިމެނޭ އާދަކާދައެކެވެ. ތާރީޚީ ރިވާޔަތްތަކުގައި ވާގޮތުން އެންމެ ފުރަތަމަ ގެފުޅުގެ އުރަކޮޅު ނުވަތަ ކިސްވާ ބަދަލުކުރަމުން އައީ އަހަރަކު ދެފަހަރުގައެވެ. އެހެން ނަމަވެސް އުޘްމާނީ ޚިލާފަތުގެ ދުވަސްވަރު، ގެފުޅުގައި އުރަކޮޅު ލައްވަމުން އައީ އަހަރަކު ތިން ފަހަރުއެވެ. އަދި އޭރު ގެފުޅުގެ އުރަކޮޅު ނުނަގައި މަތިމައްޗަށް ލަމުން އައުމަށް ފަހުގައި އެކަން ބަދަލު ކުރެއްވީ، އުސްމާނީ ޚިލާފަތުގެ ދުވަސްވަރު ޚަލީފާ ނާސިރެވެ.

އޭގެ ފަހުން މިއަދާ ހަމައަށްވެސް ގެފުޅުގެ އުރަކޮޅު ބަދަލު ކުރަނީ ކުރިން އޮތް އުރަކޮޅު ނެގުމަށް ފަހުގައެވެ.

2022 ވަނަ އަހަރާ ޖެހެންދެން ގެފުޅުގެ އުރަކޮޅު ބަދަލު ކުރަމުން އައީ ޙައްޖު ދުވަހުގައެވެ. ނަމަވެސް 2022 ފެށިގެން ސަޢޫދީ ޢަރަބިއްޔާޔާގެ ސަރުކާރުން ނިންމާފައި ވަނީ ކޮންމެ ހިޖުރީ އައު އަހަރަކާ ގުޅުވައި ގެފުޅުގެ "ކިސްވާ" ނުވަތަ އުރަކޮޅު ބަދަލުކުރުމަށެވެ.

އައު އުރަކޮޅު ބަދަލުކުރުމުގެ ރަސްމިއްޔާތު ފެށެނީ ކުރީގެ އުރަކޮޅު ނަގާ ހިސާބުންނެވެ. އެގޮތުން، ހަރަމްފުޅުގެ އޮފިޝަލުންނާއި މުވައްޒަފުން އިއްޔެ ވަނީ ދިގުމިނުގައި 6.35 މީޓަރު އަދި ފުޅާމިނުގައި 3.33 މީޓަރު ހުންނަ ކައުބާގެ ކުރީގެ އުރަކޮޅު ނަގާފައެވެ.

އުރަކޮޅު އައު ކުރުމުގެ ކަންތައްތައް ބަލަހައްޓަން ތަމްރީން ލިބިފައިވާ ކުޅަދާނަ 154 ފަންނުވެރިން މަސައްކަތްކުރިއެވެ. އެ މީހުން ޒިންމާތަކުގެ ތެރޭގައި ކުރީގެ ކިސްވާ އުފުލުމާއި، ރަނުން ޖަރީކޮށްފައިވާ އުފެއްދުންތައް ވަކިކުރުމާއި، އައު އުރަކޮޅު އެޅުވުން ހިމެނެއެވެ. މުޅި އުރަކޮޅުގެ ބަރުދަނުގައި ގާތްގަނޑަކަށް 1،415 ކިލޯ ހުރެއެވެ.

ގެގުޅުގެ އައު އުރަކޮޅުގައި އެމްބްރޮއިޑަރީއާއެކު 47 ކަޅު ސިލްކް ޕެނަލްއާއި 24 ކެރެޓްގެ ރަނުން ގިރިޓީކޮށްފައިވާ ރިހި ރޮދި ބޭނުންކޮށްގެން ކީރިތި ގުރުއާންގެ 68 އާޔަތް ލިޔެފައިވެއެވެ. މި ފަހަރުގެ އުރަކޮޅު އުފެއްދުމަށް ބޭނުންކުރީ 120 ކިލޯގެ ރަނުން ގިރިޓީކޮށްފައިވާ ރިހި ރޮއްޖާއި، 60 ކިލޯގެ ސާފު ރިއްސާއި، 825 ކިލޯގެ ސިލްކް، އަދި 410 ކިލޯގެ ރޯ ކޮޓަންއެވެ.