ޚަބަރު

ރިވައިވަލް ސްޕޯޓްސް އޭދަފުށި ޖޫނިއާ އޯޕަންގައި ވާދަވެރި މެޗުތަކެއް


ރިވައިވަލް ސްޕޯޓްސް އޭދަފުށި ޖޫނިއާ އޯޕަންގައި ފޯރިގަދަ ވާދަވެރި މެޗުތަކެއް ކުރިޔަށް އެބަދެއެވެ.

އިއްޔެއިން ފެށިގެން ކުރިޔަށްދާ މި މުބާރާތުގައި ޖުމްލަ 211 މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ.
އިއްޔެ ވަރަށް ވާދަވެރި ފޯރި ގަދަ މެޗުތަކެއް ފެނިގެންދިޔައިރު މިއަދު ހެނދުނުވެސް ވަނީ ވާދަވެރި މެޗުތަކެއް ކުޅެފައެވެ.

ރިވައިވަލް ސްޕޯޓްސް އިން ބުނީ މި މުބާރާތުގައި 166 ސިންގަލްސް ކުޅުންތެރިންނާއި، 67 ޑަބަލްސް ކުޅުންތެރިން ވާދަކުރާ ކަމަށެވެ.

މިއީ ރިވައިވަލް ސްޕޯޓްސްއިން ޖޫނިއާ އެތުލީޓުންނަށް ހާއްސަކޮށްގެން މި މުބާރާތް ބާއްވާ ހަތަރުވަނަ އަހަރެވެ. މިއީ ރިވައިވަލް ސްޕޯޓްސް އޭދަފުށި ޖޫނިއާ އޯޕަންގެ 2 ވަނަ އެޑިޝަނެވެ.

"ރިވައިވަލް ސްޕޯޓްސް އޭދަފުށި ޖޫނިއާ އޯޕަން 2025" ގެ ނަމުގައި ބާއްވާ މި މުބާރާތުގައި ކުރިޔަށްދަނީ 9 އަހަރުން ދަށް، 11 އަހަރުން ދަށް، 13 އަހަރުން ދަށް، 15 އަހަރުން ދަށް އަދި 17 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް، އަންހެން ސިންގަލްސް، ފިރިހެން ޑަބަލްސް އަދި އަންހެން ޑަބަލްސް ކެޓަގަރީގެ މެޗުތަކެވެ.

މި މުބާރާތް ކުރިޔަށްދާނީ ޖޫން 28 ގެ ނިޔަލަށް ބ. އޭދަފުށީ ޔޫތު ސެންޓަރުގައެވެ. މުބާރާތުގެ ފައިނަލް މެޗުތައް އޮންނާނީ ހޮނިހިރު ދުވަހުއެވެ.

ރިވައިވަލް ސްޕޯޓްސްއިން ބުނީ އެ ކުލަބުން އެންމެ އިސްކަންދޭ ކަމަކީ ޖޫނިއާ ލެވެލްގައި ކުޅުންތެރިން އުފައްދާ އެކުޅުންތެރިންގެ ހުނަރު ތަރައްޤީކުރުން ކަމަށެވެ. އެހެންކަމުން އޭދަފުށީ ޖޫނިއާ އޯޕަން މުބާރާތަކީ އެ މަގްސަދު ހާސިލުކުރުމަށް ވަރަށް މުހިންމު މުބާރާތެއް ކަމަށެވެ.

މި މުބާރާތަކީ ހުރިހާ އުމުރެއްގެ ހުނަރުވެރި ކުޅުންތެރިން ދެނެގަތުމަށް ލިބޭ ފުރުސަތެއް ކަމަށާއި ވާދަވެރި މާހައުލެއްގައި ހުނަރު ދައްކާލާނެ ޕްލެޓްފޯމެއް އެކުދިންނަށް ހޯދައިދިނުމުގެ މަގްސަދުގައި ބާއްވާ މުބާރާތެއް ކަމަށްވެސް ރިވައިވަލް ސްޕޯޓްސްއިން ބުންޏެވެ.

މި މުބާރާތުގައި ރިވައިވަލް ސްޕޯޓްސް ރޭންކިންގ ތަރުތީބުން ކުޅުންތެރިން ސީޑްކުރުމަށް ވަނީ ހަމަޖެހިފައެވެ.