ފީފާ ކްލަބް ވޯލްޑް ކަޕްގެ ގްރޫޕް އީ ގެ ދެވަނަ ޓީމުގެ ގޮތުގައި މެކްސިކޯގެ މޮންޓެރޭ މުބާރާތުގެ ދެވަނަ ބުރަށް ކޮލިފައިވެއްޖެ އެވެ.
މޮންޓެރޭ އަށް ދެވަނަ ބުރުގެ ޖާގައެއް ލިބިފައިވަނީ ޖަޕާނުގެ އުރާވާ ރެޑްސް އާއި ދެކޮޅަށް ގްރޫޕުގެ ފަހު މެޗުގައި ކުޅުނު މެޗު 4-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.
ޕަސަޑޭނާގެ ރޯޒް ބޯލް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި މޮންޓްރޭއިން ވަނީ ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެ އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ފޮނުވާލާފަ އެވެ.
އެގޮތުން މެޗުގެ 30 ވަނަ މިނިޓުގައި ނެލްސަން ޑެއޯސާ ވަނީ ލަނޑެއް ކާމިޔާބުކޮށް އެ ޓީމަށް ކުރި ހޯދަދީފަ އެވެ. އަދި އޭގެ ހަތަރު މިނިޓު ފަހުން ޖެމާން ބާރޓެރާމް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ.
މި މެޗުގައި މޮންޓެރޭ އިން ޖެހި ތިންވަނަ ލަނޑު މެޗުގެ 39 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޖިސޫސް ކޮރޯނާ އެވެ.
މެޗުގެ ނުވަ މިނިޓުގެ ތެރޭގައި ތިން ލަނޑު ޖެހުމާއިއެކު މި މެޗުގައި މޮންޓެރޭ އިން ތަފާތު ބޮޑު ނަތީޖާއެއް ނެރޭނެ ކަމަށް ގަބޫލުކުރެވުނު ނަމަވެސް އުރާވާ ރެޑްސް އިން ވަނީ އެ ޓީމުގެ ކުޅުން ދެވަނަ ހާފުގައި ވަރަށް ބޮޑަށް ރަގަޅުކޮށްފަ އެވެ.
ދެވަނަ ހާފުގައި އުރާވާއިން މޮންޓެރޭގެ ގޯލަށް ނުރައްކާތެރި ހަމަލަތަކެއް ފޮނުވާލާފައިވާއިރު އޭގެ ތެރެއިން އެއް ފުރުސަތުގައި ގޯލެއް ޖެހި ނަމަވެސް ވީޑިއޯ ބެލުމަށްފަހު ރެފްރީ ވަނީ އެއީ ލަނޑެއް ނޫން ކަމަށް ނިންމާފަ އެވެ.
މި މެޗުގައި މޮންޓެރޭ އިން ޖެހި ހަތަރުވަނަ ލަނޑަކީ މެޗުގެ އިތުރު ވަގުތުގައި ބާރޓެރާމް ޖަހައިދީފައިވާ ލަނޑެކެވެ.
މުބާރާތުގެ ދެވަނަ ބުރުގައި މޮންޓެރޭ އާއި ދެކޮޅަށް ނިކުންނާނީ ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމަންޑް އެވެ.