ޚަބަރު

ޔުވެންޓަސް ބަލިކޮށް ސިޓީ އެއްވަނަ އަށް


ފީފާ ކްލަބް ވޯލްޑް ކަޕްގައި ރޭ އިޓަލީގެ ޔުވެންޓަސް އާއި ދެކޮޅަށް މެންޗެސްޓަރ ސީޓީ ކުޅުނު މެޗު ކާމިޔާބުކޮށް ގްރޫޕް ޖީ ގެ އެއްވަނަ ޓީމުގެ ގޮތުގައި މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ހޯދައިފި އެވެ.

އޯލަންޑޯގެ ކޭމްޕިންގ ވޯލްޑް ސްޓޭޑިއަމްގައި ފަންސާސް ހަތަރު ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗު މެންޗެސްޓާރ ސިޓީ އިން ކާމިޔާބުކޮށްފައިވަނީ 5-2 ގެ ނަތީޖާއަކުންނެވެ.

މި މެޗުން މެންޗެސްޓަރ ސިޓީ މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ގްރޫޕް ގައި ކުޅުނު ތިން މެޗުންވެސް މޮޅުވެ ޖުމްލަ 9 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ މަގާމް ލިބިފަ އެވެ. މި މުބަރާތުގައި ވާދަކުރާ 32 ޓީމުގެ ތެރެއިން އެއްވެސް ޓީމަކަށް ގްރޫޕް ސްޓޭޖުގެ ތިން މެޗުން މޮޅުވެވިފައެއް ނެތެވެ.

މެންޗެސްޓަރ ސިޓީ އަތުން ޔުވެންޓަސް ބަލިވި ނަމަވެސް އެ ޓީމަށް ވަނީ ހަ ޕޮއިންޓާއެކު ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރުގެ ޖާގައެއް ލިބިފަ އެވެ.

އޯލަންޑޯގެ ގަދަ ހޫނުގައި ކުޅުނު މި މެޗުގެ 9 ވަނަ މިނިޓުގައި ސިޓީގެ ޖެރެމީ ޑޯކޫ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. ނަމަވެސް އޭގެ ދެ މިނިޓު ފަހުން ސިޓީގެ ގޯލު ކީޕަރު އެޑަސަން އަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ޔުވެންޓަސްގެ ކޫޕްމެއިނާރސް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

މި މެޗުގައި ސިޓީ އިން ދެވަނަ ފަހަރަށް ލީޑު ނަގާފައިވަނީ މެޗުގެ 26 ވަނަ މިނިޓުގައި ޔުވެންޓަސްގެ ޕިއޭ ކަލޫލޫ އަތުން ބައިކޮޅަށް ވަދެފައިޥާ ލަނޑުންނެވެ.

މެންޗެސްޓަރ ސިޓީ އިން ދެވަނަ ހާފަށް ނިކުތްއިރު ކޯޗު ޕެޕް ގަޑިއޯލާ ވަނީ އުމަރު މަރުމޫޝްގެ ބަދަލުގައި އާލިން ހާލަންޑް ކުޅެން އަރުވާފަ އެވެ.

އަދި ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަތްވަނަ މިނިޓުގައި ހާލަންޑް ވަނީ ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ. މި ލަނޑަކީ ހާލަންޑް މަތީ ފަންތީގެ ފުޓްބޯޅައިގައި ޖެހި 300 ވަނަ ލަނޑެވެ.

މެންޗެސްޓަރ ސިޓީ އިން ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވާ މި މެޗުގައި އެ ޓީމުން ޖެހި ހަތަރުވަނަ ލަނޑު މެޗުގެ 69 ވަނަ މިނިޓުގައި ފިލް ފޯޑެން ކާމިޔާބުކޮށްދިން އިރު މެޗުގެ 75 ވަނަ މިނިޓުގައި ސަވީނިއޯ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 5-1 އަށް ބަދަލުކޮށްފަ އެވެ.

ޔުވެންޓަސް އިން މި މެޗުގައި ޖެހި ދެވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނިޓަށް ވެފައިވަނިކޮށް އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޑުސާން ލަހޮވިޗް އެވެ.

މި މެޗުން މޮޅުވެ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ދެވަނަ ބުރަށް ކޮލިފައިވުމާއިއެކު މެންޗެސްޓަރ ސިޓީ އިން ދެވަނަ ބުރުގައި ވާދަކުރާނީ ގްރޫޕް އެޗްގެ ދެވަނަ އަށް ދާ ޓީމަކާއެވެ. ގްރޫޕް އެޗްގެ އެއްވަނަ އަދި ދެވަނައަށް ދާނީ ރެއާލް މެޑްރިޑް ނުވަތަ އޮސްޓްރިއާގެ ރެޑްބުލް ސާލްސްބަރގް އެވެ.