ފީފާ ކްލަބް ވޯލްޑް ކަޕްގެ ދެވަނަ ބުރުގެ ޖާގައެއް ސައުދި އަރަބިއްޔާގެ އަލް ހިލާލް އިން ހޯދައިފި އެވެ.
އަލް ހިލާލް އިން މި މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ހޯދާފައިވަނީ ގްރޫޕް އެޗްގެ ފަހު މެޗުގައި މިއަދު މެކްސިކޯގެ ޕަޗޫކާ އާއި ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ. މި މެޗުން މޮޅުވުމާއިއެކު އަލް ހިލާލް އަށް ވަނީ ގްރޫޕްގައި ކުޅުނު ތިން މެޗުން ޖުމްލަ ފަސް ޕޮއިންޓާއެކު ގްރޫޕްގެ ދެވަނަ މަގާމް ލިބިފަ އެވެ.
ނޭޝްވިލްގެ ޖިއޮޑިސް ޕާކް ގައި ކުޅުނު މި މެޗުގެ 22 ވަނަ މިނިޓުގައި އަލް ހިލާލްގެ ސާލިމް އަލް ދައުސާރީ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
ޕަޗޫކާ އަށް މި މުބާރާތުގައި ޕޮއިންޓެއް ލިބިފައިނުވާއިރު މި މެޗުން ރަގަޅު ނަތީޖާއެއް ހޯދުމަށް އެ ޓީމުން ރަގަޅު ކުޅުމެއް ދެއްކި ނަމަވެސް ސައުދި އަރަބިއްޔާގެ ލީގު ޗެމްޕިއަންކަން 19 ފަހަރު މަތިން ހޯދާފައިވާ އަލް ހިލާލްގައި ހިމެނޭ ތަޖުރިބާކާރު ކުޅުންތެރިން ވަނީ މި މެޗުގައި ރަގަޅު ކުޅުމެއް ދައްކާފަ އެވެ.
މި މެޗުގައި ޕަޗޫކާ އިން އުފެއްދި ގިނަ ހަމަލަތައް ހުއްޓުވުމުގައި އެންމެ މުހިންމު ދައުރެއް އަދާކޮށްފައިވަނި އަލް ހިލާލުގެ މޮރޮކޯ ގޯލު ކީޕަރު ޔަސީން ބޯނޯ އެވެ.
އަލް ހިލާލް އިން މި މެޗުގައި ޖެހި ދެވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ކުޅުމުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ މާކޮސް ލިއޮނާޑޯ އެވެ.
މި މުބާރާތުގެ ދެވަނަ ބުރުގައި އަލް ހިލާލް އާއި ދެކޮޅަށް ނިކުންނާނީ ގްރޫޕް ޖީ ގެ އެއްވަނަ ޓީމު ކަމުގައިވާ އިނގިރޭސިވިލާތުގެ މެންޗެސްޓަރ ސިޓީ އެވެ.