ގއ.ކޮލަމާފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް ހައްޔަރުކުރި މީހާ 11 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ގއ.ކޮލަމާފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މިމަހުގެ 25 ވަނަ ދުވަހު ކޮލަމާފުށީ ޕޮލިސް ސްޓޭޝަނުން އޮޕަރޭޝަނެއް ހިންގާފައިވާކަމަށެވެ. އަދި މިއޮޕަރޭޝަނުގައި އާރްޓީއެލް ފެރީގައި އެރަށަށް ދިޔަ ގއ.ކޮލަމާފުށީ ދޮންވެލި، ޝިފާއުﷲ ސަޢީދު ހުއްޓުވައި ބަލައި ފާސްކުރި އިރު އޭނާ ގެނައި ފޮށިގަނޑަކުން މަސްތުވާތަކެތި ކަމަށް ބެލެވޭ ޕެކެޓެއް ފެނިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.
ޢުމުރުން 44 އަހަރުގެ ޝިފާއުﷲ ހުއްޓުވަން އުޅުމުން މަޑުނުކޮށް ސައިކަލަށް އަރައިގެން ދާން އުޅުމުގެ ތެރޭގައި ވެއްޓި އޭނާގެ ކަނާތު ކަކުލާއި އުޅަނބޮށި މަށައިގެންގޮސް އަނިޔާވެފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
މިމައްސަލައާއި ގުޅިގެން އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 11 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން ވިދާޅުވީ މިމައްސަލަ ތަޙުގީގުކުރަމުންދާކަމަށެވެ.