ދެކުނު ކޮރެއާގައި ކުރިއަށްދާ އޭޝިއަން ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕުގައި ވާދަކުރަމުން އަންނަ ރާއްޖޭގެ 21 އަހަރުން ދަށުގެ ގައުމީ ނެޓްބޯޅަ ޓީމުން ޗައިނީސް ޓައިޕޭއާ ވާދަކޮށް މޮޅެއް ހޯދައިފިއެވެ.
މިމެޗުގައި ރާއްޖޭގެ ޓީމުން ވަރުގަދަ މޮޅު ކުޅުމެއް ދައްކާފަވާއިރު، މިމެޗުން ރާއްޖެ މޮޅުވެފަވަނީ 51-26 ގެ ބޮޑު ތަފާތަކުންނެވެ.
މި މަހުގެ ހަތާވީސްއިން އަންނަ ޖުލައި މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް އޮންނަ މުބާރާތުގައި ވާދަކުރުމަށް ރާއްޖޭގެ ޒުވާން ނެޓްބޯޅަ ޓީމުން ފުރާފަވަނީ މިމަހުގެ 25ވަނަ ދުވަހުއެވެ. ޖުމްލަ ހަ އަހަރުދުވަހުގެ މެދު ކެނޑުމަކަށްފަހު ޖޫނިއަރ ނެޓްބޯޅަ ޓީމުން މިމުބާރާތާ ކުރިމަތިލާފާވާއިރު، މިޓީމުންވަނީ ދާދިފަހުން ޗައިނާގެ ހޮންގް ކޮންގުގައި ނިމިގެންދިޔަ ބައުހީނިއާ ކަޕުގައި ވާދަކޮށް ފަޚުރުވެރި ތިންވަނަ ހާސިލްކޮށްފައެވެ.
މިމުބާރާތުގައި ރާއްޖޭގެ ޓީމުން ދެން ވާދަކުރަން ހަމަޖެހިފައިވަނީ ވަރުގަދަ ޖަޕާންއާއެވެ. މިމެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.
ދެކުނު ކޮރެއާގެ ޖޯންޖޫގައި ކުރިއަށްދާ ޖޫނިއަރ އޭޝިއަން ޗެމްޕިއަންޝިޕުގައި ޖުމްލަ 11 ގައުމަކުންދަނީ ވާދަކުރަމުންނެވެ. މިމުބާރާތުގެ ގަދަ ފަސް ޓީމު ޗެމްޕިއަންޝިޕަށް ދަތުރުކުރާއިރު، ދެން ބާކީ ތިބި ޓީމުތައް ކުޅެން ޖެހޭނީ ޕްލޭޓަށެވެ.
ޖޫނިއަރ އޭޝިއަން ޗެމްޕިއަންޝިޕް އެންމެ ފަހުން ބާއްވާފަވަނީ 2023 ވަނަ އަހަރެވެ. ދެކުނު ކޮރެއާގައި އެ މުބާރާތްވެސް ބާއްވާފައިވާއިރު، އެ އަހަރު ޗެމްޕިއަންކަން ހޯދަފައިވަނީ ސިންގަޕޫރު ބަލިކުރުމަށްފަހު މެލޭޝިއާއިންނެވެ.